ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މިދިޔަ ސީޒަންގައި ވާދަކުރި ދެޓީމު ކަމުގައިވާ ރެއާލް މެޑްރިޑާއި ބޮރޫޝިއާ ޑޯޓްމުންޑްގެ ކުރިމަތިލުން ރެއާލްއިން ކާމިޔާބު ކޮށްފިއެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރައި ފަސް ލަނޑު ދެ ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލްއިންނެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ޑޯޓްމުންޑްއިން މޮޅު ކުޅުމެއް ދެއްކިއިރު ދެ ވަނަ ހާފު ފެނުނީ ރެއާލްގެ ހާފެއްގެ ގޮތުގައެވެ.
މިދިޔަ ސީޒަންގެ ފައިނަލްގައި ރެއާލް އަތުން ދެ ލަނޑު ސުން ލަނޑުން ބަލިވި ބަލިވުމުގެ ހަނދާންތަން ހުރި ޑޯޓްމުންޑުން މިމެޗުގެ ފުރަތަމަ ހާފުގައި ދެއްކީ ރެއާލް ސިއްސުވާލި ކުޅުމެކެވެ. މިގޮތުން މެޗުގެ 30 ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ޑޯޓްމުންޑުންވަނީ މެޗުގެ ލީޑު ނަގައިފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑޮންޔެލް މާލެންއެވެ. އަދި މިލަނޑު ޖެހިތާ ހަތަރު މިނެޓް ފަހުން މާލެން ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޑޯޓްމުންޑްގެ ލީޑު ފުޅާކޮށްދިނީ ޖެމީ ގިޓެންސްއެވެ. މި ދެ ލަނޑާއެކު މިމެޗުގެ ފުރަތަމަ ހާފު ނިމުނީ ޑޯޓްމުންޑް ކުރީގައި އޮވެގެންނެވެ.
ފުރަތަމަ ހާފާ ޚިލާފަށް މިމެޗުގެ ދެވަނަ ހާފަށް ރެއާލް ނުކުތީ އާހިތްވަރަކާއެކު މެޗުން ނަތީޖާއެއް ނެރުމުގެ އަޒުމާއެކުއެވެ. މިމެޗުގައި ރެއާލްއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޑިފެންޑާ އެންޓޯނިއޯ ރުޑިގާއެވެ. އަދި މިލަނޑު ޖެހިތާ ދެ މިނެޓް ފަހުން އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ރޭގެ މެޗުގެ ދެވަނަ ހާފުގައި މޮޅު ކުޅުމެއް ދެއްކި ވިނީޝިއަސް ޖޫނިއާއެވެ.
ރެއާލްއަށް މިމެޗުގައި ލީޑު ނަގައިދިނީ މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް ލޫކަސް ވަޒްކުއޭޒް ޖަހައިދިން ލަނޑުންނެވެ. އަދި އެޓީމުން މިމެޗުގައި ކާމިޔާބުކުރި ފަހު ދެ ލަނޑު މެޗުގެ 86 ވަނަ މިނެޓާއި މެޗުގެ އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައި ޖަހައިދީ ވިނީޝިއަސްވަނީ މިމެޗުގައި ހެޓްރިކެއްވެސް ހަދާފައެވެ.
މިކާމިޔާބީއާއެކު ރެއާލް މިހާރު އުޅެނީ ކުޅުނު ތިން މެޗުން ލިބިފައިވާ ހަ ޕޮއިންޓާއެކު ތާވަލްގެ ނުވަ ވަނައިގައެވެ. އަދި މިމެޗުން ބަލިވުމުން ޑޯޓްމުންޑް އުޅެނީ ތިން މެޗުން ލިބިފައިވާ ހަ ޕޮއިންޓާއެކު ތާވަލްގެ ހަ ވަނައިގައެވެ. އެއީ ފައިދާ ގޯލަށް ބަލާއިރު ޑޯޓްމުންޑަށް ކުރި ލިބޭތީއެވެ.
މިމުބާރާތުގައި ފްރެންޗް ލީގު އާންގެ ޕެރިސް ސެއިންޓް ޖާމެއިން އާއި ޑަޗް އެރެޑިވިސީގެ ޕީއެސްވީ އެއިންދްހީވެން ބައްދަލުކުރި މެޗު އެއް ލަނޑު އެއް ލަނޑުންވީ އެއްވަރެވެ. ޕީއެސްވީގެ ދަނޑުގައި ކުލުނު މިމެޗުގައި އެޓީމަށް އަޝްރަފް ހަކީމީ ލަނޑު ޖަހައިދިން އިރު ޕީއެސްވީގެ ލަނޑު ޖަހައިދިނީ ނޯއާ ލޭންއެވެ. މިނަތީޖާއާއެކު ޕީއެސްޖީ ހަތަރު ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގާ އުޅޭއިރު ޕީއެސްވީ އުޅެނީ ދެ ޕޮއިންޓާއެކު ތާވަލްގެ 27 ވަނައިގައެވެ.