މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސްކަން ކުރައްވަމުން ގެންދަވާ އަހްމަދު މުސްތަފާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގައި އޭނާ އަދާކުރައްވަމުން ގެންދަވާ ވަޒީފާއިން އިއްޔެ ވަކިކޮށްފައިވަނިކޮށް މިއަދު އަލުން ވަޒީފާ އިއާދަކޮށްދީފިއެވެ.
ޕީއެސްއެމްގައި މުސްތަފާ އަދައިކުރެއްވި ވަޒީފާ އަލުން އިއާދަކޮށްފައިވާކަން އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާމީން ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ.
ޔާމީން ވިދާޅުވީ ވަޒީފާ އިއާދަކުރަން ނިންމީ، އޭނާ ވަޒީފާއިން ވަކިކުރި މައްސަލަ ކުންފުނީގެ ބޯޑަށް ހުށަހެޅުމުން، އެ މައްސަލަ ބަލައި އިއާދަކުރަންޖެހޭ ސަބަބުތަކެއް ހުރިކަމަށް ބޯޑަށް ފެނުމުންކަމަށެވެ.
މިއަދު ހަވީރު އެ ކަމާ ގުޅޭ ބައްދަލުވުމެއް ބާއްވައިފައިވާކަމަށް ވެސް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ސައީދު ވެސް ވަނީ "ސަން"އަށް ވިދާޅުވެފައެވެ.
އިއްޔެ މުސްތަފާ ވަޒީފާއިން ވަކިކުރި ސަބަބާ ގުޅޭގޮތުން ޑީއެމްޑީ ޔާމީން ވިދާޅުވީ، ވަކިކުރީ ކުންފުނީގެ ތެރޭގެ "އިންޓާނަލް ޕްރޮސީޖާއެއް"ގެ ތެރެއިން ކަމަށެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި މުސްތަފާ ޕީއެސްއެމުން ވަކިކުރީ 11ވަނަ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ ރޭ ޕީއެސްއެމުން ވަގުތުން ދެއްކިއިރު، އެ ހަފްލާގައި ޕީއެސްއެމްގެ އެޑިޓޯރިއަލާ ޚިލާފު ކޮންޓެއްޓެއް ދެއްކިކަމުގެ ތުހުމަތުގައެވެ.
މުސްތަފާ ވަޒީފާއިން ވަކިކުރަން ނިންމީ ޕީއެސްއެމްގެ ބޯޑުންނެވެ.
މުސްތަފާ ޕީއެސްއެމްގައި ވަޒީފާ އަދައިކުރައްވަމުން ގެންދަވާތާ މިހާރު 30 އަށްވުރެ ގިނަ އަހަރުވަނީ ވެފައެވެ.
މީޑިއާ ކައުންސިލަށް މުސްތަފާ އިންތިޚާބުކުރީ ޓީވީއެމް ތަމްސީލްކުރާ މެންބަރެއްގެ ގޮތުގައެވެ. ކައުންސިލްގެ ރައީސްކަމަށް އޭނާ އިންތިޚާބުކުރީ މީގެ ދެ އަހަރު ކުރިންނެވެ.
ވަޒީފާއިން ވަކިކުރިއިރު އޭނާ ހުންނެވީ ޓެކްނިކަލް އޮޕަރޭޝަންސް މެނޭޖަރުގެ މަގާމުގައެވެ.