ދޫނި ރޯގާ ޖެހިގެން އެމެރިކާގެ ލުއީޒިއަނާގައި ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ ކަމަށް އޮފިޝަލުން ހާމަކޮށްފިއެވެ.
މި މަރުގެ ރިޕޯޓްކޮށްފައިވަނީ ލުއީޒިއަނާ ޑިޕާޓްމަންޓް އޮފް ހެލްތު (އެލްޑީއެޗް) އިންނެވެ. ކާކުކަން ނޭނގޭ ބަލިމީހާއަކީ 65 އަހަރުން މަތީގެ މީހެއް ކަމަށާއި އޭނާއަކީ ކުރިންވެސް ސިއްޚީ މައްސަލަތަކެއް ހުރި މީހެއް ކަމަށް އެމެރިކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
"އޭނާއަށް ބަލި ޖެހިފައި ވަނީ ދޫނިތަކެއް ގެންގުޅުމުން." އެލްޑީއެޗްގެ ނޫސްބަޔާނެއްގައިވެއެވެ.
ލުއީޒިއަނާ ބަލިމީހާގެ ގައިން ފެނުނީ މިއުޓޭޓްވާ ނުވަތަ އޭގެ އަސްލު ބަދަލުވަމުން ދާ ވައިރަސްއެއް ކަމަށް, އެމެރިކާގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން މިދިޔަ ހަފުތާ ވަނީ ބުނެފައެވެ. އެހެންވެ އެ ބަލި އެއް އިންސާނަކުން އަނެއް އިންސާނަކަށް ފެތުރިދާނެ ކަމަށް ބެލެވޭ ކަމަށްވެސް ސީޑީސީއިން ބުނެއެވެ.
ހުކުރު ދުވަހުގެ ނިޔަލަށް ލުއީޒިއަނާ ކޭސް ހިމެނޭ ގޮތަށް ދޫނި ރޯގާ ޖެހިފައިވާ 66 ކޭސް ފެނިފައިވާ ކަމަށް ސީޑީސީން ބުނެއެވެ. އޭގެތެރޭގައި ކެލިފޯނިއާއިން 37 މީހުން ވޮޝިންޓަންގެ 11 މީހުން އަދި ކޮލޮރާޑޯގެ 10 މީހުން ހިމެނެއެވެ.
އިންސާނަކަށް ދޫނި ރޯގާ ޖެހިފައިވާކަން އެންމެ ފުރަތަމަ ދެނެގަނެވިފައިވަނީ މިދިޔަ އަހަރުގެ މާޗު މަހު އެމެރިކާއިންނެވެ. އޭރު ބަލި ފެނުނީ ބަލި ޖެހިފައިވާ ގެރިތަކަކާ ކައިރީގައި އުޅުނު މީހަކަށެވެ.
ދޫނި ރޯގާ އެންމެ ފުރަތަމަ ފެނުނީ 1990 ގެ އަހަރުތަކުގައި ޗައިނާއިންނެވެ. އޭގެ ފަހުން އެންޓާޓިކާ ހިމެނޭ ގޮތަށް ދުނިޔޭގެ ހުރިހާ ބައްރަކަށް ވެސް އެ ބަލި ފެތުރިފައިވެއެވެ.
ދޫނި ރޯގާއަކީ ދޫނިތަކާއި އިންސާނުންގެ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. މިއީ ވައިރަސް އަކުން ޖެހޭ ބައްޔެކެވެ. މި ބަލީގެ ޖަރާސީމު، ބަލިޖެހިފައިވާ ދޫނީގެ ނަޖިހުގަޔާއި ނޭވާލާ ނިޒާމުގައި ހުންނަ ދަވައިގަޔާއި ލޭގައި ހުރެއެވެ.
ދޫނި ރޯގާގެ ވައިރަސް ދޫނިތަކުގެ މެދުގައި ފެތުރެނީ ތަންތަނުން ގެންނަ ދޫނިތަކާއި ގައުމުތަކުގެ ސަރަހައްދު ހުރަސްކޮށް އެއްގައުމުން އަނެއް ގައުމަށް ހިޖުރަކުރާ ދޫނިތައް އެހެން ދޫނިތަކާ ގައިގޯޅިވުމުގެ ސަބަބުންނެވެ. އިންސާނުންގެ ކެއުމަށް ބޭނުންކުރާ ކުކުޅު ހާލާއި ޓާކީ އާއި އަސްދޫނި ފަދަ ދޫނިތަކަކީ އެންމެ ފަސޭހައިން ދޫނި ރޯގާގެ ވައިރަސް ޖެހޭ ދޫނިތަކެވެ.