ޔުއޭފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން މެންޗެސްޓާ ސިޓީ ވިމެން ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލުން ސިޓީ ޖާގަ ހޯދީ ގްރޫޕް ޑީގައި ރަށުން ބޭރުގައި ހެމާބީއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށްގެންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ސިޓީން ބޯޅަ ގެންގުޅުނު ނަމަވެސް ހަމަލާ އުފެއްދިފައިވަނީ ދެ ޓީމަށް ވެސް ހަމަހަމަކޮށެވެ. މެޗުގެ ފުރަތަަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ސިޓީންނެވެ. މި ލަނޑު މެޗުގެ 31 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ނުރައްކާތެރި ފޯވަޑް ހަދީޖާ ޝޯއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ މި ލަނޑާ އެކު ސިޓީ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ ފެށުން ރަނގަޅު ވެގެންދިޔައީ ހެމާބީގެއެވެ. މިގޮތުން ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިންވަނަ މިނެޓުގައި އެ ޓީމުންވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެލެން އިންގެގާޑް ވެންގަހެއިމްއެވެ. ނަމަވެސް، ހެމާބީއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރިތާ ހަތަރު މިނެޓް ފަހުން ޝޯ މެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑާ އެކު ސިޓީން އަނެއްކާ ވެސް މެޗުގެ ލީޑު ނެގިއެވެ.
މި ކާމިޔާބީއާ އެކު ސިޓީ ވިމެންއަށް ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުވެގެންދިޔައީ ހަތަރު މެޗުން ލިބިފައިވާ 12 ޕޮއިންޓާ އެކުއެވެ. އަދި، ހެމާބީ އޮތީ ތިން ޕޮއިންޓާ އެކު ގްރޫޕްގެ ތިންވަނައިގައެވެ.
ގްރޫޕްގައި ދެން ހިމެނޭ ދެ ޓީމު ކަމަށްވާ އެންމެ ފަހުގެ ޗެމްޕިއަން އެފްސީ ބާސެލޯނާ ފެމެނިނީއާއި ސެއިންޓް ޕޯލްޓެން ބައްދަލުކުރި މެޗު ރަށުން ބޭރުގައި 4-1 އިން ކާމިޔާބުކޮށް، ބާސާއިން ވެސް ވަނީ ކުއާޓާ ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފައެވެ.
މެޗުގައި ބާސާގެ ހަތަރު ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކިކީ ނަޒެރެތު ދެ ލަނޑު އަދި ވިކީ ލޯޕޭޒްއާއި އެލެކްސިއާ ޕުޓެޔާސް އިން ކުރެ ކޮންމެ ކުުޅުންތެރިއެއް އެއް ލަނޑެވެ. މެޗުގައި ޕޯލްޓެންއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ވެލެންޓީނާ މަޑްލްއެވެ.
މި ކާމިޔާބީއާއެކު ބާސެލޯނާ ފެމެނީނީ އޮތީ ނުވަ ޕޮއިންޓާ އެކު ގްރޫޕްގެ ދެވަނައިގައެވެ. އަދި، ޕޯލްޓެންއަށް ހަތަރު މެޗުން ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.