ހިޒްބުﷲގެ އާ ލީޑަރަކަށް ނާއިބު ލީޑަރު ނާޢިމު ޤާސިމް

ހިޒްބުﷲގެ އާ ލީޑަރު ނާޢިމު ޤާސިމް -- ފޮޓޯ/ރޮއިޓާސް

ލުބުނާނުގެ ހަތިޔާރުއެޅި ޖަމާއަތް، ހިޒްބުﷲގެ އާ ލީޑަރަކަށް އެ ޖަމާއަތުގެ ނާއިބު ލީޑަރު ނާއިމު ޤާސިމް ހަމަޖައްސައިފިއެވެ.

ނާޢިމް, އާ ލީޑަރަކަށް ހަމަޖެއްސީ މީގެ މަހަކަށް ވުރެ ގިނަ ދުވަސް ކުރިން ލުބުނާނުގެ ވެރި ރަށް ބެއިރޫތަށް ދިން ވައިގެ ހަމަލާއެއްގައި ހިޒްބުﷲގެ ކުރީގެ ލީޑަރު ޝަހީދުކޮށްލުމާ ގުޅިގެން އޭނާގެ ބަދަލުގައެވެ.

ހިޒްބުﷲ އިން ނެރުނު ބަޔާނެއްގައި ބުނީ, އެ ޖަމާއަތުގެ ޝޫރާ ކައުންސިލުން ސެކްރެޓަރީ ޖެނެރަލަކު 71 އަހަރުގެ ނާޢިމު އިންތިޚާބުކޮށްފައިވަނީ އެ ޖަމާއަތުން ގާއިމުކޮށްފައިވާ އުސޫލާ އެއްގޮތަށް ކަމަށެވެ.

ހިޒްބުاللهގެ ޑެޕިއުޓީ ޗީފްގެ މަގާމަށް އޭނާ އައްޔަންކުރެއްވީ 1991 ވަނަ އަހަރު އެ ޖަމާއަތުގެ އޭރުގެ ސެކްރެޓަރީ ޖެނެރަލް އައްބާސް އަލް މުސާވީއެވެ. ޖެހިގެން އައި އަހަރު އިސްރާއީލުން ދިން ހެލިކޮޕްޓަރު ހަމަލާއެއްގައި މުސާވީ ވަނީ ޝަހީދުކޮށްލާފައެވެ.

ނަސްރުالله ލީޑަރަކަށް ވަޑައިގެންނެވިއިރު ވެސް ނާޢިމު އޭނާގެ ދައުރުގައި ދެމިހުންނެވިއިރު، ގިނަ ދުވަސްތަކެއް ވަންދެން ހިޒްބުاللهގެ އެންމެ އިސް ތަރުޖަމާނެއްގެ ގޮތުގައި ހުންނެވިއެވެ. އޭނާ ވަނީ މިދިޔަ އަހަރު އިސްރާއީލާ އެކު ބޯޑަރު ހަމަނުޖެހުން ފެށިގެން ދިޔަ ދުވަސްވަރު ވެސް ބޭރުގެ މީޑިއާތަކަށް އިންޓަވިއު ދެއްވާފައެވެ.

ކެމިސްޓްރީއިން ބެޗްލާސް ޑިގްރީއެއް ހާސިލުކުރައްވާފައިވާ ނާޢިމު މިހާރު ދިރިއުޅުއްވަނީ ތެހެރާންގައެވެ.

ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ނަސްރުالله ޝަހީދުކޮށްލިއިރު، އޭގެ ހަފުތާއެއް ފަހުން އިސްރާއީލުން ދިން ހަމަލާތަކުގައި ހިޒްބުاللهގެ އިސް ފަރާތެއް ކަމަށްވާ ހާޝިމް ސަފިއްޔުދީން ވެސް ވަނީ ޝަހީދުކޮށްލާފައެވެ. ނަސްރުﷲ އަށް ފަހު ހިޒްބުﷲގެ ވެރިއަކަށް ހަމަޖައްސާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނީ ސަފިއްޔުއްދީނެވެ.

comment ކޮމެންޓް