ތައުލީމީ ޚިދުމަތުގެ އެންމެ މަތީ ޝަރަފު މުޙައްމަދު ޒާހިރު ޙުސައިނަށް އަރުވަނީ

މުޙައްމަދު ޒާހިރު ޙުސައިން: ތައުލީމީ ޚިދުމަތުގެ އެންމެ މަތީ ޝަރަފު އޭނާއަށް އެރުވުމަށް ވަނީ ނިންމައިފައި -- ފޮޓޯ/ ސީއޭ މޯލްޑިވްސް

ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، މުޙައްމަދު ޒާހިރަށް އެ ޝަރަފު އެރުވުމަށް ރައީސް ނިންމެވީ، ދިވެހިރާއްޖޭގެ ތައުލީމީ ތަރައްގީއަށާއި، ރާއްޖޭގައި ތައުލީމު ފުޅާކުރެއްވުމަށާއި، ތައުލީމީ ރޮނގުން ރާއްޖޭގެ ރައްޔިތުން ހޭލުންތެރިކުރެއްވުމަށް އިޚުލާސްތެރިކަމާއެކުގައި، ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.

މީގެ ކުރިން ޒާހިރު ވަނީ ސަރުކާރުގެ އެކި މަގާމުތައް ފުރުއްވއިފައެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ އެޑިއުކޭޝަން މިނިސްޓަރު ކަމާއި ޔޫތު މިނިސްޓަރުކަން ވެސް ކުރެއްވިއެވެ. އެއަށްފަހު ރައީސް މައުމޫންގެ ޚާއްސަ މުސްތަޝާރުގެ މަގާމު ވެސް އަދާކުރެއްވިއެވެ.

ޒާހިރަކީ ނޫސްވެރިކަމުގެ ދާއިރާގައި ވެސް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އެގޮތުން 1979 ވަނަ އަހަރުން 2016 ވަނަ އަހަރުގެ ނިޔަލަށް ނެރުނު ދުވަހު ނޫސް ހަވީރުގެ މަސްއޫލު ވެރިޔަކަށް ހުންނެވިއެވެ. އޭނާ ތަފާތު މައުޟޫތަކަށް ނޫސްތަކާއި މަޖައްލާތަކަށް ލިޔުއްވައިފައިވެއެވެ.

މުޙައްމަދު ޒާހިރަށް މި ޝަރަފު އެރުވުން އޮންނާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މާދަމާރޭ 8:15 ގައި ދަރުބާރުގޭގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.

މި ޖަލްސާގައި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްޞަ އިނާމު ދެއްވުން ވެސް އޮންނާނެއެވެ. މި އަހަރު އިނާމު ލިބިވަޑައިގަންނަވަނީ 40 ބޭފުޅުންނަށެވެ.

އެ އިނާމަށް ބޭފުޅުން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ، ޚާއްޞަ އިނާމާބެހޭ ކޮމިޓީންނެވެ.

މީގެއިތުރުން، ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމުވެސް އެ ޖަލްސާގައި، 53 ބޭފުޅަކަށް ދެއްވާނެއެވެ. ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ބޭފުޅުން ހޮވަނީ، ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

comment ކޮމެންޓް