ރާއްޖެއަކީ ކޮރަޕްޝަންގެ ވަބާއިން ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ޓަކައި ނަތީޖާ ފެންނަ މަސައްކަތްތަކެއް ކުރުމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުޙައްމަދު މިއަދު ގޮވައިލައްވައިފިއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބާއާ ގުޅިގެން ސިޔާމް ނެރުއްވި ޚިޠާބުގައި ވިދާޅުވީ މި އަހަރުގެ ޖުމްހޫރީ ދުވަސް ބައްދަލުކުރާއިރު ރާއްޖެ އޮތީ މިހާތަނަށް އިގްތިޞާދީ ގޮތުން ދިމާވެފައިފާ އެންމެ ދަތި އުނދަގޫ ދުވަސްވަރުގައި ކަމަށެވެ.
އެ ދަތިކަމުން ގައުމު ސަލާމަތްކޮށް ރައްޔިތުންނަށް ފާގަތި ދުވަސްތަކެއް ހޯދައިދިނުމަށް ޓަކައި ސިޔާމް ވަނީ ދައުލަތުގެ މުދަލުން ވައްކަން ކުރުން ހުއްޓައިލުމަށް ގޮވައިލައްވައިފައެވެ. އަދި ކޮރަޕްޝަނުން ގައުމު ސަލާމަތްކުރުމަށް ނަތީޖާ ނެރެދޭ މަސައްކަތްތަކެއް ކުރުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކަށް ވެސް ގޮވައިލައްވައިފައެވެ.
އެ މަނިކުފާނު ވިދާޅުވީ ޖުމްހޫރީ ވެރިކަމެއްގައި ދައުލަތުގެ ވެރިންނަކީ ރައްޔިތުންގެ އަމާނާތްތަކާ ހަވާލުވެ ތިބޭ ބައެއް ކަމަށެވެ. އެހެންކަމުން އެ އަމާނާތްތަކާ ހަވާލުވެ ވަފާތެރިވެ ޚިދުމަތްކުރުމަށް ވެސް ސިޔާމްވަނީ ވެރިންނަށް ހަނދާންކޮށްދެއްވައިފައެވެ.
އަދި ރާއްޖެއަކީ ހަމަހަމަ ފުރުސަތު ލިބޭ، މަސައްކަތްކުރުމަށް ފުރުސަތު ފަހި ގައުމަކަށް ހެދުމަށް މަސައްކަތް ކުރުމަށް ވެސް ސިޔާމް އިލްތިމާސްކުރެއްވިއެވެ.
އެ މަނިކުފާނުގެ ޚިޠާބު ނިންމަވައިލެއްވީ ދިވެހީން އިސްލާމްދީނުގެ އަގީދާގެ މަތީ ސާބިތކޮށްދެއްވުން އެދި ދުއާކުރައްވަމުންނެވެ. އަދި ރާއްޖޭގެ ޖުމްހޫރީ ވެރިކަމުގެ ނިޒާމު އިތުރަށް ހަރުދަނާވެ ތަރައްގީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް އެޅުމުގެ ނަސީބު މިންވަރުކޮށްދެއްވުން އެދި ދުއާކުރައްވަމުންނެވެ.