މޮސްކޯ (18 ނޮވެންބަރު 2024) : އެމެރިކާގެ ހަތިޔާރު ބޭނުންކޮށްގެން ރަޝިއާގެ އެތެރޭގެ އެންމެ ފުނަށް ހަމަލާދިނުމުގެ ހުއްދަ އެމެރިކާގެ ރައީސް ޖޯ ބައިޑެން، ޔުކްރެއިންއަށް ދެއްވުމާއެކު ރަޝިއާއާއި އެމެރިކާގެ ކުރިމަތިލުމެއް ހިނގައިފާނެކަމުގެ ބިރު ހީވެއްޖެއެވެ.
ނަން ހާމަކުރަން ބޭނުންނުވާ އެމެރިކާގެ ދެ މަސްއޫލުވެރިއަކު ބޭރުގެ ނޫސްތަކަށް ވިދާޅުވިގޮތުގައި އެމެރިކާއިން ޔުކްރެއިންއަށް ދީފައިވާ ދުރުރާސްތާގެ މިސައިލް ބޭނުންކޮށްގެން ރަޝިއާގެ އެތެރޭގައިވާ އަސްކަރީ ބޭސްތަކާއި ހަތިޔާރުގެ ކާރުޚާނާތައްފަދަ ރަޝިއާގެ ހައްސާސް ތަންތަނަށް ހަމަލާދިނުމުގެ ހުއްދަ ރައީސް ބައިޑެން މިހާރުވަނީ ޔުކްރެއިންގެ ސަރުކާރަށް ދެއްވާފައެވެ. މިއާއެކު ރަޝިއާގެ ޕާލަމެންޓްގެ ބައެއް މެންބަރުންވަނީ ޔުކްރެއިނުން ހުޅަނގުގެ ހަތިޔާރު ބޭނުންކޮށްގެން ރަޝިއާގެ އެތެރެއަށް ހަމަލާދޭންފަށައިފިނަމަ ރަޝިއާއާއި އެމެރިކާއާ ދެމެދު ސީދާ އަސްކަރީ ކުރިމަތިލުމެއް ހިނގައިފާނެކަމުގެ އިންޒާރު ދެއްވާފައެވެ.
ޔުކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ ބައިޑެން މި ހުއްދަ ދެއްވިކަން ނުސީދާ ގޮތެއްގައި ހާމަކުރައްވައިފައެވެ. ޔުކްރެއިންގެ މީޑިއާތަކަށް ދެއްވި ބަޔާނެއްގައި އޭނާ ވިދާޅުވީ ރަޝިއާއާ ދެކޮޅަށް މުނާސަބު ފިޔަވަޅުތަކެއް އެޅުމުގެ ފެހިއަލި މިހާރު ލިބިފައިވުމަކީ ޔުކްރެއިންގެ ހިތްހަމަ ޖެހުމެއް ކަމުގައެވެ.
ހުޅަނގުން ޔުކްރެއިންއަށް ދީފައިވާ ޒަމާނީ ހަތިޔާރުތަކުގެ ތެރޭގައި އެމެރިކާގައި އުފައްދާ "އަޓަކަމްސް" މަރުކާގެ މިސައިލާއި އިނގިރޭސިވިލާތުގައި އުފައްދާ "ސްޓޯމްޝެޑޯ" މިސައިލް ހިމެނެއެވެ. މިއީ ރަޝިއާގެ އެތެރޭގެ ސަރަހައްދުތަކަށް ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ މިސައިލްތަކެވެ.
ކުރިން މިތަކެތި ބޭނުންކޮށްގެން ރަޝިއާގެ އެތެރެއަށް ހަމަލާދިނުމުގެ ހުއްދަ އެމެރިކާވެސް އަދި އިނގިރޭސިވިލާތުން ވެސް ދީފައެއް ނުވެއެވެ. ނަމަވެސް މި ދެ ގައުމުވެސް މިހާރު ވަނީ ޔުކްރެއިންއަށް މި ހުއްދަ ދީފައިކަން ވަނީ ހާމަވެފައެވެ.
ރަޝިއާ ދެކޮޅަށް ހަނގުރާމަ ކުރަން ބޭނުންވާ ހަތިޔާރު ޔުކްރެއިންއަށް ފޯރުކޮށްދެނީ މައިގަނޑު ގޮތެއްގައި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންނެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ އާއި އެމެރިކާއާއި ޔޫރަޕްގެ މަސްއޫލުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ރަޝިއާގެ ހައްސާސްތަންތަނަށް ގަދަ ފަދަ ހަމަލާތައް ދެވިއްޖެނަމަ ރަޝިއާ އަސްކަރީ ގޮތުން ބަލިކުރެވިދާނެއެވެ. ނުވަތަ ހުޅަނގާއި ޔުކްރެއިން ބޭނުންވާފަދަ ސުލްހައަކަށް ދިޔުމަށް ރަޝިއާއަށް މަޖުބޫރު ކުރެވިދާނެއެވެ.
ނަމަވެސް ރަޝިއާ އަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބާރުގަދަ އަސްކަރިއްޔާ ކަމަށް ވެފައި ރަޝިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިޔާ ބާރުކަމުން އަސްކަރީ ގޮތުން ރަޝިއާ ބަލިކުރުމަކީ ގާތްގަނޑަކަށް މުސްތަހީލް ކަމެއްކަމަށް ތަޖުރިބާކާރުން ދެކެއެވެ. ރަޝިއާ ވަނީ އެ ގައުމުގެ ދިފާއުގައި ޔުކްރެއިން އާ ދެކޮޅަށް ނިއުކްލިޔާ ހަތިޔާރު ބޭނުންކުރަން ޖެހިއްޖެ ހާލަތަކަށް ގޮސްފިނަމަ އެކަންވެސް ކުރާނެކަމުގެ އިންޒާރު ދީފައެވެ.
ރަޝިއާ ދެކޭގޮތުގައި ޔުކްރެއިންގެ ފަހަތުގައި އޮވެގެން ރަޝިއާ އާ ދެކޮޅަށް ހަގީގަތުގައި ހަނގުރާމަކުރާ ފަރާތަކީ އެމެރިކާއާއި އެމެރިކާގެ ޕްރޮކްސީ ގައުމުތައް ހިމެނޭ ނޭޓޯއެވެ. އެހެންކަމުން ނޭޓޯގެ ކުރިމަތީގައި ފަހަތަށް ޖެހުމަކީ އަމިއްލައަށް މަރުވުންކަމަށް ރަޝިއާގެ މަސްއޫލުވެރިން ވަނީ ސިފަކުރައްވާފައެވެ.
ހުޅަނގުގެ ހަތިޔާރު ބޭނުންކޮށްގެން ރަޝިއާގެ އެތެރޭގެ އެންމެ ފުނަށް ހަމަލާދިނުމަށް ޔުކްރެއިންއަށް ހިތްވަރު ދެއްވައި ފަރަންސޭސި ރައީސް އިންމަނުއެލް މެކްރޯން އާއި ޔޫރަޕްގެ އިއްތިހާދުގެ ރައީސާ އުރުސުލާ ވޮންޑަލެޔެން އިއްޔެވަނީ ވާހަކަ ދައްކަވާފައެވެ. އެ ދެ ބޭފުޅުން ވިދާޅުވިގޮތުގައި ޔުކްރެއިންއަކީ ރަޝިއާގެ ހަމަލާތަކުގެ ޝިކާރައަކަށް ވެފައިވާ ވިކްޓިމް އެކެވެ.
ރަޝިއާ ވަނީ ޔުކްރެއިންގެ ބިމުގެ 20 އިންސައްތަ ހިފާފައެވެ. އެހެންކަމުން އަމިއްލަ ނަފްސުފެ ދިފާއުގައި ރަޝިއާގެ ކޮންމެ ތަނަކަށް ހަމަލާދިނުމުގެ ހައްގު ޔުކްރެއިންއަށް އޮންނާނެ ކަމަށް މިދެބޭފުޅުން ވިދާޅުވިއެވެ.
ނަމަވެސް މި ދެ ބޭފުޅުން ގެންދަވަނީ ފަލަސްތީނަކީ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރުގެ ވިކްޓިމް އެއްކަމަށް ގަބޫލުކުރުމަށް ފާޅުގައި ދެކޮޅު ހައްދަވަމުންނެވެ. އެމެރިކާއާއި ޔޫރަޕްގެ އެހެން ލީޑަރުންނެކޭ އެއްގޮތަށް ފަރަންސޭސި ރައީސް އާއި ޔޫރަޕްގެ އިއްތިޙާދުގެ ރައީސާވެސް ދެކެވަޑައިގަންނަވާ ގޮތުގައި ފަލަސްތީނު މައްސަލާގައި އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ހައްގު އޮންނަންޖެހޭނީ ފަލަސްތީނަކަށް ނޫނެވެ. އިސްރާއީލަށެވެ.
އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭކަން މިދެބޭފުޅުންވެސް ގަބޫލުކުރައްވައެވެ. އެެހެންނަމަވެސް މިނިވަންކަމަށްޓަކައި އިސްރާއީލާ ދެކޮޅަށް މަސައްކަތް ކުުރުމުގެ ހައްގާއި އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގު ފަލަސްތީނަށް ލިބިގެން ނުވާނެކަމަށް އެމެރިކާއާއި ޔޫރަޕްގެ އެހެން ލީޑަރުންނެކޭ އެއްގޮތަށް މިދެބޭފުޅުންވެސް ގަބޫލު ކުރައްވައެވެ.
ހުޅަނގުގެ ހަތިޔާރު ބޭނުންކޮށްގެން ރަޝިއާގެ އެތެރޭގެ އެންމެ ފުނަށް ހަމަލާދިނުމުގެ ހުއްދަ އެމެރިކާއާއި އިނގިރޭސި ލީޑަރުން ދެއްވުމާއެކު ރަޝިއާ ވަނީ ޔުކްރެއިންގެ ވެރިރަށް ކިޔޭވް އާއި ޔުކްރެއިންގެ ބޮޑެތި ސިޓީތަކަށް އާދަޔާ ޚިލާފު ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
ޔުކްރެއިން ބުނާގޮތުން ރަޝިއާގެ ހަމަލާތައް އަމާޒުކޮށްފައިވަނީ އެގައުމުގެ އަސްކަރީ މަރުކަޒުތަކަށާއި ހަކަތައިގެ މަރުކަޒުތަކަށެވެ. މީގެތެރޭގައި ޔުކްރެއިންގެ ކަންކޮޅުތަކަށް ކަރަންޓް ފޯރުކޮށްދޭ އިންޖީނުގެތަކާއި ތެޔޮރައްކާކުރާ ތަންތަން ހިމެނެއެވެ. ރިޕޯޓްތައް ބުނާގޮތުން ހަކަތައިގެ އެތައް މަރުކަޒެއް ވަނީ ރަޝިއާގެ ހަަމަލާތަކުގައި ފުނޑުފުނޑު ވެފައެވެ. މިއީ މިހާތަނަށް ރަޝިއާ ޔުކްރެއިންއަށް ދިން އެންމެ ވަރުގަދަ ހަމަލާތައްކަމަށްވެއެވެ. އެމެރިކާއާއި ނޭޓޯއިން ވަނީ ރަޝިއާގެ މި ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.