ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމަލާ ހެރިސްގެ ކެމްޕޭނާ ގުޅުންހުރި ފަރާތްތަކުގެ ފޯނުތަކަށް ޗައިނާގެ ހެކަރުން ހެކްކުރަން މަސައްކަތްކޮށްފައިވާކަމަށް މަޢުލޫމާތު ލިބިފައިވާ ފަރާތަކުން ހާމަކޮށްފިކަމަށް ރޮއިޓާސްއިން ބުނެފިއެވެ.
މި ހެކަރުންނަކީ ވެރައިޒަން ކުންފުނީގެ ސިސްޓަމަށް ވަދެފައިވާ ބައެކެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހެރިސްގެ އިތުރުން ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް އަދި އޭނާގެ ރަނިން މޭޓް ޖޭޑީ ވާންސްގެ ފޯނުތަކަށް ވެސް މި ހެކަރުން އަމާޒުކޮށްފައިވެއެވެ. ނަމަވެސް މި މަޢުލޫމާތު ރޮއިޓަސްއަށް ކަށަވަރުކުރެވިފައެއް ނުވެއެވެ.
ނިއު ޔޯކް ޓައިމްސްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ޓްރަމްޕް އަދި ވާންސްގެ ފޯނުތަކުން އެއްވެސް މުވާސަލާތެއް ހޯދިފައިވޭތޯ އަންނަނީ ތަޙުޤީޤުކުރަމުންނެވެ. ވެރައިޒަން ފޯން ސިސްޓަމަށް ވަދެގެން ސަރުކާރުގެ އެތެރެއާއި ބޭރުގެ އެތައް ބައެއްގެ ފޯނު ނަންބަރުތަކަށް އަމާޒުކޮށްފައިވާކަމަށް މި ހަފްތާގައި ޓްރަމްޕްގެ ކެމްޕޭނަށް އަންގާފައިވާކަމަށް ޓައިމްސްގެ ރިޕޯޓުގައި ބުނެފައިވެއެވެ.
ޓްރަމްޕްގެ ކެމްޕޭނުގެ ކޮމިއުނިކޭޝަންސް ޑައިރެކްޓަރު ސްޓީވަން ޗުއަން ބުނެފައިވަނީ ހެރިސްގެ ސަބަބުން ޗައިނާ އަދި އީރާނަށް އެމެރިކާގެ އިންފްރާސްޓްރަކްޗާއަށް ހަމަލާދިނުމުގެ ހިތްވަރު ލިބިފައިވާ ކަމަށެވެ. މިއީ ޓްރަމްޕް އަލުން ރައީސްކަމަށް އައުން ހުއްޓުވުމަށް ކަމަށް އޭނާ ބުނެފައިވެއެވެ.
ވޮޝިންގްޓަންގައި ހުންނަ ޗައިނާގެ އެމްބަސީން ބުނެފައިވަނީ މި ހާދިސާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ނެތް ކަމަށާއި، ޗައިނާއިން ހުރިހާ ބާވަތެއްގެ ސައިބާ ހަމަލާތަކާއި ސައިބާ ވައްކަންތަކާ ދެކޮޅު ކަމަށެވެ. އަދި އެމެރިކާގެ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ނިޔަތެއް ޗައިނާގެ ނެތް ކަމަށް ވެސް އެމްބަސީގެ ތަރުޖަމާނު ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހެރިސްގެ ކެމްޕޭނު ޓީމުން ވެސް ކޮމެންޓެއް ދީފައެއް ނުވެއެވެ.
އެފްބީއައި އަދި ޔޫއެސް ސައިބާ ސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗާ ސެކިއުރިޓީ އެޖެންސީން ހުކުރު ދުވަހު ބުނެފައިވަނީ ޗައިނާއާ ގުޅުންހުރި ބަޔަކު ވިޔަފާރީގެ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗާއަށް ހުއްދަނެތި ވަދެފައިވާ މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށެވެ.
އެމެރިކާގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި ކަމަށްވާ ވެރައިޒަނުން ބުނެފައިވަނީ އެމެރިކާގެ ޓެލެކޮމް ދާއިރާއަށް އަމާޒުކޮށް އިންޓެލިޖެންސް ހޯދުމަށް ދުރާލައި ރޭވިފައިވާ ސައިބާ މަސައްކަތަކާ ބެހޭ ގޮތުން އެ ކުންފުންޏަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކާއެކު މަސައްކަތްކުރަމުންދާ ކަމަށް ވެސް ވެރައިޒަނުން ބުނެފައިވެއެވެ.
މީގެ ކުރިން މިއަހަރު ޓްރަމްޕްގެ ކެމްޕޭނަށް ހެކަރުން ވަދެފައިވެއެވެ. މި ހެކިން އާ ގުޅިގެން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ތިން މެންބަރުންގެ މައްޗަށް ދަޢުވާ އުފުލާފައިވެއެވެ. މި ތިން މީހުން ނޮވެމްބަރު ފަހެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބަށް ހުރަސްއެޅުމަށް މަސައްކަތްކުރި ކަމަށް ތުހުމަތުކުރެވެއެވެ.