"ދިވެހި ގައުމިއްޔަތުގެ އިސްވަރު"ގެ އޮފީސް ހުޅުވައިފި

ދިވެހި ގައުމިއްޔަތުގެ އިސްވަރު"ގެ އޮފީސް ހުޅުއްވައިދެއްވީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު -- ފޮޓޯ/ ޕީއެސްއެމް ނިއުސް

ދިވެހި ގައުމިއްޔަތުގެ އެކި ބަހާތައް ކިޔަވައިދޭ ކޮލެޖު "ދިވެހި ގައުމިއްޔަތުގެ އިސްވަރު"ގެ އޮފީސް މިއަދު ހުޅުވައިފިއެވެ.

މި ކަމަށް ޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ގައުމިއްޔަތު ކޮލެޖުގެ އޮފީސް ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.

މި ރަސްމިއްޔާތުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު ވިދާޅުވީ ގައުމިއްޔަތުގެ އިސްވަރުގެ ޒިންމާތަކުގެ ތެރޭގައި ކޮންމެ ނަކަތެއްގައި އަދި ކޮންމެ މޫސުމެއްގައި ވެސް މަސައްކަތެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ކޮންމެ އަހަރަކު ބޮޑު ދެ ކޮންފަރެންސެއް ބޭއްވުމަކީ ވެސް ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

"...މިހާރު މި ދާއިރާ ބައްޓަންވެފައި އޮންނަ ގޮތުން ވުޒާރާއެއް ހުރެފައި، މި ދެންނެވި ދިރާސާތައް ކުރުމަށް މަރުކަޒެއް ހުރެފައި އަދި އިސް ބެލުންތައް ބަލައި ގޮތް ކަނޑައެޅުމުގައި އިސްވަރެއް އޮވެފައި، އަދި އޭގެ އިތުރަށް ތަރިކަ ބަލަހައްޓާ ނުވަތަ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒެއް ހުރެފައި އަދި ދިވެހިބަހުގެ އެކެޑަމީ ހުރެފައި، އެއް ކުޑައިގެ ދަށަށް މި މުޅި ދާއިރާ އަންނަ އައުން ހަގީގަތުގައި ވެގެންދާނީ ގުޅިގެން ކުރެވޭ ވަރަށް ބޮޑު، ވަރަށް މުހިންމު ގައުމީ މަސައްކަތަކަށް"

ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ މާހިލް އާތިފް

ވަޒީރު ވިދާޅުވި ގޮތުގައި އިސްވާރުންގެ މި މަސައްކަތަކީ އެކި މުއައްސަސާތަކާއި މި ދާއިރާއަށް ލޯބިކުރާ އެކި ފަރާތްތަކަށް ވެސް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.

ގައުމިއްޔަތު ކޮލެޖުގެ ކައުންސިލްގައި ފަސް ބޭފުޅަކު ހިމެނެއެވެ. ރައީސް މުއިއްޒު ވަނީ މީގެ ކުރިން އެ ފަސް ބޭފުޅުންނަށް އިސްވާރުކަމުގެ ލިޔުން ހަވާލު ކުރައްވައިފައެވެ. އެ ބޭފުޅުންނަކީ:

  • ދިވެހިބަހުގެ އިސްވާރު - މަރްޔަމް ތައުފީގާ
  • ދިވެހި ތާރީޚުގެ އިސްވާރު - އަހްމަދު ޝާކިރު
  • ދިވެހި ތަރިކައިގެ އިސްވާރު - ހަސަން ޒަރީރު
  • ދިވެހި ސުމޭކުގެ އިސްވާރު - މުހައްމަދު އަބްދުލްގާދިރު
  • ދިވެހި ފަންނުގެ އިސްވާރު - މަރްޔަމް އިޝާ އަޒީޒް

ފަސް ދާއިރާއަކުން އިސްވާރުން ކަނޑައަޅާފައިވާއިރު، އެއިން ކޮންމެ ދާއިރާއަކުން ވިޔުގައެއް އެކުލަވާލާނެ ކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ. އެ ގޮތުން ދިވެހި ގައުމިއްޔަތުގެ އިސްވަރަކީ، ގައުމިއްޔަތުގެ ހުރިހާ ދާއިރާއަކަށް ލޯބިކުރާ ފަރާތްތަކުގެ ބައިވެރިވުން ހިމެނޭ މަރުކަޒެއް ކަމަށް ވެސް މިނިސްތަރު ވިދާޅުވިއެވެ.

ދިވެހި ގައުމިއްޔަތު އަލުން އިއާދަކުރުމުގެ ސިޔާސަތުގެ ދަށުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

comment ކޮމެންޓް