އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނިތަކުން ލިޔުންތެރިންގެ އުފެއްދުންތައް ހުއްދައަކާ ނުލައި ބޭނުންކުރާތީ، އެކަމާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުން 10،000 އެއްހާ ލިޔުންތެރިން ގުޅިގެން "ހުސް" ފޮތެއް ނެރެފިއެވެ.
“ޑޯންޓް ސްޓީލް ދިސް ބުކް” (މި ފޮތް ވަގަށް ނުނަގާ) ގެ ނަމުގައި ނެރުނު މި ފޮތުގައި އެއްވެސް ލިޔުމެއް ނުވެއެވެ. އޭގެ ބަދަލުގައި ފޮތުގައި ހިމަނާފައިވަނީ ހަމައެކަނި މި އިހުތިޖާޖުގައި ބައިވެރިވި ލިޔުންތެރިންގެ ނަންތަކެވެ.
މީގެ ތެރޭގައި ކަޒުއޯ އިޝިގުރޯ، ފިލިޕާ ގްރެގަރީ އަދި ރިޗަޑް އޮސްމަން ފަދަ ދުނިޔޭގެ މަޝްހޫރު ލިޔުންތެރިން ހިމެނެއެވެ.
މި ފޮތް ބަހަން ފަށާފައިވަނީ މިއަދު ފެށި ލަންޑަން ބުކް ފެއާގައެވެ. މި އިހުތިޖާޖު ކުރިއަށް މިދަނީ، އިނގިރޭސިވިލާތުގެ ކޮޕީރައިޓް ގާނޫނަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކާ ގުޅޭގޮތުން އެ ގައުމުގެ ސަރުކާރުން އިގުތިސާދީ ދިރާސާއެއް އާންމުކުރުމަށް ހަފުތާއަކަށް ވެފައި ވަނިކޮށެވެ.
މި ފޮތް އެކުލަވާލުމުގައި އިސްކޮށް ހަރަކާތްތެރިވި ކޮމްޕޯޒަރު އަދި ކޮޕީރައިޓް ހިމާޔަތްކުރުމަށް ވަކާލާތުކުރާ އެޑް ނިއުޓަން-ރެކްސް ބުނީ، އޭއައި ސިނާއަތް ބިނާވެފައިވަނީ މީހުންގެ އުފެއްދުންތައް ވަގަށް ނަގައިގެން ކަމަށެވެ. އަދި މިއީ އެއްވެސް ހުއްދައެއް ނުވަތަ އުޖޫރައަކާ ނުލައި ކުރަމުންދާ ކަމެއްކަން އޭނާ ފާހަގަކުރިއެވެ.
އޭއައި މޮޑެލްތައް ތަމްރީނުކުރުމަށްޓަކައި އިންޓަނެޓުގައި ހުންނަ ކޮޕީރައިޓް ކުރެވިފައިވާ ގިނަ އަދަދެއްގެ ލިޔުންތައް ކުންފުނިތަކުން ބޭނުންކުރެއެވެ. މިކަމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފެއްދުންތެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ބައެއް ބޮޑެތި އޭއައި ކުންފުނިތަކާ ދެކޮޅަށް ކޯޓުތަކަށް މައްސަލަތައް ވެސް ވަނީ ހުށަހަޅާފައެވެ.