މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ މެދުގައި ނަފުސާނީ މައްސަލަތައް ވަރަށް ބޮޑު ކަމަށާއި، ދައުލަތުން އެ މީހުންގެ ފަރުވާއަށް ހޭދަ ކުރަންޖެހޭ މިންވަރު "ހެސްކިޔާފައި" އިތުރުވެގެންދާނެ ކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ޗެއާޕާސަން އަދި ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބުނާ މުހައްމަދު ޒާހިރު މިއަދު ވިދާޅުވެއްޖެއެވެ.
އެންޑީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ލުބުނާ ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ފަރާތުން ވަރަށް ބޮޑެތި ނަފުސާނީ މައްސަލަތައް ހުންނަކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެންޑީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްލުވުން -- ސަން ފޮޓޯ/ އަމަން ލަތީފް
"އެހެންވީމާ އަޅުގަނޑުމެންނަށް މި ގަބޫލު ކުރެވެނީ ގިނައިން މަސްތުވާތަކެތި މިހާރު ނަގާ މީހުންގެ ތެރޭގައި މި ގޮތަށް ނަފުސާނީ މައްސަލަތައް އިތުރުވެގެންދާތީ، ދައުލަތުން ނަފުސާނީ މައްސަލަތަކަށް ކުރަންޖެހޭ ޚަރަދު އަދި ހޭދަ ހެސްކިޔާފައި އިތުރުވެގެންދާނެކަން ޔަގީން" ލުބުނާ ވިދާޅުވިއެވެ.
ލުބުނާ ވިދާޅުވީ އޭނާ އެންޑީއޭއާ ހަވާލުވެ ވަޑައިގަތްއިރު، އެ އިދާރާގައި ސައިކައިޓްރިސްޓަކު ނެތްތާ ދެ އަހަރު ދުވަސްވެފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހާރު އެ އިދާރާގެ އޮޕަރޭޝަންތައް ކުރިޔަށް ގެންދަނީ ސައިކައިޓްރިސްޓަކާ އެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ލުބުނާ ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ފަސް އަހަރަށް ބަލާއިރު، މަސްތުވާތަކެތީގެ މައްސަލައެއް ފެންމަތި ނުވާ، ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށެއް ނެތެވެ. ފާއިތުވި ފަސް އަހަރު އެއްކުރެވިފައިވާ މައުލޫމާތުގައިވާ ގޮތުން ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ނިސްބަތަކީ 7،500އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެންޑީއޭގެ ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވި ގޮތުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ނިސްބަތް އެނގޭ ސާވޭއެއް، ރާއްޖޭގައި ނުކުރެވޭތާ ވަނީ ވަރަށް ގިނަ ދުވަސްވެފައެވެ. މީގެ ކުރިން ކުރެވުނު ސާވޭތައް ވެސް ކުރެވިފައިވަނީ އެންމެ ފުޅާމިނުގައި ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެންޑީއޭގެ ސީއީއޯ މުހައްމަދު ރާޝިދު: ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާ ގުޅޭ ސާވޭއެއް ރާއްޖޭގައި ނުކުރެވޭތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށް -- ސަން ފޮޓޯ/ އަމަން ލަތީފް
އެންޑީއޭއިން ބުނި ގޮތުގައި ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ނިސްބަތް ދެނެގަތުމަށް ޓަކައި، ފުލުހުންނާއި ރަށު ކައުންސިލްތަކާ ގުޅިގެން މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިޔަށް އެބަދެއެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލައެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ބޮޑެތި ނަފުސާނީ މައްސަލަތައް ހުރިކަން ލުބުނާ ފާހަގަ ކުރެއްވިއިރު، ރާއްޖޭގައި ވެސް ނަފުސާނީ ބަލީގެ ހާލަތު ދަނީ ގޯހުން ގޯހަށް ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.