އޭއައި މޮޑެލްތަކުގެ މަސައްކަތް ޗެކްކުރެވޭ އައު އޭއައި މޮޑެލްއެއް މެޓާއިން ތައާރަފުކޮށްފި

ޓެކްނޮލޮޖީގެ އައު އުފެއްދުންތަކަށް މެޓާއިން ދަނީ އިތުބާރު ހޯދަމުން ---

ފޭސްބުކްގެ މައި ކުންފުނި މެޓާގެ ރިސާޗް ޑިވިޝަނުން އައު އޭއައި މޮޑެލްތަކެއް ތަޢާރަފުކޮށްފިއެވެ. މީގެ ތެރޭގައި "ސެލްފް-ޓޯޓް އިވެލުއޭޓާ" ގެ ނަމުގައި އެހެން އޭއައި މޮޑެލްތަކުގެ މަސައްކަތް ޗެކްކުރެވޭ މޮޑެލްއެއް ހިމެނެއެވެ. މި އައު މޮޑެލް ތަޢާރަފުކޮށްފައިވަނީ ހުކުރު ދުވަހުއެވެ.

މި އައު މޮޑެލް ބޭނުންކޮށްގެން އޭއައި ތަރައްޤީކުރުމުގެ މަސައްކަތުގައި އިންސާނުންގެ ބައިވެރިވުން މަދުކުރެވިދާނެ ކަމަށް މެޓާއިން ބުނެއެވެ. މި މޮޑެލް ތަޢާރަފްކޮށްފައިވަނީ އޯގަސްޓް މަހު ނެރުނު ދިރާސާ ރިޕޯޓަކާ ގުޅިގެންނެވެ. މި މޮޑެލް މަސައްކަތްކުރަނީ އޯޕަންއޭއައި އިން ފަހުން ތަޢާރަފްކުރި އޯ1 މޮޑެލްތަކުގައި ބޭނުންކުރާ "ޗެއިން އޮފް ތޯޓް" ޓެކްނިކް ބޭނުންކޮށްގެންނެވެ.

މި ޓެކްނިކްގައި ބޮޑެތި އުނދަގޫ މައްސަލަތައް ކުދިކުދި ލޮޖިކަލް ފިޔަވަޅުތަކަކަށް ބަހާލައިގެން ހައްލުކުރެވެއެވެ. މިގޮތުން ސައިންސާއި، ކޯޑިން އަދި ހިސާބު ފަދަ ދާާއިރާތަކުގެ އުނދަގޫ މައްސަލަތަކަށް ޖަވާބު ދިނުމުގައި މި ޓެކްނިކް ބޭނުންކުރުމުން އިތުރު ފުރިހަމަކަމެއް ލިބޭކަމަށް ފާހަގަކުރެވެއެވެ.

މެޓާގެ ތަޙުޤީޤުވެރިން މި އިވެލުއޭޓާ މޮޑެލް ތަމްރީނުކުރުމަށް ބޭނުންކޮށްފައިވަނީ ހަމައެކަނި އޭއައި އިން އުފައްދާފައިވާ ޑޭޓާއެވެ. އެހެންކަމުން މި މަރުޙަލާގައި އިންސާނުންގެ އެއްވެސް ބައިވެރިވުމެއް ނެތެވެ.

މި މަޝްރޫޢުގައި ބައިވެރިވި މެޓާގެ ދެ ތަޙްޤީޤުވެރިން ރޮއިޓާސްއަށް ބުނިގޮތުގައި އޭއައި ބޭނުންކޮށްގެން އެހެން އޭއައި އިވެލުއޭޓްކުރުމުގެ ޤާބިލުކަން ލިބުމުން، އަމިއްލައަށް އަމިއްލަ ކުށްތައް ދަސްކުރެވޭ މިނިވަން އޭއައި އޭޖެންޓްތަކެއް އުފެއްދުމުގެ މަގު ފަހިވެގެންދާނެއެވެ. އޭއައި ދާއިރާގައި ގިނަ ބަޔަކު އުންމީދުކުރަނީ މިފަދަ އޭޖެންޓްތަކަކީ އިންސާނުންގެ އެހީތެރިކަމެއް ނެތި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވޭ ވަރުގެ ޑިޖިޓަލް އެހީތެރިންނަށް ވެގެންދިއުމެވެ.

މި އައު ޓެކްނޮލޮޖީ ބޭނުންކޮށްގެން އަމިއްލައަށް ތަރައްޤީވާ މޮޑެލްތައް އުފެއްދުމުން، މިހާރު ބޭނުންކުރާ އަގުބޮޑު އަދި ނާކާމިޔާބު ޕްރޮސެސްއެއް ކަމަށްވާ "ރީއިންފޯސްމަންޓް ލާނިން ފްރޮމް ހިއުމަން ފީޑްބެކް" ބޭނުންކުރަން ނުޖެހިދާނެއެވެ. މި ޕްރޮސެސްގައި ޚާއްސަ ތަޖުރިބާކާރުންގެ އެހީ ބޭނުންވެއެވެ.

މި މަޝްރޫޢުގައި މަސައްކަތްކުރި ތަޙްޤީޤުވެރިއެއް ކަމަށްވާ ޖޭސަން ވެސްޓަން ބުނިގޮތުގައި އޭއައި އިތުރަށް ތަރައްޤީވެ، އިންސާނުންނަށްވުރެ މޮޅުވަމުންދާއިރު، އަމިއްލަ މަސައްކަތް ޗެކްކުރުމުގައި ވެސް އިތުރަށް ރަނގަޅުވެ، އާންމު އިންސާނުންނަށްވުރެ މޮޅުވެގެންދާނެކަމަށް އުންމީދުކުރެވެއެވެ. އަމިއްލައަށް ދަސްކޮށް އަމިއްލައަށް އިވެލުއޭޓްކުރުމުގެ ޤާބިލުކަމަކީ އިންސާނުންނަށްވުރެ މޮޅު އޭއައި އަކަށް ވާސިލުވުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް އޭނާ ބުނެއެވެ.

ގޫގުލް އަދި އެންތްރޮޕިކް ފަދަ އެހެން ކުންފުނިތަކުން ވެސް "ރީއިންފޯސްމަންޓް ލާނިން ފްރޮމް އޭއައި ފީޑްބެކް" ގެ ކޮންސެޕްޓަށް ދިރާސާތައް ޝާއިޢުކޮށްފައިވެއެވެ. ނަމަވެސް މެޓާއާ ޚިލާފަށް މި ކުންފުނިތަކުން އާންމުކޮށް އެ ކުންފުނިތަކުގެ މޮޑެލްތައް އާންމުންނަށް ބޭނުންކުރެވޭގޮތަށް ދޫކޮށެއްނުލައެވެ.

ހުކުރު ދުވަހު މެޓާއިން ތަޢާރަފުކުރި އެހެނިހެން އޭއައި ޓޫލްތަކުގެ ތެރޭގައި ކުންފުނީގެ "ސެގްމެންޓް އެނީތިން" މޮޑެލްގެ އަޕްޑޭޓެއް، އެލްއެލްއެމް ރެސްޕޮންސް ޖެނެރޭޝަން ޓައިމް އަވަސްކޮށްދޭ ޓޫލެއް، އަދި އައު އިނޯގަނިކް މެޓީރިއަލްތައް ހޯދުމަށް އެހީވެދޭ ޑޭޓާސެޓްތަކެއް ވެސް ހިމެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު