ޓެލްއަވީވު (14 ނޮވެންބަރު 2024) : ހިޒްބުﷲ އިއްޔެ ދިން ރައްދު ހަމަލާތަކެއްގައި އިސްރާއީލު ސިފައިންގެ އެންމެ އެލީޓް ފޯސްގެ ހަ ސިފައިން މަރާލުމުން ހިތް ފަޅައިގެން ހިނގައްޖެކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.
ނަތަންޔާހޫ އާ ހަވާލާދީ އިސްރާއީލުގެ މިޑީއާ ބުނާގޮތުން ހިޒްބުﷲގެ ހަމަލާތަކުގައި މަރުވާ އިސްރާއީލު ސިފައިންގެ އަދަދު ދުވަހެއް ދުވަހަކަށް ގިނަވަމުންދާތީ އޭނާ ހުންނަނީ ވަރަށް ކަންބޮޑުވެފައެވެ. މިހެން ހުއްޓައި ހިޒްބުﷲ އިއްޔެ ދިން ހަމަލާތަކެއްގައި އިސްރާއީލު ސިފައިންގެ އިތުރު ހަ މީހަކު މަރުވުމުން އޭނާގެ ހިތްވަނީ ފަޅައިގެން ގޮސްފައެވެ.
ނަތަންޔާހޫ އެކްސް ގައި ކުރި ޕޯސްޓެއްގައިވަނީ އިސްރާއީލު ސިފައިންގެ އެލީޓް ފޯސް ކަމަށްވާ "ގޮލާނީ" ބްރިގޭޑް ގެ ނިޝާންއާއެކު ފަޅައިގެން ގޮސްފައިވާ ހިތެއް ޖަހާފައެވެ.
އިސްރާއީލު ރަސްމީކޮށް ބުނާގޮތުން މީގެ ދޮޅުމަސް ކުރިން އެއްގަމު މަގުން ލުބްނާނަށް އަރައިގަތުމަށް ފެށި އޮޕަރޭޝަނާއެކު ހިޒްބުﷲ ދިން ހަމަލާތަކުގައި އިސްރާއީލު ސިފައިންގެ 100 އެއްހާ މީހުންވަނީ މަރުވެފައެވެ. އަދި އެތައް ސަތޭކަ ސިފައިންވަނީ ޒަޚަމްވެފައެވެ. މީގެތެރޭގައި ގިނައީ އިސްރާއީލު ސިފައިންގެ އެލީޓް ފޯސް ކަމަށްވާ "ގޮލާނީ" ބްރިގޭޑްގެ ސިފައިންނެވެ.
"ގޮލާނީ" ބްރިގޭޑް އަކީ އިސްރާއީލުގެ ނިޒާމީ ލަޝްކަރުގައި ހިމެނޭ އެންމެ ރަނގަނޅަށް ތަމްރީން ދީފައިވާ ސިފައިންނެވެ. އަދި އެންމެ ޒުވާން އުމުރުގެ އެންމެ ގާބިލް ސިފައިންނެވެ.
އިސްރާއީލުގެ "ހާއާރެޓްސް" ނޫސް ބުނާގޮތުން ފާއިތުވި ދޮޅު މަސްތެރޭގައި ހިޒްބުﷲ ގެ ހަމަލާތަކުގައި މަރުވެފައިވާ އިސްރާއީލުގެ ސިފައިންގެ އަދަދު 110 އަށްވުރެ ގިނައެވެ. ޒަޚަމްކޮށްލާފައިވާ ސިފައިންގެ އަދަދު 800 އަށްއަރައެވެ.
އަނެއްކޮޅުން ހިޒްބުﷲގެ މިސައިލްތަކާއި ރޮކެޓްތަކާ އަދި ވެއްޓިގަނެގެން ހަމަލާދޭ ބާވަތުގެ ޑްރޯންތަކުގެ ބޮޑުބައެއް އިސްރާއީލުގެ ދިފާއީ ނިޒާމުތަކަށް މިހާރު ވައްޓައެއް ވެސް ނުލެވެއެވެ. މީގެތެރެއިން ގިނައަދަދެއްގެ މިސައިލްތަކާއި ރޮކެޓްތަކާ އަދި ޑްރޯންތައް ދަނީ އިސްރާއީލުގެ އެތަށް ސަރަހައްދަކަށް އަރަމުންނެވެ. މިކަމުގެ ސަބަބުން މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބުމުގެ އިތުރުން މިހާރު އެ ހަމަލާތަކުގައި އިސްރާއީލުގެ އާންމުން ވެސް މަދުމަދުން އެބަ މަރުވެއެވެ.
ހިޒްބުﷲ އާ ދެކޮޅަށް މިދިޔަ މަހުގެ ކުރީކޮޅު އިސްރާއީލު ސިފައިން އެއްގަމުން ހަނގުރާމަ ފެށީ ތިން ބޭނުމެއް އިއުލާން ކުރުމަށްފަހުއެވެ. އެއްބޭނުމަކީ ލުބްނާނުގެ ލީތާނީ ކޯރާ ހަމައަށް ހިޒްބުﷲ ގެ މުޖާހިދުން ފަހަތަށް ޖެއްސުމެވެ. އަނެއް ބޭނުމަކީ ހިޒްބުﷲ ގެ ހަމަލާތަކާ ގުޅިގެން މީހުން ހުސްވެ ފަޅުވެފައިވާ އިސްރާއީލުގެ އުތުރުގެ އަވަށްތަކުގެ މީހުން އެތަންތަނަށް އަނބުރައި ގެނައުމެވެ. ތިންވަނަ ކަމަކީ ހިޒްބުﷲ އަތުން ހަތިޔާރު ނިގުޅައި ގަތުމެވެ.
ދޮޅު މަސްވީއިރު ވެސް މިއިން އެއްވެސް މަގުސަދެއް އެއްވެސް މިންވަރަކަށް އިސްރާއީލަށް ހާސިލް ކުރެވިފައެއް ނުވެއެވެ. ލުބްނާނުގެ ސަރަހައްދެއްގައި ފައި ހަރުކޮށްލެވިފައެއް ވެސް ނުވެއެވެ.
ހިޒްބުﷲގެ ހަމަލާތަކާ ގުޅިގެން މީހުން ހުސްވެ ފަޅުވެފައިވާ އިސްރާއީލުގެ އުތުރުގެ އަވަށްތަކުގެ މީހުން އެތަންތަނަށް އަނބުރައި ނުގެނެވިފައިވާއިރު ހިޒްބުﷲގެ ހަމަލާތައް އިތުރަށް ވަރުގަދަ ކުރުމުގެ ސަބަބުން އިސްރާއީލުގެ އުތުރުގެ އިތުރު އަވަށްތަށް ދޫކޮށް ރެފިއުޖީންގެ ގޮތުގައި ރައްކާތެރި ތަންތަނަށް އިތުރު އެތަށް ހާސްބަޔަކު ފާއިތުވި ދޮޅުމަސް ތެރޭގައިވަނީ ގޮސްފައެވެ.
ހިޒްބުﷲ ގެ ލީޑަރު ހަސަން ބަސްރުﷲ ޝަހީދުކޮށްލުމުން އެޖަމާއަތް ބަލިކަށިވާނެކަމަށް އިސްރާއީލު ކުރި އުންމީދުތައްވަނީ ވިއްސި ވިހާލިވެގެން ގޮސްފައެވެ. ނަސްރުﷲ އަށްފަހު އެޖަމާއަތުން އިސްރާއީލަށް ދޭ ހަމަލާތައް އިތުރަށްވީ ވަރުގަދައެވެ.
ހިޒްބުﷲ ގެ ހަމަލާތައް އިއްޔެވަނީ ތެލްއަވީވުގައި ހުންނަ އިސްރާއީލުގެ ދިފާއީ ވުޒާރާގެ އިމާރާތަކަށް ވެސް އަރާފައެވެ. އަދި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ގޭގައި އޭނާ ނިދަންއޮންނަ ކޮޓަރިއަށް ވެސް ވަނީ ކުޑަދޮރު ފޫއަޅުވާލައި ހިޒްބުﷲ ގެ ޑްރޯނެއް ވަދެ އެ ޑްރޯން އަމިއްލަށް ގޮއްވާލައިގެން ނަތަންޔާހޫގެ ނިދާ ކޮޓަރި ފުނޑައިލާ އޭނާ ނިދާ އެނދު އަންދާލާފައެވެ.
އިސްރާއީލު މީގެ ދޮޅު މަސްކުރިން ބުނީ ހިޒްބުﷲ ރޮކެޓާއި މިސައިލް ފޮނުވާ ހަރުތައް ހަލާކުކޮށްލާފައިވާނެ ކަމުގައެވެ. ނަމަވެސް އެހެން ބުނިފަހުން ހިޒްބުﷲ އިސްރާއީލަށް ދޭ ރޮކެޓް ހަމަލާތަކާއި މިސައިލް ހަމަލާތައްވަނީ ކުރިޔަށްވުރެ ގިނަވެ ހަމަލާތައް އިތުރަށް ވަރުގަދަވެފައެވެ.
އިސްރާއީލުގެ މި ނާކާމިޔާބީއާ ގުޅިގެން އިސްރާއީލު ކުރާކަމަކީ ލުބްނާނުގެ އެކި ސަރަހައްދުތަކުގެ އާންމުންގެ ގެދޮރަށް ހަމަލާދީ އާންމުން މެރުމެވެ. ޣައްޒާގައި ކޮންމެ ދުވަހަކު އާންމުން މަރާގޮތަށް ލުބްނާނުގެ މަދަނީ ތަންތަނަށް ހަމަލާދީ ޑަޒަން ޑަޒަނަށް އާންމުން މެރުމެވެ.
އަސްކަރީ ގޮތުން އެއްވެސް މަގުސަދެއް ޣައްޒާގައި ވެސް އަދި ލުބްނާންގައި ވެސް އިސްރާއީލަށް ހާސިލް ނުކުރެވެއެވެ. އިސްރާއީލުގެ އިގުތިސާދީ ސިޓީ ކަމަށްވާ ހައިފާގެ އެތަންމިތަނަށް ކޮންމެ ދުވަހަކު ހިޒްބުﷲ ގެ މިސައިލްތަކާއި ޑްރޯންތަކުގެ ހަމަލާތައް އަރައެވެ. މިކަމުގެ ސަބަބުން އެރަށަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އިސްރާއީލު ދޫކޮށް އިސްވެސްޓަރުން ދަނީ ފުރަމުންނެވެ. އެތަށް ކާރުޚާނާތަކެއްވަނީ ހުއްޓިފައެވެ.