ހުޅުމާލޭގައި ނިންމާލި 1447 ވަނަ އަހަރުގެ "ޢީދު ބައިބަލާ ޗެލެންޖު" ގެ ފޯރިގަދަ ފައިނަލްގައި، ބައިބަލާގެ ގަދަބާރު ބީޖީ ސްޕޯޓްސް ކްލަބް ބަލިކޮށް ޒެޕޯ ސްޕޯޓްސް ކްލަބުން މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދައިފިއެވެ.
ފައިނަލް މެޗުގެ ފުރަތަމަ ދެ ގޭމް އެއްވަރުވުމުން، ޒެޕޯއިން ތަށި އުފުލާލީ ނަތީޖާ ނެރުމަށް ކުޅުނު ގަދަހިފުމުގެ ފަސް ބުރުން ކުރި ހޯދައިގެންނެވެ.
މިއީ މި މުބާރާތުގައި ޒެޕޯއިން ވާދަކުރި ދެވަނަ އަހަރު ކަމަށްވާއިރު، އެޓީމުން ވަނީ 10 ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ބީޖީގެ މައްޗަށް ކުރިހޯދާފައެވެ.
މިފަހަރުގެ މުބާރާތުގެ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ "މިސްޓަރ ބައިބަލާ" ގެ ޝަރަފް ހޯދި ޒެޕޯގެ މުހައްމަދު ނައްވާފް (މާކީ) އެވެ. އޭނާ ވަނީ މުބާރާތުގެ ތެރޭގައި އެއްފަހަރާ ބޭރުން އަރާ 6 ކުޅުންތެރިން ނުބައިކޮށްލުމުގެ އާ ރެކޯޑެއްވެސް ގާއިމްކޮށްފައެވެ.

މިސްޓަ ބައިބަލާގެ މަގާމު ހޯދި މާކީ--
މާކީގެ އިތުރުން މުބާރާތުގެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ޒެޕޯގެ އަބްދުﷲ ނިޝާން އާއި ނުހާދު ރަޝީދު، އަދި ބީޖީގެ މުހައްމަދު މިރުސާލް އާއި ފަރާޙް ޝާމް ހިމެނުނެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ޒެޕޯގެ ފާރިޝް ހާލިދު ހޮވުނުއިރު، އެންމެ މަގުބޫލު ޓީމަކަށް ހޮވުނީ އޮޑި ސްޕޯޓްސް ކްލަބެވެ. އަދި އެންމެ މަގުބޫލު ކުޅުންތެރިއާގެ މަގާމު ހޯދީ ކާސިންޖާސްގެ އަބްދުﷲ މުހައްމަދެވެ.