ހިޒްބުﷲގެ މިސައިލް ހަމަލާތަކެއް އިސްރާއީލުގެ ވެރިރަށަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ހިޒްބުﷲ ގެ ހަމަލާތައް އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށް އަރާފައި

ޓެލްއަވީވު (19 ނޮވެންބަރު 2024) : ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން ދިން ރޮކެޓް ހަމަލާއެއް އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށް އެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ހިޒްބުﷲއިން ބުނީ ޓެލްއަވީވުގައިވާ ޓެރަރިސްޓް މަރުކަޒަކަށާއި އަސްކަރީ ހައްސާސް ޕޮއިންޓްތަކަކަށް ހަމަލާތަކެއް ދީފައިވާނެ ކަމުގައެވެ. އިސްރާއީލުގެ މީޑިއާ ބުނާގޮތުން ހިޒްބުﷲ ދިން މިސައިލް ހަމަލާތަކެއް ޓެލްއަވީވުގެ އެތައް އިމާރާތަކަށް އެރުމުގެ ސަބަބުން މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމުގައެވެ.

މި ހާދިސާގެ ވީޑިޔޯ ތަކުން ހާމަވާގޮތުގައި އެތައް އިމާރާތެއްގައި ވަނީ އަލިފާން ރޯވެފައެވެ. އިސްރާއީލުގެ އެންބިއުލަންސް ޚިދުމަތް ބުނާގޮތުން މި ހަމަލާތަކުގައި ހަ މީހަކު ޒަޚަމްވިއެވެ. މީގެތެރެއިން އެކެއްގެ ހާލަތުވަނީ ފުރާނައަށް ނުރައްކާ ހާލަތުގައެވެ.

އިސްރާއީލު ސިފައިންގެ ބަޔާނެއް ބުނާގޮތުން ޓެލްއަވީވުގެ އިމާރާތްތަކަށް ވެއްޓިފައިވަނީ ހިޒްބުﷲ ގެ މިސައިލްތަކަކަށް ހުރަސްއަޅަން އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތަކުން ފޮނުވި ރޮކެޓްތަކެއްގެ ބައިތަކެކެވެ.

ނަމަވެސް އިސްރާއީލުގެ ފުލުހުންގެ ބަޔާނެއް ބުނާގޮތުން ޓެލްއަވީވުގެ އިމާރާތްތަކަކަށް އަރާފައިވަނީ ސީދާ ހިޒްބުﷲ އިން ފޮނުވީ މިސައިލް ތަކެކެވެ. އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތައްވަނީ ހިޒްބުﷲ އިން ޓެލްއަވީވަށް ފޮނުވާލި މިސައިލްތައް ވައްޓާލުމުގައި ނާކާމިޔާބު ވެފައެވެ.

އިސްރާއީލުގެ ފަޔާ އެންޑް ރެސްކިއު އޮތޯރޮޓީ ބުނާގޮތުން މި ހަމަލާތަކުގެ ސަބަބުން ތިން އިމާރާތްތަކަށާއި ތަކެއްޗަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މިވަރުގެ ބޮޑު ގެއްލުމެއް ޓެލްއަވީވުން ފެނިފައިނުވާކަމަށް އެ އިދާރާގެ މަސްއޫލުވެރިޔާ ބުނެފައިވެއެވެ.

އިސްރާއީލު ކޮންމެ ދުވަހަކު ގެންދަނީ ލުބްނާނުގެ އެކި ސަރަހައްދުތަކަށް ހަމަލާދީ ގިނަ އަދަދަކަށް އާންމުން މަރަމުންނެވެ. އަދި ޣައްޒާގެ އާންމުންނަށްވެސް ކޮންމެ ދުވަހަކު ހަމަލާދީ 70 އިން 80 އިން މީހުން މަރަމުން ގެންދެއެވެ.

ހަމާސް ޖަމާއަތުން އިއްޔެވަނީ އިސްރާއީލު ސިފައިންގެ ހަތަރު މީހަކު ޣައްޒާގައި މަރާފާއެވެ. އިސްރާއީލު އިއްޔެ ވަނީ ހިޒްބުﷲ ގެ މީޑިއާ އާބެހޭ ތިން މީހަކު މަރާލާފައެވެ.

އިސްރާއީލަށް ރައްދު ދިނުމުގެ ގޮތުން މިފަހަކަށް އައިސް ހިޒްބުﷲ ދޭ މިސައިލް ހަމަލާތަކުގެ ބޮޑުބައެއް އިސްރާއީލަށް އަރައެވެ. ހިޒްބުﷲ ގެ އެތައް މިސައިލެއް ފާއިތުވި ހަފުތާތަކުގައި ވަނީ އިސްރާއީލުގެ އިގްތިސާދީ ސިޓީކަމަށްވާ ހައިފާއަށް އަރާފައެވެ. މިކަމުގެ ސަބަބުން އިސްރާއީލަށް ގެއްލުންތައް ލިބެމުންދެއެވެ.

އެންމެ ބޮޑު ގެއްލުމަކީ އިސްރާއީލަކީ އަމަން އަމާންކަން ނެތް ގައުމެއް ކަން ހާމަވެގެން ދިޔުމެވެ. އިސްރާއީލަކީ އަމަން އަމާންކަން ނެތް ގައުމެއް ކަމުގެ އިހްސާސް އިސްރާއީލުގެ އާންމުންނަށާއި އިސްރާއީލުގައި އިންވެސްޓް ކޮށްގެން އުޅޭ އިންވެސްޓަރުންނަށް ކުރެވޭތީ އެ މީހުން ދަނީ އިސްރާއީލު ދޫކޮށް އެހެން ގައުމުތަކަށް ދާންފަށާފައެވެ. މިއީ އިސްރާއީލަށް އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭކަމެކެވެ.

މިއަދު ހިޒްބުﷲ އިން ދިން މިސައިލް ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ މައި އެއާޕޯޓްކަމަށްވާ ބެންގޯރިއަން އެއާޕޯޓްވެސް ވަގުތީ ގޮތުން ބަންދުކުރިއެވެ. ނަމަވެސް ފަހުން ވަނީ ހުޅުވާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު