މި އަހަރުގެ މެއި މަހު ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި ތެލުގޫ ފިލްމު "ކަލްކީ"ގެ ޑައިރެކްޓަރު ނާގް އަޝްވިންގެ ފިލްމެއް ބަތަލާ އާލިއާއަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މިޑް-ޑޭގައި ބުނެފައިވާ ގޮތުން މި ފިލްމުގައި އާލިއާއަށް ހުށަހަޅާފައިވަނީ ފިލްމުގެ ލިޑީންގް ރޯލެވެ. މިޑް-ޑޭގައި ބުނެފައިވާ ގޮތުން މިއީ އަންހެނުން ބާރުވެރިކުރުވުމާ ގުޅޭގޮތުން އުފައްފާ ވަރަށް ޖަޒުބާތީ ޑްރާމާ ފިލްމެކެވެ.
ނާގް އަޝްވިންގެ ޕްރޮޑަކްޝަން ޓީމާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން މި ފިލްމާ ގުޅޭގޮތުން އާލިއާއާއި ނާގް އަޝްވިންއާ ދެމެދު މަޝްވަރާތައް ކުރެވެމުންދާއިރު ވަރަށް އަވަހަށް ފިލްމު އިއުލާނުކުރުމަށް ވަނީ ރޭވިފައެވެ.
މި ފިލްމުގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ފަށަން ތައްޔާރުވަމުން އަންނައިރު ފިލްމާ ގުޅޭ ވާހަކަތައް އަދި ވަނީ ސިއްރުކުރެވިފައެވެ. މި ފިލްމު އުފައްދަން ނިންމާފައިވަނީ ނާގް އަޝްވިންގެ ވިޖަޔަންތީ ފިލްމްސްއާއި އިންޑިއާގެ ހައިދަރުއާބާދުގެ ޕްރޮޑަކްޝަން ކުންފުންޏަކާއި ގުޅިގެންނެވެ.
އެންމެ ފަހުން ބެލުންތެރިންނަށް އާލިއާ ފެނިފައިވަނީ ފިލްމު "ޖިގްރާ"އިންނެވެ.

އާލިއާ ބަޓް ފިލްމު "އާރްއާރްއާރް"ގެ މަންޒަރެއްގައި--ފޮޓޯ/ފިލްމުފެއަ
ވައިއާރްއެފްގެ ސްޕައި ޔުނިވާސްއިން އުފައްދާ "އަލްފާ"ގައި ވަރަށް ބުރަކޮށް އާލިއާ މަސައްކަތް ކުރަމުން އަންނައިރު ޑައިރެކްޓަރު ނާގް އަޝްވިންއަކީ އާލިއާ މަސައްކަތްކުރާނެ ދެވަނަ ތެލުގޫ ޑައިރެކްޓަރެވެ.
އާލިއާ އެންމެ ފުރަތަމަ މަސައްކަތް ކުރި ތެލުގޫ ފިލްމަކީ ސައުތުގެ ކުޅަދާނަ ޑައިރެކްޓަރު އެސްއެސް ރާޖާ މޮލީގެ "އާރްއާރްއާރް"އެވެ. ޑައިރެކްޓަރު ނާގް އަޝްވިން އިތުރު ފިލްމެއް އުފައްދާނެ ކަމުގެ ވާހަކަތައް ދެކެވެމުންދާއިރު ފިލްމު "ކަލްކީ"ގެ ދެވަނަ ބައެއް އުފެއްދުމުގެ މަސައްކަތް ވެސް އޭނާ ވަނީ ފަށާފައެވެ.