އިސްރާއީލުން ލުބުނާނުގައި ކުރާ ހަނގުރާމަ ހުއްޓައިލުމަށް ހުށަހަޅައިފައިވާ އެއްބަސްވުމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ރުހުން ދެއްވައިފިއެވެ.
މައުލޫމާތު އިނގޭ ފަރާތަކާ ހަވާލާދީ ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ނަތަންޔާހޫ އެގޮތަށް ނިންމެވީ އިސްރާއީލުގެ ސަލާމަތީ ކަންކަމާބެހޭ އޮފިޝަލުންނާ އެކު އާދީއްތަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ.
ނަމަވެސް އެ އެއްބަސްވުމުގެ ބައެއް ތަފުސީލުތަކާ މެދު އިސްރާއީލުގެ ޝައްކުތަކެއް އަދިވެސް އެބަހުރި ކަމަށާއި އެ ތަފްސީލުތައް މިއަދު ލުބުނާން ސަރުކާރަށް ފޯރުކޮށްދޭނެ ކަމަށް ބެލެވޭކަމަށް ވެސް އެ ފަރާތުން މައުލޫމާތު ދެއެވެ.
އެކަންކަމާއި އެހެނިހެން ތަފުސީލުތަކާބެހޭ ގޮތުން އަދިވެސް މަޝްވަރާ ކުރަމުންދާއިރު، ހުރިހާ މައްސަލަތަކެއްގެ ހައްލު ލިބެންދެން އެއްބަސްވުން ފައިނަލް ނުވާނެ ކަމަށް ވެސް ސީއެންއެން އިން ރިޕޯޓުކޮށްފައިވެއެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިސްރާއީލުގެ ކެބިނެޓުން ފާސްކުރަން ޖެހޭނެ ކަމަށާއި އެކަން އަދި ނިމިފައި ނުވާކަން ވެސް ފާހަގަކޮށްފައިވެއެވެ.
މަޝްވަރާތަކާބެހޭ މައުލޫމާތު އެނގޭ މަސްދަރުތަކުން ބުނީ މަޝްވަރާތައް އެއްބަސްވުމާ އެއްކޮޅަށް ކުރިއަށްދާ ކަމަށް ފެންނަ ނަމަވެސް އިސްރާއީލާއި ހިޒްބުالله އިން އަދިވެސް ހަމަލާތައް ބަދަލުކުރަމުންދާތީ، އެއްބަސްވުމަކަށް ނުދިއުން ވެސް އެކަށީގެންވާ ކަމަށެވެ.
ފާއިތުވި ދުވަސްތަކުގައި ހިޒްބުالله އިން ދަނީ އެމެރިކާ އިސްވެ އޮވެ ހުށަހަޅާފައިވާ 60 ދުވަހުގެ މުއްދަތައް ހަނގުރާމަ ހުއްޓައިލުމަށް މަޝްވަރާ ކުރަމުންނެވެ.
އިސްރާއީލުން ލުބުނާނަށް ވައިގެ ހަމަލާތައް ދޭން ފެށީ ސެޕްޓެމްބަރު 23ވަނަ ދުވަހެވެ. އޭގެ ހަފުތާއެއް ފަހުން އެއްގަމު މަގުން ލުބުނާނުގެ ދެކުނަށް ހަމަލާތައް ދޭން ފަށާފައިވެއެވެ.
ރައްދުގައި ހިޒަބުﷲއިން ވެސް ހަމަލާތައް ދެމުން އަންނައިރު، ހަމަލާތައް ދިނުން ހުއްޓާލާނީ ޣައްޒާއަށް ހަމަލާދިނުން ހުއްޓާލުމުން ކަމަށް ހިޒްބުﷲއިން ވަނީ ބުނެފައެވެ.
އިސްރާއީލުން ދިން ހަމަލާތަކުގައި ލުބުނާނުގައި 3،500އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ހަނގުރާމައިގެ ސަބަބުން ގާތްގަނޑަކަށް 1.2 މިލިއަން މީހުން ނުވަތަ ލުބުނާނުގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ.