ދޮގު ޚަބަރު ފަތުރާތީ، 'ދިޔަވަރު'ގެ ލިޔުންތައް ސޯޝަލް މީޑިއާގައި ނުފަތުރަން އެމްއެމްސީން އެދިއްޖެ

އެމްއެމްސީގެ ބައްދަލުވުމެއްގެ ތެރެއިން: ދޮގު ޚަބަރު ފަތުރާތީ، 'ދިޔަވަރު'ގެ ލިޔުންތައް ސޯޝަލް މީޑިއާގައި ނުފަތުރަން އެމްއެމްސީން ވަނީ އެދިފައި -- ފޮޓޯ/ އެމްއެމްސީ

'ދިޔަވަރު'ގެ ނަމުގައި ހިންގާ ވެބްސައިޓަކުން ގިނަ އަދަދަކަށް ހަގީގަތާ ޚިލާފު ޚަބަރުތައް ފަތުރަމުންދާތީ އެ ވެބްސައިޓުގެ ލިޔުންތައް ސޯޝަލް މީޑިއާގައި ނުފަތުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން މިއަދު އިލްތިމާސްކޮށްފިއެވެ.

އެމްއެމްސީން ނެރުނު އެޑްވައިޒަރީއެއްގައި ވަނީ، އެ ކައުންސިލަށް މި އަހަރުގެ 77 ޝަކުވާއެއް ލިބިފައިވާއިރު އޭގެ ތެރޭގައި 63 މައްސަލައަކީ ދިޔަވަރުގައި ޝާއިއުކޮށްފައިވާ ލިޔުންތަކައި ބައެއް ފޮޓޯތަކާ ގުޅޭ ޝަކުވާ ކަމަށެވެ.

އެ ކައުންސިލުން ބުނި ގޮތުގައި އޭގެ ތެރޭގައި ޕަބްލިކް ސާވިސް މީޑިއާގެ އެއް ޝަކުވާއައި މޯލްޑިވްސް މާކެޓިން ޕަބްލިކް ރިލޭޝާން ކޯޕަރޭޝާން (އެމްޕީއާރުސީ)ގެ ޝަކުވާއެއް ހިމެނޭއިރު، 61 ޝަކުވާ ހުށަހަޅައިފައިވަނީ ރައީސް އޮފީހުން ކަމަށެވެ.

އޭގެ ތެރެއިން ކޮންމެ މައްސަލައެއްގެ ޝަކުވާ ފޯމުގައި، ދިޔަވަރުން ދޮގު ޚަބަރުތައް ފެތުރުމުގެ މަގުސަދަކީ ސަރުކަރާއި ރައީސާ މެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފައްދައި ރައްޔިތުން އެ މަނިކުފާނަށް ކުރާ އިތުބާރު ގެއްލުވާލުން ކަމަށް ރައީސް އޮފީހުން ބުނެފައިވާ ކަމަށް އެޑްވައިޒަރީގައިވެއެވެ.

މީޑިއާ ކައުންސިލަށް ޚަބަރަކާ ގުޅޭ ޝަކުވާ ހުށަހަޅާއިރު، އެއީ ހަގީގަތާ ޚިލާފު ޚަބަރެއްކަން ސާބިތު ކުރުމަށް ހެއްކާއި ލިޔެކިޔުން ހުށަހަޅަން ޖެހޭ ނަމަވެސް ރައީސް އޮފީހުން އެންމެ ޝަކުވާއެއް ފިޔަވައި އެހެން ޝަކުވާއެއްގައި ލިޔުމެއް ހުށަހަޅައިފައިނުވާ ކަމަށް އެމްއެމްސީން ފާހަގަކުރިއެވެ.

ދިޔަވަރާ ގުޅުންހުރި މައްސަލަތައް ބަލައި އެމްއެމްސީއަށް ފާހަގަކުރެވުނު ބައެއް ކަންތައްތަކުގެ ތެރޭގައި:

  • ކަނޑައެޅިގެން ހަގީގަތާ ޚިލާފު އަދި ސާބިތުނުކުރެވޭ ވާހަކަތައް ޝާއިއުކޮށްފައިވުން
  • އާންމުކޮށް ލިބެން ހުންނަ ބައެއް މައުލޫމާތުތައް ޝާއިއުކޮށްފައި ހުންނައިރު އޭގެ ތެރެއަށް ހަގީގަތާ ޚިލާފު ބައެއް ވާހަކަަތައް މަސްހުނިކޮށްފައިވުން
  • ގިނަ ލިޔުންތަކަކީ ތުންތުންމަތިން ދެކެވޭ ނުވަތަ ސާބިތުވެފައިވާ ވާހަކަތަކަކަށް ނުވި ނަމަވެސް އެއީ ކަނޑައެޅިގެން ހަގީގަތެއް ކަމަށް ގަބޫލުކުރެވޭ ގޮތަށް ލިޔުން
  • ލިޔުންތަކުގެ ސުރުޚީގައި ބޮޑެތި ތުހުމަތުތަކެއްކޮށްފައިވީ ނަމަވެސް ޚަބަރުގެ އެތެރޭގައި މާ ގިނަ ތަފުސީލެއް ނުވަތަ އެކަމާ ގުޅޭ އިތުރު ވާހަކަތަކެއް ހިމަނާފައި ނުވުން

އެހެންވެ، ދިޔަވަރަކީ ގިނަ އަދަދަކަށް ހަގީގަތާ ޚިލާފު ޚަބަރުތައް ފަތުރައި ހަގީގަތަށް ވާސިލުވާން އެކަށީގެންވާ މަސައްކަތެއް ނުކުރާ އަދި ތެދާއި ދޮގު މަސްހުނިކޮށް ގިނަ އަދަދަކަށް މިސްއިންފޮމޭޝަން މުޖުތަމައު ތެރޭގައި ފަތުރަމުންދާ ވެބްސައިޓެއްކަން ފާހަގަވެފައިވާ ކަމަށް އެމްއެމްސީން ބުންޏެވެ.

އެހެންވުމުން ސަމާލުކަން ދޭން ޖެހޭ ކަންތައްތަކުގެ ތެރޭގައި:

  • ދިޔަވަރުގައި ޝާއިއުކުރާ ލިޔުންތަކާއި ފަތުރާ މައުލޫމާތުތައް އެހެން މީޑިއާ ވަސީލަތްތަކާއި އެހެނިހެން މަސްދަރުތަކުން ބަލައި ވެރިފައިކުރުން
  • ގިނަ އަދަދަކަށް މިސްއިންފޮމޭޝާން ފަތުރަމުންދާތީ ދިޔަވަރުން ޝާއިއުކުރާ ލިޔުންތައް ސޯޝަލް މީޑިއާއާއި އެހެނިހެން ވަސީލަތްތަކުގައި ޝެއާކޮށް ނުފެތުރުން
  • ސުރުހީ އެކަނި ކިޔުމުގެ ބަދަލުގައި އާޓިކަލް ހުޅުވައި ނޫސްވެރިކަމުގެ ހަމަތައް ހިފަހައްޓައިގެން ހަގީގަތާ އެއްގޮތަށް ޚަބަރު ލިޔެފައިވޭތޯ ބެލުން
  • ދިޔަވަރަކީ ވަކި ބަޔަސްއެއް ނުވަތަ ވަކި ފަރާތަކަށް ބުރަވެ ޚަބަރު ފަތުރާ ވަސީލަތެއް ކަމަށް ބެލެވޭތީ ޚަބަރުތައް ކިޔުމުގައި އެކަމަށް ސަމާލުވުން

ދިޔަވަރު ފާހަގަވެފައި ވަނީ އާންމު ގޮތެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ސަރުކާރުގެ އިސް ފަރާތްތަކަށް ތުހުމަތުތައްކޮށް ލިޔާ ވެބްސައިޓެއްގެ ގޮތުގައެވެ.

ރެޖިސްޓާނުކޮށް ހިންގާ ނޫސްތަކުން މުޖުތަމައުގެ އާންމު މިންގަނޑާ ޚިލާފު ލިޔުންތައް އާންމުކުރާ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެ، އެމްއެމްސީން ބަލައިފައިވެއެވެ.

comment ކޮމެންޓް