ދިވެހިންގެ ތެރެއިން ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓު އޮންނަ ދިވެހިންނަށް ވިސާ ނެތި އަޒަރުބައިޖާނަށް ދަތުރުކުރެވޭ ގޮތަށް އެގައުމާއި ރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، އަޒަރުބައިޖާނުގެ ވެރިރަށް ބާކޫގައި މިހާރު ކުރިއަށްދާ ކޮންފެރެންސް އޮފް ދަ ޕާޓީސް އޮފް ދަ ޔޫއެންއެފްސީސީސީގެ ހަވާސާގައި ބޭއްވުނު ބައްދަލުވުމަށްފަހު ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާއި އަޒަރްބައިޖާންގެ ފޮރިން މިނިސްޓަރު ޖޭހޫން ބައިރަމޯލްއާއެކު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
އޭގެތެރެއިން، ފުރަތަމަ އެއްބަސްވުމަކީ ދިވެހި ޑިޕޮލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓު އޮންނަ ފަރާތްތަކަށް ވިސާއާ ނުލައި އަޒަރްބައިޖާނަށް އެތެރެވުމާއި ޓްރާންސްމިޓުވުމާއި 90 ދުވަހަށް އެގައުމުގައި ހުރުމުގެ ހުއްދަ ލިބޭ ގޮތަށް ސޮއިކޮށްފައިވާ އެއްބަސްވުމެކެވެ.
އެ އެއްބަސްވުމަކީ ހުރިހާ ދިވެހިންނަށް ވިސާއަކާ ނުލައި ދަތުރުކުރެވޭނެ ގޮތް މަގުފަހިކޮށްދިނުމަށްޓަކައި ކުރެވޭ މަސައްކަތަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށާއި މި ކަމާގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެ ގައުމުން އެއްބަސްވިކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ދެވަނަ އެއްބަސްވުމަކީ އިގްތިޞާދީ، ސަގާފީ އަދި އިޖްތިމާއީ ގޮތުން ދެ ޤައުމަށްވެސް ފައިދާވާނޭ ގޮތަށް ފަތުރުވެރިކަން ކުރިއެރުވުމަށް ދެގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެއިތުރުން، އެ ބައްދަލުވުމުގައި މިނިސްޓަރު ޚަލީލް ދެއްކެވި ވާހަފުޅުގައި ވަނީ ރާއްޖެއާ އަޒަރުބައިޖާންއާ ދެމެދު އޮންނަ ގާތް ގުޅުމުގެ މުހިންމު ކަމާއި ސޮއިކުރި އެއްބަސްވުންތަކުގެ ސަބަބުން އެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ވިދާޅުވެފައެވެ.
ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ ސަގާފީ ގުޅުންތަކުގެ އިތުރުން ވިޔަފާރީގެ ގުޅުންތައް ބަދަހި ވެގެންދާނެ ކަމަށް އުންމީދު ކުރައްވާކަން ޚަލީލް ވަނީ ފާހަގަކުރައްވާފައެވެ.
އެއާއެކު، ބައިނަލްއަޤްވާމީ މަސްރަހުގައި ވެސް ދެޤައުމަށް ފައިދާވަނިވި މައްސަލަތަކުގައި ރާއްޖެއިން އަޒަރުބައިޖާންއާ ގާތުން މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.