މާލީ ތަނަވަސްކަން ތަންދޭ އެންމެ މަތީ ދަރަޖައަށް ޒުވާނުންނަށް ކުޅިވަރު ކުޅެވެންޖެހޭނެ: އައްބާސް

ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް: ވިދާޅުވީ ގައުމުގެ މާލީ ތަނަވަސްކަން ތަންދޭ އެންމެ މަތީ ދަރަޖައަށް ޒުވާނުންނަށް ކުޅިވަރުކުޅެވެންޖެހޭނެ ކަމަށް -- ފޮޓޯ/ މަޖިލިސް

ގައުމުގެ މާލީ ތަނަވަސްކަން ތަންދޭ އެންމެ މަތީ ދަރަޖައަށް ޒުވާނުންނަށް ކުޅިވަރުކުޅެ، މުނިފޫހިފިލުވުމުގެ ފުރުސަތުތައް ފަހިކޮށްދެވެންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޅިވަރުގެ ގާނޫނަށް އިސްލާހު ހުށަހަޅާފައިވާ ބިލަށް ބަހުސްކުރައްވާ މެންބަރު އައްބާސް ވިދާޅުވީ، ކުޅިވަރުގެ ގާނޫނުގައި އެއްވެސް ފަރާތެއް ތަފާތުނުކުރުމަށް ބަޔާންކޮށް އޮތް މާއްދާ އޮންނަތާ އެތައް ޒަމާންތަކެއްވެއްޖެ ކަމަށެވެ.

އެހެންނަމަވެސް، ވަރަށް ގިނަ ކުޑަ އަބާދީތަކަށް ކުޅިވަރު އޭގެ އެންމެ އެދެވޭ ގޮތުގައި ކުޅެވޭނެ މަގު ތަނަވަސްނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ މިސާލެއްގެ ގޮތުން އައްބާސް ނެންގެވީ އޭނާ ނިސްބަތްވާ ދާއިރާއެވެ.

"ފާއިތުވެ ދިޔަ ސަރުކާރުތަކުގެ އިހުމާލުގެ ވާހަކަދައްކަން މި ޖެހެނީ އިއްޒަތްތެރި ރައީސް. މިދިޔަ ސަރުކާރުގައި ވެލިދޫގެ ޒުވާނުންނަށް ފުޓްބޯޅަ ދަނޑެއް ފަސް އަހަރުގެ ދައުރެއް ނިމުނުއިރު [ނުނިންމުނު]. އަދިވެސް އެ ތަން އޮތީ މާދަމާ ވާރޭ ވެހުނަސް ސްވިމިން ޕޫލެއްގައި ފެންބޮޑުވާ ގޮތަށް ހަދާފައި،" އައްބާސް ވިދާޅުވިއެވެ.

"...ފުޓްސަލް ދަނޑެއް ނެތްތާ ފަސް އަހަރިވެގެން ދިޔައިރު، ދަނޑު ވީރާނާވެއްޖެ. މަރާމާތުނުކުރުމުގެ ސަބަބުން. އަނެއްކާ ދައުލަތުން ވީ ދައުލަތުގެ ބަޖެޓުން ފުޓްސަލް ދަނޑެއް ހަދަން،"

އައްބާސް ވިދާޅުވީ، މީގެ ކުރިން ގައުމަށް ލިބުނުހާ ފައިސާ ހެޔޮގޮތުގައި ބޭނުންކުރިނަމަ މިހާރު ރާއްޖެ ވާނީ މި ސަރަހައްދުގަ އެންމެ މުއްސަނދި އެއް ގައުމަށް ކަމަށެވެ. ނަމަވެސް، ނިމިދިޔަ ސަރުކާރުތަކަށް ލިބުނުހާ ފައިސާއެއް "އެ ބަޔަކަށް އަތުޖެހުނުގޮތަކަށް ވައްކަންކޮށް" ނިންމައިގެން ތިބި ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

"ދެވުނުގޮތަކަށް ދަމައިގެން އެ ތިބީ. ގައިގައި ކޫރުމެއް ނާޅާ އެބަތިއްބޭ މިލިއަނަރަރުންނަށް ވެފައި އިއްޒަތްތެރި ރައީސް. އަތުންފައިން ގުދު ބިންދައިގެން މަސައްކަތެއް ނުކޮށް. ކޮންތާކުން ނެރުނު ލާރިއެއް އެއީ؟ ސީދާ ހަރާން ލާރި އެއީ،" ނުރުހުން ފާޅުކުރައްވާ އައްބާސް ވިދާޅުވިއެވެ.

ޒުވާނުންނަށް އެ ރަށެއްގައި ތިބެގެން ކުޅިވަރު ކުޅެވެންވާނެކަން ފާހަގަކުރައްވާ އައްބާސް ވިދާޅުވީ، ދެން ދައްކަނީ ޒުވާނުން މަގުމަތިވާ ވާހަކަ ކަމަށެވެ. އޭނާ ވިދާޅުވީ ގައުމުގެ މާލީ ތަނަވަސްކަން ތަންދޭ އެންމެ މަތީ ދަރަޖައަކަށް ޒުވާނުންނަށް ކުޅިވަރުކުޅުމުގެ ފުރުސަތު ފަހިވާންޖެހޭނެ ކަމަށެވެ.

"ގައުމުގެ މާލީ ތަނަވަސްކަން ތަންދޭ އެންމެ މަތީ ދަރަޖައަކަށް ޒުވާނުންނަށް ކުޅިވަރުކުޅެވި، މުނިފޫހިފިލުވި، އެ ބޭފުޅުން ބޭކާރުގޮތުގައި ހޭދަކުރާ ވަގުތު ހެޔޮ ގޮތުގައި މުޖުތަމައަށް މަންފާކުރުވަނިވި ގޮތުގައި، ގައުމަށް ރީތި ނަމެއް ހޯދައިދެވޭނެ ގޮތުގައި މަސައްކަތްކުރާނެ ގޮތަކަށް ކަންތައްތައް ވެގެންދާން ޖެހޭނެ،" އައްބާސް ވިދާޅުވިއެވެ.

ކުޅިވަރުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ.

ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. އެގޮތުން، މިހާރު ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް އެ އިސްލާހުތަކާ އެކު ހައްލުވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

comment ކޮމެންޓް