ދޫނި ރޯގާ ޖެހިފައިވާ ދެ މީހުން އެމެރިކާގެ ވޮޝިންގްޓަން ސްޓޭޓުން ފެނިފައިވާ ކަމަށް ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފިއެވެ.
އެ ބަލި ފެތުރުނީ ދޫނި ގެންގުޅޭ ފާމެއްގެ ތެރެއިން ކަމަށް ވެސް ސީޑީސީއާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އެ މީހުންނަށް ބަލި ޖެހުނީ ބަލިޖެހިފައިވާ ދޫނިތަކަށް ހުށަހެލުމުން ކަމަށާއި، އެ މީހުންނަކީ ކުރިން މާ ބޮޑަށް ބަލިވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ބައެއް ވެސް ނޫން ކަމަށް ސީޑީސީން ބުނެފައިވެއެވެ.
މިއީ ވޮޝިންޓަންއިން އިންސާނުންގެ ގައިން ދޫނި ރޯގާ ފެނުނު ފުރަތަމަ ފަހަރެވެ. ނަމަވެސް, އެ ބަލި އިތުރަށް ފެތުރެމުންނުދާ ކަމަށް ސީޑީސީން ބުނެއެވެ.
ބަލިޖެހުނު މީހުންގެ ގައިން ފެނިފައިވަނީ މަދު އަލާމާތްތަކެކެވެ. އެންޓިވައިރަލް ދީގެން އެ މީހުންނަށް މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.
ދޫނި ފާމްގައި ބަލި ފެތުރިފައިވާއިރު، އޮކްޓޯބަރު 15 ވަނަ ދުވަހު ވޮޝިންޓަން ޑިޕާޓްމަންޓް އޮފް ހެލްތުން ހެދި ޓެސްޓެއްގައި އެ ހުރިހާ ދޫނިތައް ވެސް ދޫނިތައް ވެސް ވަނީ ރޯގާއަށް ޕޮޒިޓިވްވެފައެވެ. އެހެންވެ، އޭގެ ތެރެއިން 800،000 ދޫނި ވަނީ މަރާލާފައެވެ.
އިންސާނަކަށް ދޫނި ރޯގާ ޖެހިފައިވާކަން އެންމެ ފުރަތަމަ ދެނެގަނެވިފައިވަނީ މި އަހަރުގެ މާޗު މަހު އެމެރިކާއިންނެވެ. އޭރު ބަލި ފެނުނީ ބަލި ޖެހިފައިވާ ގެރިތަކަކާ ކައިރީގައި އުޅުނު މީހަކަށެވެ.
ދޫނި ރޯގާ އެންމެ ފުރަތަމަ ފެނުނީ 1990 ގެ އަހަރުތަކުގައި ޗައިނާއިންނެވެ. އޭގެ ފަހުން އެންޓާޓިކާ ހިމެނޭ ގޮތަށް ދުނިޔޭގެ ހުރިހާ ބައްރަކަށް ވެސް އެ ބަލި ފެތުރިފައިވެއެވެ.
ދޫނި ރޯގާއަކީ ދޫނިތަކާއި އިންސާނުންގެ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. މިއީ ވައިރަސް އަކުން ޖެހޭ ބައްޔެކެވެ. މި ބަލީގެ ޖަރާސީމު، ބަލިޖެހިފައިވާ ދޫނީގެ ނަޖިހުގަޔާއި ނޭވާލާ ނިޒާމުގައި ހުންނަ ދަވައިގަޔާއި ލޭގައި ހުރެއެވެ.
ދޫނި ރޯގާގެ ވައިރަސް ދޫނިތަކުގެ މެދުގައި ފެތުރެނީ ތަންތަނުން ގެންނަ ދޫނިތަކާއި ގައުމުތަކުގެ ސަރަހައްދު ހުރަސްކޮށް އެއްގައުމުން އަނެއް ގައުމަށް ހިޖުރަކުރާ ދޫނިތައް އެހެން ދޫނިތަކާ ގައިގޯޅިވުމުގެ ސަބަބުންނެވެ. އިންސާނުންގެ ކެއުމަށް ބޭނުންކުރާ ކުކުޅު ހާލާއި ޓާކީ އާއި އަސްދޫނި ފަދަ ދޫނިތަކަކީ އެންމެ ފަސޭހައިން ދޫނި ރޯގާގެ ވައިރަސް ޖެހޭ ދޫނިތަކެވެ.