ބޮލީވުޑްގައި ވެސް ކާމިޔާބު ފިލްމީ ކެރިއަރެއް ބިނާކުރުމަށް ފަހު މިހާރު ހޮލީވުޑްގެ ފިލްމުތައް ކުޅޭ އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ދެ އިންޑަސްޓްރީގެ ފަރަގު ކިޔައިދީފިއެވެ.
ގިނަ އަހަރުތަކެއް ވަންދެން ބޮލީވުޑްގެ ފިލްމު ކުންފުނިތަކާ އެކު މަސައްކަތްކުރުމަށް ފަހު ހޮލީވުޑްގައި މަސައްކަތްކުރަން ފެށުމުން އެންމެ ބޮޑަށް ފާހަގަކުރެވުނު ކަމަކީ ހޮލީވުޑްގައި ކުރެވޭ މުއާމަލާތުތައް ލިޔުންތަކުން ފެންނަން ހުންނަ ހުރުން ކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ.
ހަމައެއާއެކު ހޮލީވުޑްގެ ޕްރޮޑަކްޝަން ކުންފުނިތަކުގެ ހުރިހާ މުވައްޒަފުން އަދި ކްރޫއިން ވަގުތަށް ކަމޭހިތަން ޚާއްސަ ސަމާލުކަމެއް ދޭ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. އެއީ، ފަތިހު ފަތިހާ ނުވަތަ މެންދަމުގެ ވަގުތެއްގައި އޮންނަ ޝޫޓެއް ނަމަވެސް ހުރިހާ ކްރޫއިންނާއި ކާސްޓުން ގަޑިއަށް ހާޒިރުވުމަށް އިސްކަންދޭ ކަމަށް "ކުއަންޓިކޯ" ސީރީޒުން ހޮލީވުޑްގެ ދަތުރު ފެށި ބަތަލާ ވަނީ ބުނެފައެވެ.
ހޮލީވުޑްގެ ފިލްމުގެ ޝޫޓިން ކުރިއަށްދާއިރު އެއީ ކުޅޭ ކުޅިވަރެއްގެ ގޮތުގައި އެ މަސައްކަތާ މެދު ދެކޭ ނަމަ އެ މީހަކަށް ހޮލީވުޑްގައި މަސައްކަތް ކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި ހޮލީވުޑްގެ މަސައްކަތްތަކަކީ ވަރަށް ތަރުތީބުކަމާ އެކު އުސޫލުތަކެއްގެ މައްޗަށް ބިނާވެފައި އޮންނަ މަސައްކަތްތަކެއް ކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ.
ދުނިޔޭގެ ފިލްމު އުފައްދާ ކޮންމެ ގައުމެއްގައި ވެސް ހަރުދަނާ އުސޫލުތަކެއް އޮންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ބުނަމުން ޕްރިޔަންކާ ބުނީ، ބޮލީވުޑްގައި މަސައްކަތް ކުރާއިރު ގިނަ މުލާމަލާތުތައް އަނގަބަހުން ކުރެވޭ ކަމަށެވެ.
އެއީ، އިންޑިއާގެ އާދަކާދަ އޮންނަ ގޮތުން މަސައްކަތް ކުރާ ގޮތް ކަމަށް ބުނެ ބަތަލާ ބުނީ، ތަންކޮޅެއް "އޯގަނިކް"ކޮށް މަސައްކަތްކުރުމުގެ އާދަ ބޮލީވުޑުން ބަލައިގެންފިނަމަ މަސައްކަތުގެ އުފެއްދުންތެރިކަން ރަނގަޅު ކުރެވޭނެ ކަމަށެވެ.
މި ވަގުތު ބޮލީވުޑްގެ އެއްވެސް ފިލްމަކަށް ޕްރިޔަންކާ ސޮއިކޮށްފައެއް ނުވެއެވެ. ބަތަލާ މަސައްކަތްކުރަމުން އަންނަ ހޮލީވުޑްގެ ދެ ޕްރޮޖެކްޓްގެ ތެރޭ އެމޭޒަން ޕްރައިމްގެ ވެބް ސީރީޒް "ސިޓަޑެލް 2" ފިލްމު "ހެޑް އޮފް ސްޓޭޓް" އަދި "ބްލަފް" ހިމެނެއެވެ.