ބެލެނިވެރިން ބޭނުން ވަނީ ދަރިވަރުންނަށް ދަށް ނަތީޖާއެއް ލިބުނަސް އެ ދަރިވަރުން މަގުމަތި ނުވާނެ ގޮތަށް ސަރުކާރުން ފިޔަވަޅު އެޅުމަށް ކަމަށާއި, އެކަން މި ސަރުކާރުގެ ފުރަތަމަ އަހަރު ތެރޭ ހާސިލްވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިރޭ ވިދާޅުވެއްޖެއެވެ.
މާލޭ ސީއެޗްއެސްއީ ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، މާލެއާއި އަތޮޅުތެރޭގައި ސުކޫލުތަކުގައި އޭލެވެލް ކިޔަވާ މިންވަރު މި އަހަރު 77 ޕަސެންޓަށް އިތުރުވެފައިވާ ކަމަށެވެ.
އެގޮތުން، މާލޭއާއި ހުޅުމާލޭގެ ސީއެޗްއެސްއީ އެއްކޮށްލައިގެން 109 އިންސައްތަ އިތުރުވެފައިވާ ކަމަށާއި އަތޮޅުތެރޭގައި ވެސް އޭލެވެލް ކިޔަވާ ކުދިންގެ ނިސްބަތް 50 އިންސައްތައަށް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ޕްރައިވެޓް ސުކޫލުތަކާއި ޕަބްލިކް ސުކޫލުތައް އެއްކޮށްލުމުން 38 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވެއެވެ.
އެ ކުރިއެރުމަކީ، މަތީ ސާނަވީގެ ފުރުސަތު އިތުރުކުރަން ބެލެނިވެރިން ކުރި އާދޭހުގެ ނަތީޖާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޮންމެ ބެލެނިވެރިއަކު ވެސް ބޭނުންވާނީ ދަރިވަރު އަދި ދަށް ނަތީޖާއެއް ލިބުނު ކަމުގައި ވިޔަސްމެ، މަގުމަތި ނުވާނެ ފަދަ ގޮތަކަށް ސަރުކާރުގެ ފަރާތުން އަމަލު ބެހެއްޓުން. އިރާދަކުރެއްވިއްޔާ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޒަޢާމަތުގެ ފުރަތަމަ އަހަރު ތެރޭގައި އަޅުގަނޑުމެންނަށް މި ވަނީ މިކަން ހާސިލްވެފައިއެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު
އެޑިއުކޭޝަން މިނިސްޓްރީން ކުރާނީ އަތާ އަތް ގުޅާލައިގެން ފިކުރީ ގޮތުން ގައުމު ބިނާކުރުމުގެ މަސައްކަތް ކަމަށާއި އެކަން ކުރެވިއްޖެ ނަމަ ތަރައްގީގެ މަގަށް ރާއްޖެ މިސްރާބު ޖަހާނެ ކަމަށެވެ.
މީގެއިތުރުން، ރޭ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާންކުރެއްވި ގައުމީ ޚިދުމަތުގެ ޕްރޮގްރާމަށް އިޝާރާތްކުރައްވައިވެސް އޭނާ ވާހަކަދެއްކެވިއެވެ. އެގޮތުން އެފަދަ ނިޒާމަކާއެކު ޒުވާނުންގެ އުފެއްދުންތެރިކަން އިތުރުވެ، ގައުމު އާރާސްތުކުރާ ޒުވާނުން އުފެދޭނެ ކަމަށް ޝަފީއު ވިދާޅުވިއެވެ.
ރައީސް ރޭ ވިދާޅުވީ، ކިޔެވުމުގެ ފުރުސަތު ނެތް، ނުވަތަ ވަޒީފާއެއް ނެތް ކޮންމެ ޒުވާނަކު ސަލާމަތީ ބާރުތަކުގެ ތަމްރީނުތަކުގައި ބައިވެރިކުރުވާ ގޮތަށް، ނެޝަނަލް ސާވިސް ޕްރޮގްރާމެއް ފަށަން ނިންމާފައިވާ ކަމަށެވެ.
އެ ޕްރޮގްރާމަކީ ގާނޫނުގެ ތެރެއިން ބާރު ލިބިގެން ހިންގޭނެ ޕްރޮގްރާމަކަށް ވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ނަތީޖާއަކަށް ވާނީ މަގުމަތީގައި ބާކީވެ ތިބުމުގެ ބަދަލުގައި ގައުމަށް ފައިދާހުރި ދަރީންތަކެއް ތަރުބިއްޔަތުވެގެން ދިޔުން ކަމަށް ރައީސް ވިދާޅުވިއެވެ.