ނަޑެއްލާގައި ނުރައްކާތެރި އެކްސިޑެންޓެއް: 2 މީހަކު މާލެ ގެނެސް ފަރުވާދެނީ

ގދ. ނަޑެއްލާ: އެ ރަށުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ، ދެ މީހަކު ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައި --ފޮޓޯ/އައިލްސް

ގދ. ނަޑެއްލާގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ދެ މީހަކު އިތުރު ފަރުވާއަށް މިއަދު މާލެ ގެނެސްފިއެވެ.

ފުލުހުން މިއަަދު ބުނީ، ނަޑެއްލާ ޖެޓީ މަގުން ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލްނުވެގެން، އެ ސަރަހައްދުގައި މަޑުކޮށްފައި އޮތް ރަށު ޕިކަޕެއް ކައިރީގައި ހުރި މީހެއް ގައިގައި ޖެހިފައިވާ ކަމަށެވެ.

މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓުކުރީ ރޭ 12:05 އެހާކަންހާއިރެވެ.

އެ ސައިކަލުގައި އުމުރުން 18 އަހަރުގެ ދެ މީހުން ތިއްބެވެ. ސައިކަލު ދުއްވި މީހާގެ ލައިސަންސް ވެސް ނެތް ކަމަށް ފުލުހުން ބުންޏެވެ. ޕިކަޕު ކައިރީ މަޑުކޮށްލައިގެން ހުރީ 47 އަހަރުގެ މީހެކެވެ.

ތިން މީހުން ވެސް އެކްސިޑެންޓުވުމުން ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާދީފައެވެ.

އޭގެ ތެރެއިން ސައިކަލު ދުއްވި މީހާއާއި ޕިކަޕު ކައިރީގައި ހުރި މީހާ މިއަދު ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ. ދެ މީހުންނަށް ވެސް ފަރުވާދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް