ދަރިމައިވުމުގެ މައްސަލަ ހުންނަ މީހުންނަށް ދޭ އައިވީއެފް ފަރުވާ ހަދަން، އާސަންދައިގެ ދަށުން ދެވަނަ ބުރުގައި ހިލޭ ފަރުވާގެ އެހީ ހޯދަން ހުށަހެޅި 215 ދެމަފިރިންގެ ތެރެއިން ޝަރުތުހަމަވީ 63 ދެމަފިރިން ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އިއްޔެ ބުނެފިއެވެ.
ދަރިމައިވުމުގެ މައްސަލަތަކަށް އާސަންދައިން ހިލޭ އެހީ ދިނުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުގެ ތެރޭ، ފުރަތަމަ 14 ހަފުތާ ތެރޭގައި ކުރަން ނިންމަވާފައިވާ ކަމެކެވެ.
އެންސްޕާއިން އިއްޔެ ވަނީ އެ ފަރުވާއަށް ފޯމު ހުށަހެޅި 215 މީހުންގެ ލިސްޓު ގެޒެޓުގައި އާންމުކޮށްފައެވެ. އެގޮތުން، ފަރުވާއަށް ހުށަހެޅި 152 ދެމަފިރިންގެ ޝަރުތު ހަމަނުވި ސަބަބު އެ ލިސްްޓުގައި ބަޔާންކޮށްފައިވެއެވެ.
އެންސްޕާއިން ބުނީ، އެ އެޖެންސީން އިއްޔެ އާންމުކުރި ފަރާތްތަކަކީ މިދިޔަ ޖުލައި މަހުގެ 31ގެ ނިޔަލަށް އައިވީއެފްގެ ފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތައް ކަމަށެވެ.
ދެވަނަ ބުރުގައި އެހީ ހަމަޖެހިފައިވާ ފަރާތްތަކުން 30 ނޮވެމްބަރު 2024 ގެ ކުރިން ފަރުވާ ކުރިޔަށް ގެންދާނެ ގޮތުގެ ޕްލޭން ހިއްސާކުރުމާގުޅޭ ގޮތުން މި އެޖެންސީން އެފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދޭނެ ކަމުގައި ދަންނަވަންއެންސްޕާ
އެންސްޕާއިން ވަނީ އާންމުކުރި ލިސްޓާ ގުޅިގެން ޝަކުވާއެއް ވާނަމަ، މި މަހުގެ 10 ވަނަ ދުވަހުގެ 14:00ގެ ކުރިން mv.gov.nspa@complaints މެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އައިވީއެފްގެ ފަރުވާއަށް ދައުލަތުގެ އެހީ ހޯދަން ފުރަތަމަ ބުރުގައި 153 ފަރާތަކުން ފޯމު ހުށަހެޅިއިރު، އޭގެ ތެރެއިން ޝަރުތު ހަމަވީ 37 މީހުންނެވެ.
މީގެކުރިން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، އާސަންދައިގެ ދަށުން ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ އައިވީއެފްގެ ޚިދުމަތަށް ދައުލަތުން މި އަހަރު 30 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން، އެ 30 މިލިއަން ރުފިޔާއަކީ މި އަހަރު އައިވީއެފް ފަރުވާ ދިނުމަށް ހަމަޖެހިފައިވާ 100 މީހުންނަށް ކަނޑައަޅާފައިވާ ބަޖެޓުކަމަށް ހީނާ ވިދާޅުވެފައިވެއެވެ.
އޭގެއިތުރުން، އައިވީއެފަށް އެކި މީހުންނަށް ހިނގާ ޚަރަދު ތަފާތު ވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.
ފުރަތަމަ ސައިކަލްއިން ކާމިޔާބު ވެއްޖެނަމަ، ދެވަނަ ނުވަތަ ތިންވަނަ ސައިކަލްއަކަށް ދާން ނުޖެހޭނެ ކަމަށާއި އެ ހިސާބުން އެ މީހެއްގެ ޕްރޮގްރާމް ނިމުނީކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ބައެއް މީހުން ތިންވަނަ ސައިކަލްއަކާ ހަމައަށް ދާން ޖެހޭނެ ކަމަށާއި އެފަދަ ހާލަތެއްގައި އެ ތިން ސައިކަލް ފުރިހަމަކުރާ މީހަކަށް ހިނގާ ޚަރަދު ތަފާތުވާނެކަން ހީނާ ފާހަގަކުރެއްވިއެވެ.