ކުޑަކުދިން ސޯޝަލް މީޑިއާއަށް ދެވިހިފުމުގެ މައްސަލައިގެ ޒިންމާ މެޓާގެ ސީއީއޯ މާކް ޒަކަބާގް އަމިއްލަ ގޮތުން އުފުލަން ނުޖެހޭނެކަމަށް ފެޑެރަލް ޖަޖެއް ނިންމައިފިއެވެ.
އެމެރިކާގެ ކެލިފޯނިއާގެ އޯކްލޭންޑްގައި ހުންނަ ފެޑެރަލް ކޯޓުގެ ޖަޖު އިވޯން ގޮންޒާލެޒް ރޮޖާސް ވަނީ މެޓާ ޕްލެޓްފޯމްތަކުގެ ސީއީއޯ މާކް ޒަކަބާގް އަމިއްލަ ގޮތުން ޒިންމާ އުފުލަން ނުޖެހޭނެ ކަމަށް ނިންމަވާފައެވެ. މިއީ މެޓާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ކުޑަކުދިން ދެވިހިފާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ 25 މައްސަލައަކާ ގުޅޭ ގޮތުން ނެރުއްވި ހުކުމެކެވެ.
ނޮވެމްބަރު އަށްވަނަ ދުވަހު ރޮއިޓަސްއިން ރިޕޯޓު ކުރި ގޮތުގައި، ޖަޖު ރޮޖާސް ވަނީ ބުރާސްފަތި ދުވަހު މި ނިންމުން ނެރުއްވާފައެވެ. މި ނިންމުމުގައި، ފޭސްބުކް އަދި އިންސްޓަގްރާމް ބޭނުންކުރުމުން ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރިމަތިވާ ނުރައްކާތައް ފޮރުވުމަށް މެޓާއިން މަސައްކަތްކޮށްފައިވާކަމަށް ބުނެ ޒަކަބާރގްގެ މައްޗަށް ކުރެވުނު ތުހުމަތުތައް ބާޠިލުކުރައްވާފައެވެ.
ދަޢުވާކުރާ ފަރާތްތަކުން ބުނެފައިވަނީ މެޓާގެ ބިލިއަނަރު އަދި ކުންފުނީގެ ބާނީ ޒަކަބާރގްއަކީ މި މައްސަލަތައް ފޮރުވުމުގެ މަސައްކަތުގެ "މަގުދައްކާ ފަރާތް" ކަމަށެވެ.
އެހެންނަމަވެސް، ޖަޖު ރޮޖާސް ވިދާޅުވެފައިވަނީ ޒަކަބާރގް ކުރި ކަމަށް ބުނާ ކަންތައްތަކުގެ ތަފްސީލު ނެތްކަމަށާއި، "ހަމައެކަނި ކުންފުނީގެ ހަރަކާތްތައް ކޮންޓްރޯލް ކުރުމަކީ" ޒިންމާ އުފުލަންޖެހޭ ކަމެއް ނޫން ކަމަށެވެ. ނަމަވެސް މި ނިންމުމުން މެޓާގެ މައްޗަށް ކުރެވިފައިވާ ދަޢުވާތަކަށް އަސަރެއް ނުކުރާނެއެވެ.
މި މައްސަލަތައް ހުށަހަޅާފައިވަނީ އެމެރިކާގެ 13 ސްޓޭޓެއްގެ ޤާނޫނުތަކުގެ ދަށުންނެވެ. އެއީ އެރިޒޯނާ، ކޮލޮރާޑޯ، ކަނެކްޓިކަޓް، ޖޯޖިއާ، މެރިލޭންޑް، ނިއުޔޯކް، ނޯތު ކެރޮލައިނާ، އޮހައިއޯ، ޕެންސިލްވޭނިއާ، ސައުތު ކެރޮލައިނާ، ޓެކްސާސް، ވާޖީނިއާ އަދި ވިސްކޮންސިންއެވެ.
ދަޢުވާކުރާ ފަރާތްތައް ތަމްސީލުކުރާ މޯޓްލީ ރައިސްގެ ޕާޓްނަރ ޕްރެވިން ވޮރެން ހުކުރު ދުވަހު ބުނެފައިވަނީ "ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން ގަސްތުގައި ކުޑަކުދިންގެ ރައްކާތެރިކަމަށްވުރެ ފައިދާއަށް އިސްކަންދީފައިވާ ގޮތުގެ ހަޤީޤަތް ހާމަކުރުމަށް" ހެކި އެއްކުރުން ކުރިއަށް ގެންދާ ކަމަށެވެ.