ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެން މީހާ ޖޯން ޓިނިސްވުޑް އުމުރުން 112 އަހަރުގައި މަރުވެއްޖެއެވެ.
ގިނިސް ވޯލްޑް ރެކޯޑްސްއިން އަންގާރަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޓިނިސްވުޑް މަރުވީ ހޯމަ ދުވަހު އިނގިރޭސިވިލާތުގެ ސައުތުޕޯޓްގައި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ސެންޓަރެއްގައެވެ.
އޮގަސްޓް 26، 1912ގައި އުފަންވި ޓިނިސްވުޑްއަށް ދުނިޔޭގައި ހުރި އެންމެ ގިނަ ދުވަސްވީ ފިރިހެން މީހާގެ މަގާމު ލިބުނީ މިދިޔަ އޮގަސްޓް މަހުގެ 26ގައެވެ. އެހާތަނަށް އުމުރުން އެންމެ ދުވަސްވީ މީހަކަށް ހުރީ ވެނެޒުއެލާއަށް އުފަން އުމުރުން 114 އަހަރުގެ ވާން ވިސެންޓޭ ޕެރޭޒްއެވެ.
ޓިނިސްވުޑް މީގެ ކުރިން ގިނެސް ވޯލްޑް ރެކޯޑްސްއަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ އެހާ ގިނަ ދުވަހު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ ވަކި ސަބަބެއް ނޭނގުނު ނަމަވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހުރިހާ ކަމެއް ވެސް މެދުމިނުގައި ކުރުން ރަނގަޅު ކަމަށް ދެކޭ ކަމަށެވެ.
"މާ ގިނައިން ކައިބޮއެ ހެދުން ނުވަތަ މާ ގިނައިން ހިނގުން އަދި އެހެން ކަމެއްވެސް މާގިނައިން ކުރާނަމަ އެންމެ ފަހުން ތަކުލީފު އުފުލަން ޖެހޭނެ،" އޭނާ ބުނެފައިވެއެވެ.
"އަބަދު ވެސް ކުރެވެން އޮތް އެންމެ ރަނގަޅަކަށް ކަންތައް ކުރޭ. ކަމެއް ދަސްކުރިޔަސް ނުވަތަ މީހަކަށް އެއްޗެއް އުގަންނައިދިން ކަމުގައި ވިޔަސް."
ޓިނިސްވުޑް މަރުވުމާ ގުޅިގެން އޭނާގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނީ އޭނާއަކީ ވަރަށް ރަނގަޅު ސިފަތަކެއްގެ ވެރިއެއް ކަމަށެވެ. އޭނާއަކީ ވިސްނުން ތޫނު، ހިތްވަރުގަދަ، އަދި ހިސާބު ކިޔެވުމަށް ހުނަރުވެރި އަދި މޮޅު ވާހަކަ ދެއްކުންތެރިއެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ޓިނިސްވުޑް ކައިވެނިކޮށްފައިވަނީ 1942 އަހަރެވެ. އެ ކައިވެންޏަށް 44 އަހަރުވީ ފަހުން އޭނާގެ އަންހެނުން ވަނީ 1986ގައި ވަނީ މަރުވެފައެވެ. އޭނާގެ އަންހެން ދަރިފުޅާއި ހަތަރު ކާފަދަރިންނާއި ތިން މުނިކާފަ ދަރިން ދުނިޔޭގައި އެބަތިއްބެވެ.
ގިނެސްއިން ބުނާ ގޮތުގައި މިހާތަނަށް އެންމެ ދުވަސްވީ ފިރިހެނަކީ ޖަޕާނުގެ ޖިރޯއެމޮން ކިމޫރާ އެވެ. އެގޮތުން 1897 ވަނަ އަހަރު އުފަންވި ކިމޫރާ އުމުރުން 116 އަހަރުގައި ނިޔާވީ 2013 ވަނަ އަހަރު ކަމަށް ރެކޯޑު ފޮތުގައިވެއެވެ.
މިހާތަނަށް ރެކޯޑްކުރެވުނު އެންމެ ދުވަސްވީ މީހާއަކީ ޖީން ލޫއީސް ކެލްމާއެވެ.
އަށާރަ ސަތޭކަ ހަތްދިހަ ފަސް ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އުފަންވި ކެލްމާ ނިޔާވިއިރު، އުމުރަކީ 122 އަހަރާއި 164 ދުވަސް ކަމަށް ގިނެސް ވޯލްޑް ރެކޯޑްސްއިން ބުނެއެވެ.