ރިޔާސީ އިންތިޚާބުތަކުގައި ދެވަނަ ބުރަކަށް ނުގޮސް، އެންމެ ބުރަކުން ވެރިޔަކު ކަނޑައެޅޭހެން ވޯޓުލާ ނިޒާމު ބަދަލުކުރުމުގެ ބޭނުމަކީ ވޯޓު އޮޅުވާލުން ކަމަށާއި މިއީ ނުބައި ސިގްނަލެއް ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބު އެއްބުރުން ނިންމޭގޮތަށް ވޯޓުލާ ނިޒާމު ބަދަލުކުރުމަށް ބޭނުންފުޅުވާތީ އެ ކަމަށް ޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އަހާނެކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ހާމަކުރެއްވީ މިދިޔަ އާދިއްތަ ދުވަހުގެ ރެއެވެ.
ރޭ ބޭއްވި އެމްޑީޕީ ޖަގަހަ ޖަލްސާގައި ފައްޔާޒު ވަނީ މިކަމާ ނުރުހުން ފާޅުކުރައްވައި ފާޑު ވިދާޅުވެފައެވެ.
"... ދެން ދެއްކެވީ ޕްރެފަރެންޝަލް ސިސްޓަމެއްގެ ތެރެއިން އެއްބުރުން ރިޔާސީ އިންތިޚާބު ނަންގަވާ ވާހަކަ. މިއީ އަނެއް ނުބައި ސިގްނަލް. މީގެ ބޭނުމަކީ ވެރިކަމުގައި އޮވެ ވޯޓު ފޮށިތައް އަނެއްކާ ވެސް މާލެއަށް ގެނެސް އޮޅުވައިލާނެ ކުރީގެ އެ ނިޒާމަށް އަލުން އަނބުރާ ދިއުން،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި ސަރުކާރުން މިހާރު މިސްރާބު ޖަހާފައި ވަނީ ރަސްކަމަކާ ދިމާލަށް ކަމަށެވެ. އަދި ސަރުކާރުން ނަގަން އިއުލާނުކޮށްފައިވާ ފެންނަ ނުފެންނަ ދެ ވޯޓަކީ އެ މިސްރާބަށް ދިއުމަށް ރާވައިފައިވާ "ނުބައި ރޭވުން" ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި ސަރުކާރުން މިހާރު ގެންގުޅެނީ މުޅިން އެހެން މެނިފެސްޓޯއެއް ކަމަށެވެ. އަދި ޚަރަދު ކުޑަކުރަން އިލެކަޝަންތައް މަދުކުރާ ވާހަކަ ދެކެވޭއިރު ފައްޔާޒު ވަނީ 2027ވަނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބާއެކު ރިޔާސީ އިންތިޚާބު ބާއްވަން ގޮވައިލައްވާފައެވެ.
"ކެރި ވަޑައިގަންނަވަންޏާ ލޯކަލް ކައުންސިލް އިންތިޚާބާ އެއްކޮށް ރިޔާސީ އިންތިޚާބު ބާއްވަވާ އަލުން ރައްޔިތުން ކުރިމައްޗަށް މިހާރު ތި ގެންނަވާ މެނިފެސްޓޯއާއެކު، ރައްޔިތުންނަށް އަލުން ފުރުސަތު ދެއްވާށޭ ތިބޭފުޅާއަށް ރައްޔިތުން އާބަސް ބުނާނީތޯ ނޫންތޯ،" ފައްޔާޒު ވިދާޅުވިއެވެ.
މިހާރު މިވަނީ މަސައްކަތްތަކެއް ކޮށްގެން މި ސަރުކާރު ހަމަ ގަމަށް އަޅުވަން ޖެހިފައި ކަމަށާއި މަޑުން ނުތިބެ، އެކަން ކުރާނެ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.