ގައުމީ ކުޅިވަރު ފަންޑު ގާއިމުކުރަން ރައީސް ނިންމަވައިފި

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ބޭއްވި ކެބިނެޓު ބައްދަލުވުމުގައި: އެމަނިކުފާނު ވަނީ ގައުމީ ކުޅިވަރު ފަންޑު ގާއިމުކުރަން ނިންމަވާފަ -- ފޮޓޯ/ ރައީސް އޮފީސް

"ގައުމީ ކުޅިވަރު ފަންޑު"ގެ ނަމުގައި ފަންޑެއް ގާއިމުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

އެ މަނިކުފާނު އެފަދައިން ނިންމަވާފައިވަނީ އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކަށް ފަހު، އެ މަޖިލީހުގެ ލަފާފުޅާ އެކުގައެވެ.

ދިވެހިރާއްޖޭގައި ގައުމީ ކުޅިވަރު ފަންޑެއް ގާއިމުކުރުމާ ގުޅޭ ގޮތުން ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ހުށަހެޅުއްވި ހުށަހެޅުއްވުމުގެ މައްޗަށް، ގައުމީ ކުޅިވަރު ފަންޑުގެ ނަމުގައި ފަންޑެއް ގާއިމުކުރެއްވުމަށް ރައީސް ނިންމެވީ، ދިވެހި ކުޅުންތެރިންނާއި އެތުލީޓުން އިތުރުކޮށް، ކުޅިވަރު ކުރިއަރުވައި ތަރައްގީކުރުމަށާއި، ދިވެހި ކުޅިވަރު ޖަމާއަތް ނުވަތަ ކުޅިވަރު އާއިލާ ބާރުވެރިކުރުވުމުގެ މަގުސަދުގައެވެ.

ގައުމީ ކުޅިވަރު ފަންޑު ގާއިމުކުރުމާ ގުޅޭގޮތުން، ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި، ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ވެސް އިއްޔެގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ނިންމަވާފައެވެ.

ކުޅިވަރުގެ ދާއިރާއަކީ މި ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ދާއިރާއެކެވެ.

އެގޮތުން, މި ސަރުކާރަށް އެއް އަހަރުވާން ކައިރިވެފަވާއިރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް މި ސަރުކާރުން ކުޅިވަރަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމަށް 255 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

comment ކޮމެންޓް