ބައިރޫތު (27 ނޮވެންބަރު 2024): އިސްރާއީލާއި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތާ ދެމެދު ހިނގަމުންދިޔަ ހަނގުރާމައިގެ ހަމަލާތައް ވަގުތީ އެއްބަސްވުމެއްގެ ދަށުން ރޭ ވަނީ ހުއްޓާލާފައެވެ. ހަމަލާތައް ހުއްޓާލާފައިވަނީ ލުބްނާނުގެ ގަޑިން ރޭ ފަތިހު ހަތަރެއް ޖެހިއިރު އެވެ. ތިރީގައި މިވަނީ މިއެއްބަސްވުމުގައި ހިމެނޭ މައިގަނޑު ބައިތަކެވެ.
- ހިޒްބުﷲ އާއި ލުބްނާނުގައި އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ކުރާ އެނޫންވެސް ޖަމާއަތްތަކުން އިސްރާއީލާ ދެކޮޅަށް ހަމަލާ ދިނުން ހުއްޓާލުމާއި އޭގެބަދަލުގައި އިސްރާއީލުން އެއްގަމާއި ކަނޑާ އަދި ވައިގެމަގުން ލުބްނާނަށް ހަމަލާތައް އެއްކޮށް ހުއްޓާލުން
- ހަމަލާތައް ހުއްޓާލުމުގެ މިއެއްބަސްވުން ބިނާވެފައިވަނީ 2006ވަނަ އަހަރު ހިޒްބުﷲ އާއި އިސްރާއީލާ ދެމެދު ކުރި 43 ދުވަހުގެ ހަނގުރާމަ ހުއްޓާލުމަށް އެދުވަސްވަރު އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރު 1701ގެ މައްޗަށްކަން
- މިއެއްބަސްވުމާ ޚިލާފަށް ހަމަލާދީފިނަމަ އެކަމަށް ރައްދު ދިނުމުގެ ހައްގު ލުބްނާން (ހިޒްބުﷲ) އަށާއި އިސްރާއީލަށް ވެސް އޮންނާނެކަން.
- ދެކުނު ލުބްނާނުގައި ހަރަކާތްތެރިވެވޭނީ ލުބްނާނުގެ ސިފައިންގެ ލަޝްކަރުތަކާއި އދ. ގެ ލަޝްކަރުތަކަށްކަން
- ލުބްނާނަށް އެތެރެކުރާ ހަތިޔާރާއި ލުބްނާނުން ބޭރުކުރާ ހަތިޔާރުގެ ކަންތައް ލުބްނާނުގެ ސަރުކާރުން ބެލެހެއްޓުން
- ލުބްނާނުގައި ހަތިޔާރު އުފައްދާ ތަންތަނާއި މަރުކަޒުތަކަކީ ލުބްނާން ސަރުކާރުގެ ހުއްދަ އޮންނަ ތަންތަނަށްވުން
- ލުބްނާން ސަރުކާރުގެ ހުއްދަނުދޭ އަސްކަރީ މަރުކަޒުތަކާއި ތަންތަން ނައްތާލުން
- ލުބްނާނުގެ ސަރަހައްދީ ރޮނގުގައި ތިބި އިސްރާއީލު ސިފައިން 60 ދުވަހުގެ ތެރޭގައި އެތަނުން ދުރަށް ދިޔުން
- ލުބްނާނާއި އިސްރާއީލުގެ ސަރަހައްދީ ރޮނގުގައިވާ މިލްކުވެރިކަމުގެ އަރާރުން އުފެދިފައިވާ ސަރަހައްދުތަކުގެ މައްސަލަ ނުސީދާ ގޮތެއްގައި ވާހަކަ ދައްކައިގެން (އެމެރިކާއާއި އދ. މެދުވެރި އެއްގެ ބައި އަދާކޮށްގެން) ހައްލުކުރުން
މި އެއްބަސްވުމުގައި އިސްރާއީލަށް ހާސިލުނުކުރެވުން ކަންތައްތަކެއް ވެސް ވެއެވެ. އޭގެތެރޭގައި ހިމެނެނީ:
- ހިޒްބުﷲ، ލުބްނާނުގެ ލީތާނީ ކޯރާ ހަމައަށް ފަހަތަށް ޖެއްސުމުގައި ނާކާމިޔާބުވުން.
- ހިޒްބުﷲ އަތުން ހަތިޔާރު ނިގުޅައިގަންނާނެ ކަމަށް ބުނެ އިސްރާއީލު ކަނޑައެޅި މަގްސަދު ހާސިލް ނުވުން.
- ލުބްނާނަށް އެއްގަމު މަގުން ވަދެގަނެ ލުބްނާނުގެ ސަރަހައްދުގައި ފަސް ކިލޯމީޓަރުގެެ ބަފަޒޯނެއް (އިސްރާއީލަށް ރައްކާތެރިކަން ލިބޭ ސަރަހައްދެއް) ކަނޑައެޅުމުގެ މަގުސަދު ހާސިލް ނުވުން
- ހަނގުރާމަކޮށްގެން ހިޒްބުﷲ އަސްކަރީ ގޮތުން ބަލިކޮށް އިނދަޖައްސާލުމަށް ކަނޑައެޅި މަގުސަދު ހާސިލް ނުވުން.
- ހިޒްބުﷲ ނެތް މެދުއިރުމައްޗެއް ގެންނާނެކަމަށް ބުނެ ކަނޑައެޅި ލަނޑުދަނޑި ހާސިލް ނުކުރެވުން.
- އީރާނުގެ ހަތިޔާރު ސޫރިޔާގެ މަގުން ހިޒްބުﷲއަށް ލިބޭ މަގުތައް އެއްކޮށް ބަންދުކުރުމަށް ކަނޑައެޅި ލަނޑުދަނޑި ހާސިލް ނުވުން.
- އިސްރާއީލަށް ގޮނޑިކޮށްކޮ ހެދިގެން އުޅޭ ބާވަތުގެ ސަރުކާރެއް ލުބްނާނުގައި ގާއިމް ކުރުމަށް ކަނޑައެޅި ލަނޑުދަނޑި ހާސިލް ނުވުން.
- ބާރުގެ ބޭނުންކޮށްގެން ހިޒްބުﷲ ގެ ހަމަލާތައް އިސްރާއީލުގެ އުތުރުގެ އަވަށްތަކަށް ނާރާގޮތަށް ހަދައި އެތަންތަންތަން ދޫކޮށް އިސްރާއީލުގެ އެނޫން ސަރަހައްދުތަކަށް ރެފިއުޖީންގެ ގޮތުގައި ދިޔަ އެތަށް ލައްކަ ބަޔަކު އެމީހުންގެ އަވަށްތަކަށް އަނބުރައި ގެންނާނެކަމަށް އިސްރާއީލުން ކަނޑައެޅި ލަނޑުދަނޑި ހާސިލް ނުވުން.
- ހިޒްބުﷲ ގެ އިސްވެރިން ޝަހީދުކޮށްލައިގެން އެ ޖަމާއަތް އިނދަޖައްސާލެވޭކަމަށް ނުވަތަ ބަލިކޮށްލެވޭނެކަމަށް އިސްރާއީލުން ކުރި އުންމީދުތައް ވިއްސި ވިހާލިވެގެން ދިޔުން.
އިޒްރޭލެކޭ އެއްގޮތަށް ހިޒްބުﷲ އަށް ހާސިލް ނުކުރެވުނު މަގުސަދުތަކެއް ވެސް ވެއެވެ. އެއީ:
- ޣައްޒާއާ ދެކޮޅަށް އިސްރާއީލު ހިންގާ އުދުވާނާއި ގަތުލުއާންމުތައް ހުއްޓުވުމުގައި ނާކާމިޔާބުވުން.
- ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ގަތުލުއާންމުތައް ހުއްޓާލުމުގެ ކުރިން އިސްރާއީލަށް ދޭ ހަމަލާތައް ހުއްޓާނުލާނެކަމަށް ކަނޑައެޅި މަގުސަދު ހާސިލް ނުވުން.
ހަނގުރާމަ ނުކުރިނަމަވެސް ހިޒްބުﷲ އިން ފަންނީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ޣައްޒާގެ މުޖާހިދުންނަށް އެހީވާނެ ކަމަށް އެޖަމާއަތުންވަނީ ހާމަކޮށްފައެވެ.