އެއް އަހަރުގެ ކާމިޔާބީ: ކުށްކުރުމަށް ހުރި ފުރުސަތުތަކަށް ހައްލު ހޯދަން ފެށިއްޖެ

މި ސަރުކާރަށް އެއް އަހަރު ފުރުނުއިރު، ހޯދުނު އެންމެ ބޮޑު އެއް ކާމިޔާބަކީ ޒަމާނުއްސުރެ ހުރި ގާނޫނުތަކުގެ ތެރެއިން ވެސް ކުށްކުރުމަށް ހުރި ފުރުސަތުތައް މުޅިން ނައްތައިލުމަށް ޓަކައި ކުރަންޖެހޭ ދިރާސާތައް ކުރެވި ގާނޫނުތަކަށް އިސްލާހު ހުށަހެޅުންކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

މި ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން، މި އެއް އަހަރު ތެރޭ ހާސިލްވި ކާމިޔާބީތަކާ ގުޅޭގޮތުން "ސަން"އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އިހުސާން ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައީ ސީރިއަސް މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ. ނަމަވެސް އެ ކަން ކުރަން ބެލިއިރު ދާޚިލީ ސަލާމަތާ ބެހޭ އެކި އިދާރާތައް ހުރީ އެކި ވުޒާރާތަކުގެ ދަށުގައި ކަމަށާއި އެހެންވެ އިދާރާތައް ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުމުގައި ކޮންމެވެސް މިންވަރަކަށް ދަތިތައް ހުރިކަމަށް ވިދާޅުވިއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން -- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް

"މި ކަންކަން ހައްލުވާ ގޮތަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއޮތީ މިކަމާ ގުޅޭ ހުރިހާ އިދާރާއެއް މި ވުޒާރާގެ ދަށަށް ގެނެސްފައި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އުފައްދަވައިފައި،" އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ އާ މެންޑޭޓަކާއެކު ހޯމް މިނިސްޓްރީ ރައީސް އުފެއްދެވީ މުޅި މުޖުތަމައުގައި ހުރި މައްސަލަތައް ހައްލުކޮށް، ރައްޔިތުންނަށް ސަލާމަތްތެރިކަން ކަށަވަރުކޮށްދީ، ކަންބޮޑުވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ކަމަށެވެ. އޭގެ ތެރޭގައި ގޭންގު ކުށްތައް ހުއްޓުވުމާއި، މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލު ގެނައުމާއި، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމާއި ކުޑަކުދިން ކުށުގެ ވެށިން ސަލާމަތްކުރުމާއި އެ ނޫން ކަންކަން ހިމެނޭކަމަށް އިހުސާން ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ މި އެއް އަހަރު މި މައްސަލަތައް ހުރި ސަބަބާމެދު ދިރާސާކޮށް ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ވާނެ މި ގޭންގާ ގުޅޭ ގާނޫނު، އެއީ 2012ވަނަ އަހަރުންސުރެ ރާއްޖޭގައި އޮތް ގާނޫނެއް. އެކަމަކު އެ ގާނޫނުގައި ބައެއް ކަންކަން މަދުވާތީވެ ގޭންގު ކުށެއް ކޮށްގެން ގޭންގަކާ ދޭތެރޭ އެޅުނު ފިޔަވަޅެއް ނެތް މި ރާއްޖޭގައި. އެހެންވީމާ އަޅުގަނޑުމެން އެ ކަން ހުއްޓުވަން އެ ކަން ބަދަލުކުރަން އެ ގާނޫނު އިސްލާހުކޮށްފައި އެއޮތީ ހުށަހަޅައިފައި،"

މީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ވެސް ހަގީގީ ކުށްވެރިންނަށް ލިބޭ އަދަބެއް ނޯންނަ ކަމަށާއި ޖަލަށްލީ ނަމަވެސް ކޮންމެވެސް އިންތިޚާބަކާއެކު އެ މީހުން މިނިވަންވާކަމަށް އިހުސާން ވިދާޅުވިއެވެ. އެ ކަންކަމަށް ވެސް ހައްލު ގެނައުމަށް ޓަކައި ތަންފީޒީ އިދާރާތަކަށް ހުރި ދަތިތައް ފިލުވައި، އެ ކަމާ ގުޅޭ ގާނޫނަށް ވެސް އިސްލާހު ހުށަހަޅައިފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

ހަމައެއާއެކު ބިދޭސީންގެ މައްސަލައަށް ވެސް ހައްލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައި، ޓާސްކްފޯސްތައް އެކުލަވައިލައި، ޚާއްސަ މަސައްކަތްތައް ކުރެވެމުން އަންނަކަމަށް އިހުސާން ވިދާޅުވިއެވެ. އަހަރެއްވީއިރު، ނުގަވައިދުން އުޅުނު 5،000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު މަސްތުވާތަކެތީގެ އޮޕަރޭޝަންތައް ފުޅާކޮށް ރާއްޖޭގެ ބޯޑަރު ސަރަހައްދުން 300 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

"ޑުރަގްސް ވެސް ރާއްޖޭގެ ސަރަހައްދަށް ވަނުމާއި، އަދި ހަމައެއާއެކު ރާއްޖޭގެ ސަރަހައްދުގައި ޑިސްޓްރިބިއުޓްވުމާއި މިކަމާ ދެކޮޅަށް އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި ވަރަށް ހަރުދަނާކޮށް އެ ކަންތައް ވެސް ދަނީ ކުރެވެމުން،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ކުށްކުރާ ކުޑަކުދިންގެ މައްސަލަ ހައްލުކުރުމަށް ހޯޕްއައިލޭންޑުގެ މަސައްކަތް މިހާރު އޮތީ ޕްރޮޖެކްޓު އެވޯޑް ކުރުމާ ހަމައިގައި ކަމަށް އިހުސާން ވިދާޅުވިއެވެ.

comment ކޮމެންޓް