ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާ ދެމަފިރިންގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
އެ މީހުން ހައްޔަރުކުރުމަށް ފަހު އެންމެ ފުރަތަމަ ބަންދުގެ މުއްދަތު ޖަހަން ގެންދިޔައީ މި މަހު 16 ވީ ބުދަ ދުވަހުއެވެ. އެ ދުވަހު، ދެ މީހުން ވެސް ބަންދުކުރީ ތިން ދުވަހަށެވެ. އެއީ، އޭރު ތަރުޖަމާނަކު ހަމަނުޖެހޭތީއެވެ.
މި މައްސަލައިގައި ހައްޔަރުކުރީ 41 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ އަންހެނެކެވެ.
ދެ މީހުން ވެސް ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީއާއި ކުށުގެ ތުހުމަތުކުރެވޭ ވަރަށް ހެކި ހުށަހަޅާފައިވާތީ ކްރިމިނަލް ކޯޓުން ވަނީ ދެ މީހުންގެ ބަންދުގެ މުއްދަތު ވެސް އިތުރުކޮށްފައެވެ.
ކޯޓު އަމުރުގައި ވާގޮތުން، ދެ މީހުން ވެސް ރާއްޖެ އައީ މެލޭޝިއަން އެއާލައިންސްގެ ފްލައިޓެއްގައެވެ. އެ މީހުންގެ ހަރަކާތްތައް ހުރި ގޮތުން ބެލިއިރު އަންހެން މީހާގެ ލަގެޖުގެ ފުލުގައި ކޮންސީލްމަންޓެއް ހުރިކަމަށް ފާހަގަކުރެވި އެއީ މަސްތުވާތަކެތި ކަމަށް ބެލެވި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ފުލުހުންނާއި ހަވާލުކުރީއެވެ.
އެ މީހާގެ ލަގެޖުގެ ތެރެއިން 2.05 ކިލޯގެ ހެރޮއިން ފެނުނު ކަމަށް މީގެ ކުރިން ކަސްޓަމްސްއިން ވަނީ ބުނެފައެވެ. އެ ތަކެތީގެ މަގުމަތީ އަގު ވެސް ދެ މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ވަނީ ލަފާކޮށްފައެވެ.
އެކަމަކު، އެ މީހުން ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އެ ގޮތުން، އެއީ މީހަކު ހަވާލުކުރި އެއްޗެއް ކަމަށާއި އޭގައި ފޮރުވާފައި އެއްޗެހިތަކެއް ހުރކަން ނޭނގޭ ކަމަށް އެ ފިރިހެން މީހާ ކޯޓުގައި ބުނެފައިވެއެވެ.
އެކަމަކު، ކުށެއްގެ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާތީ ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ.