ރާއްޖޭގައި ގާއިމް ކުރެވިފައިވާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ސެންޓަރުތަކުގައި، އެއްފަހަރާ 350 މީހުންނަށް ފަރުވާ ދެވޭނެ ކަމަށް ނޭޝަނަލް ޑްރަގު އޭޖެންސީ (އެންޑީއޭ)އިން މިއަދު ބުނެފިއެވެ.
ގޭގައި، އަމިއްލަ އާއިލާ ކައިރީ ހުރެގެންނާއި ފެސިލިޓީތަކުގައި ބައިތިއްބައިގެން ވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދެއެވެ.
އެންޑީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން، އެ އިދާރާގެ ޗެއާޕާސަން ލުބުނާ މުހައްމަދު ޒާހިރު ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ ފަރުވާދޭ ސެންޓަރުގެ ތަކުގެ ޖުމްލަ ބެޑް ކެޕޭސިޓީއަކީ ގާތްގަނޑަކަށް 350 ކަމަށެވެ.

އެންޑީއޭގެ ޗެއާޕާސަން ލުބުނާ މުހައްމަދު ޒާހިރު: ވިދާޅުވީ އެއްފަހަރާ 350 މީހުންނަށް ފަރުވާ ދެވޭނެ ކަމަށް -- ސަން ފޮޓޯ/ އަމަން ލަތީފް
މީގެ ކުރިން އެންޑީއޭއަށް ފަރުވާ ހޯދަން އަންނަ ފަރާތްތަކަށް ދަތިތަކެއް ދިމާވި ނަމަވެސް، "ފަރުވާގެ ދޮރުތައް މިހާރު ވާނީ ހުޅުވިފައި" ކަމަށް ލުބުނާ ވަނީ ވިދާޅުވެފައެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެންޑީއޭގެ ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވީ ކޯޓުން ހުކުމްކޮށްގެން ޑްރަގުގެ ފަރުވާއަށް ވަންނަން ބޭނުންވެ، ފަރުވާގެ ތެރެއަށް ނުވަދެވިވާ އެއްވެސް މީހަކު މިހާރު ނުހުންނާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއަކީ ގޭގައި ބަހައްޓައިގެން ފުރަތަމަ ފަރުވާ ކުރުމެވެ. އެ ފަދަ ހާލަތެއްގައި ފަރުވާ ދެވެން ނެތް ނަމަ ސެމީ ރެސިޑެންސް ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމެވެ. އަދި އެއަަށްވުރެ ހާލަތު ގޯސްނަމަ، ތަނެއްގައި ބަންދުކޮށްގެން ފަރުވާދިނުމެވެ.

އެންޑީއޭގެ ސީއީއޯ މުހައްމަދު ރާޝިދު: ވިދާޅުވީ ކޯޓުން ހުކުމްކޮށްގެން ޑްރަގުގެ ފަރުވާއަށް ވަންނަން ބޭނުންވެ، ފަރުވާގެ ތެރެއަށް ނުވަދެވިވާ އެއްވެސް މީހަކު މިހާރު ނުހުންނާނެ ކަމަށް -- ސަން ފޮޓޯ/ އަމަން ލަތީފް
އެހެން ނަމަވެސް ރާއްޖެ ފަދަ ކުޑަކުޑަ ގައުމެއްގައި މުޖުތަމައުގެ ތެރޭގައި އެ މީހަކު ބަހައްޓައިގެން ފަރުވާ ދިނުމަކީ އެންމެ އެކަށީގެންވާ ގޮތް ނޫންކަން ރާޝިދު ފާހަގަ ކުރެއްވިއެވެ. އެއީ މުޖުތަމައުގައި އެ ފަދަ ފަރުވާއަށް ބޭނުންވާ މީހުންނަށް ސަޕޯޓު ދެވޭނެ ވަސީލަތްތައް އެކަށީގެންވާ ގޮތެއްގައި ގާއިމްކުރެވިފައި ނެތުމުގެ ސަބަބުންނެވެ.
އެހެން ނަމަވެސް މުޖުތަމައުގެ ތެރޭގައި 400އާ ގާތްކުރާ އަދަދަކަށް ޑްރަގުގެ ފަރުވާ ހޯދާ މީހުން އެބަ ތިިއްބެވެ. ރާޝިދު ވިދާޅުވި ގޮތުގައި އޭގެ ތެރެއިން ގިނަ މީހުންނަކީ ނަފުސާނީ ގޮތުން ވެސް އެހީތެރިކަން ބޭނުންވާ މީހުންނެވެ.
މި ކަމުގެ ސަބަބުން ދަތިތައް ކުރިމަތިވާކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، މުޖުތަމައުގެ ތެރޭގައި ތިބެގެން ފަރުވާ ހޯދާ އެ ފަރާތްތަކަށް ތަފާތު ގޮތަކަށް ފަރުވާގެ ނިޒާމު ބައްޓަން ކުރަމުންދާ ކަމަށެވެ. އެއީ އެ މީހުންގެ ނަފުސާނީ އަދި ޖިސްމާނީ ހާލަތު ދުޅަހެޔޮ ކުރުމަށް ޓަކައި ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވާން މަޖުބޫރު ކުރުވައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
މަސްތުވާތަކެއްޗަކީ ރާއްޖޭގައި ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލައެވެ. އެންޑީއޭއިން ބުނި ގޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުން ދިރިއުޅެއެވެ.