ތަރައްގީގެ މަސައްކަތްތަކުގައި ޕްރައިވެޓް ސެކްޓަރުގެ ބައިވެރިވުން އިތުރު ކުރުމަށް އަމަލީގޮތުން މަސައްކަތް ކުރުމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފު މިއަދު ގޮވާލައްވައިފިއެވެ.
އެ މަނިކުފާނު މި ކަމަށް ގޮވައިލެއްވީ، ސަމޯއާގައި އޮތް "ކޮމަންވެލްތު ބިޒްނަސް ފޯރަމް: އައިލެންޑް ލީޑާސް'' ވަށްމޭޒު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ބައްދަލުވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ސިޑްސްގެ ގައުމުތަކަށް ދިގު މުއްދަތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި ފިޔަވަޅުތަކެއް އެޅުމަށާއި، ސިޑްސްގެ ހުރިހާ ގައުމަކަށް ތަނަވަސްކަން ހޯދައިދިނުމަށް މަސައްކަތް ކުރުމަށް ކަންތައްތަކެއް ވަނީ ހުށަހެޅުއްވާފައެވެ. އެ ގޮތުން އެ މަނިކުފާނު ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ޕްރައިވެޓް ސެކްޓަރު ނުވަތަ އަމިއްލަ ފަރާތްތައް ޝައުގުވެރި ކުރުވުމަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހި ކުރުމާއި، ވިޔަފާރިއާއި ވިޔަފާރީގެ މުޢާމަލާތްތައް އިތުރަށް ހަރުދަނާ ކުރުމަށް ޕްރައިވެޓް ސެކްޓަރު ހަރުދަނާ ކުރުން ހިމެނެއެވެ.
ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ތަފާތު ތިމާވެށީގެ ނިޒާމުތަކަށް އަލިއަޅުއްވާލައްވަމުން، މޫސުމަށް އަންނަ ބަދަލުތަކާއި، މާލީ އެހީ ހޯދުމުގައި ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ފާހަގަ ކުރެއްވިއެވެ.
އެހެން ނަމަވެސް ރާއްޖެއަކީ ނާޒުކުކަން މާނަ ކުރަން ދެކޮޅު ހަދާ ގައުމެއް ކަމަށާއި ރާއްޖެއާއި އެހެނިހެން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)އަކީ އަމިއްލަ ކުރިމަގު އަމިއްލައަށް ބަލަހައްޓަން ޖެހިފައިވާ ގައުމެއްކަމުގައި އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، 2040 ވަނަ އަހަރުގެ ނިޔަލަށް ތަރައްގީވެފައިވާ ގައުމަކަށް ބަދަލުވުމުގެ ތަޞައްވުރާއެކު، މިހާރަށްވުރެ ހަރުދަނާ، ތަނަވަސް ދިވެހިރާއްޖެއެއް ގާއިމުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހިތްވަރުގަދަ، އުއްމީދީ ތަޞައްވުރުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެ ގޮތުން އައިސީޓީ، ފައިނޭންސް، އަދި އިއާދަ ކުރަނިވި ހަކަތަ ފަދަ ދާއިރާތައް ހިމެނޭ ގޮތަށް އިގްތިސާދު ސިންދަފާތު ކުރުމަށް ކުރަމުންދާ މަސައްކަތްތައް އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ކޮމަންވެލްތުގެ ވިޔަފާރިވެރިން ރާއްޖެއަށް އެއްބާރުލުން ދިނުމުގެ މުހިންމު ކަމުގެ މައްޗަށް ނައިބު ރައީސް އަލިއަޅުއްވާލެއްވިއެވެ. އަދި އެމަނިކުފާނު ވަނީ ދިވެހިރާއްޖެއާ އެކު ޙިއްސާކުރެވޭ ތަނަވަސް ކަމަށް ދިއުމަށް ރާއްޖެއިން ކުރާ ދަތުރުގައި ބައިވެރިވެ ވަޑައިގަތުމަށް ކޮމަންވެލްތުގެ ވިޔަފާރިވެރިންނަށް ދަޢުވަތު ދެއްވާފައެވެ.
ނައިބު ރައީސް ސަމޯއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. އެ ބައްދަލުވުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.