ނަހަމަ ގޮތުގައި ފައިސާ ހޯދަމުންދާކަމަށް ތުހުމަތު ކުރެވޭ އިމިގްރޭޝަންގެ ފަސް އޮފިސަރެއްގެ މައްސަލައެއް ބަލަމުން ދާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ މުއައްސަސާތަކުގެ ތެރޭގައިތިބެ ޔުނިފޯމުގެ ހުރުމަތްކަނޑައި، ރައްޔިތުންގެ ކުރިމަތީ މުއައްސަސާތަކުގެ އިތުބާރު ގެއްލުވަމުންދާ ފަރާތްތަކާ ދޭތެރޭ ގާނޫނީގޮތުން އެޅޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އަންގަވައިފައިވާ ކަމަށެވެ.
އެގޮތުން މޯލްޑިވްސް އިމިގްރޭޝަންގެ ފަސް މުވައްޒަފުން ގާނޫނާއި ގަވާއިދުތަކާއި ޚިލާފަށް ބިދޭސީންނާއި ގުޅުންހުރި ބައެއް ކަންކަންކޮށް، އެކި ފަރާތްތަކުން ނަހަމަގޮތުގައި ފައިސާ ހޯދަމުންދާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ މައުލޫމާތު ލިބުމުން ފުލުހުން މެދުވެރިކޮށް އެމައްސަލަ ތަހުގީގު ކުރަމުން ދާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
"މިފަދަ ކަންކަމަކީ މިސަރުކާރުން އެއްވެސް ވަރަކަށް ތަހައްމަލު ކުރާނެކަންކަމެއްނޫން. މި މައްސަލާގައި މިހާރުވާނީ މި ދެންނެވުނު ފަރާތްތަކުން ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނު ހިފެހެއްޓި ދިރިއުޅޭ ތަންތަން ބަލައި ފާސްކުރެވިފައި،" އިހުސާން ވިދާޅުވިއެވެ.
ވަޒީރު ވަނީ މިމައްސަލައިގެ އިތުރު ތަފްސީލުތައް ތަހުގީގު ކުރިއަށް ދާވަރަކުން ފުލުހުންނާއި ކަމާބެހޭ އެހެން އިދާރާތައް ގުޅިގެން ހާމަކުރަމުންދާނެ ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރު ތެރޭ ހައްލުކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ އިތުުރުން ގަވައިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަން އޮފިސަރުން ނުކުމެއް އަންނަނީ އޮޕަރޭޝަންތައް ހިންގަމުންނެވެ.