އިޓާލިއަން ސެރީއާގައި އެންމެ ފަހުގެ ޗެމްޕިއަން އިންޓާ މިލާނުން ވެނެޒިއާ ބަލިކޮށް، ތާވަލުގެ ދެވަނައަށް އަރައިފިއެވެ.
އިންޓާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 1-0 އިންނެވެ.
މެޗުގައި ވެނެޒިއާއިން ދިޔައީ ވަރަށް ގަދައަށް ޑިފެންޑްކުރަމުންނެވެ. ދެވަނަ ހާފުގެ ކުރީކޮޅު އިންޓާއަށް މެޗުގެ ލީޑު ނެގުނު ކަމަށް ހީވި ނަމަވެސް ހެންރިކް މިހިތާރިއަން ޖެހި ލަނޑު ވަނީ ވީއޭއާރުން ބެލުމަށް ފަހު އޮފްސައިޑް ކަމަށް ދައްކާފައެވެ.
މެޗުގައި އިންޓާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި ފެޑެރީކޯ ޑިމާކޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހާފައިވަނީ ކެޕްޓަން ލައުޓާރޯ މާޓިނޭޒެވެ. މެޗު ނިމެން ގާތްވެފައިވަނީ ހަކާން ޗަލަނޮގްލޫއަށް އިންޓާގެ ލީޑު ފުޅާކުރާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް އޭނާ ފޮނުވާލި ހަމަލާވަނީ ވެނެޒިއާގެ ކީޕަރު ފިލިޕް ސްޓަންކޮވިޗް ދިފާއުކޮށްފައެވެ.
މެޗުގެ އިތުރު ވަގުތުގެ ހަތްވަނަ މިނެޓުގައި ވެނެޒިއާއަށް މެޗުގެ ނަތީޖާ ހަމަހަމަކުރެވުނު ކަމަށް ހީކުރެވުނު ނަމަވެސް ވީއޭއާރުން ވަރަށް ގިނައިރު ބެލުމަށް ފަހު ވަނީ ލަނޑު ޖެހި ކުޅުންތެރިޔާ މަރިން ސްވާކޯގެ އަތުގައި ބޯޅަ ޖެހިފާވާކަމަށް ނިންމާ ލަނޑު ބަލައި ނުގެންފައެވެ.
މި ކާމިޔާބީއާ އެކު އިންޓާ މިހާރު ވަނީ ކުޅުނު 11 މެޗުން ލިބިފައިވާ 24 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގައި އޮތް ނަޕޯލީއާ އެއް ޕޮއިންޓަށް ގާތްކޮށްފައެވެ. އަންނަ އާދިއްތަ ދުވަހު އިންޓާއާއި ނަޕޯލީ ބައްދަލުކުރުމަށް ހަމަޖެހިފައިވުމުން ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު އިންޓާއަށް ލިބިގެންދާނެއެވެ.
މެޗުން ބަލިވުމުން ވެނެޒިއާ އޮތީ އަށް ޕޮއިންޓާ އެކު ތާވަލުގެ 18 ވަނައިގައެވެ.