ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ރިޒުގު ތަނަވަސްވާ ކަމެއް؛ ގުޅުން ކަނޑާލުމަކީ ބޮޑު ފާފައެއް: ޚުތުބާ

1447 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ ބޮޑު ޖަމާޢަތުގެ ތެރެއިން-- މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ ރަޙިމުގެ ގުޅުންތައް ދެމެހެއްޓުމަށް ގޮވާލައި، އެގުޅުންތައް ކެނޑުމުގެ ނުބައިކަން ބަޔާންކޮށްދީފައި-- ފޮޓޯ: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ

ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ރިޒުގު ތަނަވަސްވާ ކަމެއް ކަމަށާއި އެ ގުޅުން ކަނޑާލުމަކީ ބޮޑު ފާފައެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ޢާއިލީ ގުޅުން ހަރުދަނާކުރުމުގެ މުހިންމުކަން" މި މައުޟޫއަށް މިއަދު އިއްވި ޚުތުބާގައި ބުނެފައިވަނީ، އިންސާނީ މުޖުތަމަޢެއް އުފެދެނީ ޢާއިލާތަކަކުން ކަމަށް ވީހިނދު، މި ޢާއިލާތައް ހަރުދަނާކުރެވިގެން މެނުވީ ހަރުދަނާ މުޖުތަމަޢެއް ބިނާ ނުކުރެވޭނެކަމަށެވެ. މިއަދު އެންމެންގެވެސް އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ މުޖުތަމަޢުގެ އަފުރާދުންގެ އަޚްލާޤީ ފެންވަރު ދަށްވާ ވާހަކަކަން ފާހަގަކޮށް، ޚުތުބާގައި ބުނެފައިވަނީ މިކަން މެދުވެރިވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ބޮޑުވަމުން އަންނަ ދަރިން ތަރުބިއްޔަތުކުރެވޭ ގޮތް ކަމަށެވެ.

ކޮންމެ އިންސާނަކުވެސް ދުނިޔެއަށް އަންނަނީ ފިތުރަތުގެ ސާފުކަން ކަމަށްވާ އިސްލާމްދީނުގެ މަތީގައިކަމަށް، ރަސޫލާ ހަދީސްފުޅެއްގެ އަލީގައި ބަޔާންކޮށް، ޚުތުބާގައި ބުނެފައިވަނީ މައިންބަފައިންނާއި ބަލަދުވެރީންނާއި ބެލެނިވެރިން، ތުއްތުކުދިން ގެންގުޅެ ބޮޑުކުރާއިރު ދީނީ ކަންކަން ދަސްކޮށްދޭންޖެހޭ ކަމަށެވެ. އަދި އެކުދިންގެ މައިންބަފައިންނަށް ކިޔަމަންގަނެ، ކަމޭހިތުމަށާއި ގާތްތިމާގެ މީހުންނާ ގުޅުން ބަދަހިކުރަން ދަސްކޮށްދޭން ޖެހޭނެކަމަށެވެ. އަދި އެ ކުދިންގެ ތިމާގެ މީހުންނަކީ ކޮބައިކަން އެކުދިންނަށް ކިޔައިދީ، ރަޙިމުން ގުޅިފައިވާ މީހުންނަކީ ކޮބައިކަން އެކުދިންނަށް އަންގައިދޭން ޖެހޭނެކަމަށް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.

ރަޙިމު ގުޅުމަށް އެ ނަން ދެވިފައިވަނީ ﷲ ތަޢާލާގެ އިސްމުފުޅެއް ކަމަށްވާ "އައްރަޙްމާން" އާ ގުޅުވައިގެން ކަމަށް، އެކަލާނގެ ޤުދުސިއްޔަ ދެ ހަދީސްފުޅެއްގެ އަލީގައި އެނގޭކަމަށް ޚުތުބާގައި ބުންޏެވެ. އަދި ޚުތުބާގައި ވަނީ އެގުޅުން ދެމެހެއްޓުމަކީ އިންސާނާގެ ރިޒުގު ތަނަވަސްވެ، ޢުމުރުގައި ބަރަކާތްލައްވާނެ ކަމެއް ކަމަށް ބުނެފައެވެ. އަދި، އެ ގުޅުން ކެނޑުމަކީ އެކަމެއްގެ ސަބަބުން ސުވަރުގެ ޙަރާމްކުރައްވާނެ ބޮޑު ފާފައެއްކަން ވެސް ޚުތުބާގައި ބަޔާންކޮށްފައިވެއެވެ.

ޚުތުބާގައި ބުނެފައިވަނީ، ޢާއިލީ ގުޅުންތައް ބަދަހިކުރެވޭނީ އެމަގަށް ހެޔޮގޮތުގައި ދަރީން ތަރުބިއްޔަތުކޮށްގެން ކަމަށެވެ. އަދި އެކަން ކުރެވޭނީ އެ މަސްއޫލިއްޔަތު އުފުލަން ތިބި މީހުންނަކީ އެކަމަށް ގާބިލު މީހުންކަމުގައި ވެގެންކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ ތެރެއިން ވެސް އެންމެ އިސްކަމެއްގެ ގޮތުގައި ޚުތުބާގައި ފާހަގަކޮށްފައިވަނީ ދަރީންގެ ޢުމުރުން ހަތް އަހަރުގައި ނަމާދަށް އަހުލުވެރިކުރުވައި، 10 އަހަރު ވުމުން ނަމާދު ނުކުރާނަމަ އަދަބުދީގެން ވެސް އެކުދިން ލައްވައި ނަމާދުކުރުވުމެވެ. މީގެ އިތުރުން ވެސް ދީނީ އެކި ކަންކަމަށް ކުދިން އަހުލުވެރުކުރުމަށް ޚުތުބާގައި ވަރަށް ބޮޑަށް ބާރުއަޅާފައިވެއެވެ.

comment ކޮމެންޓް