ވަޒީފާގެ މާހައުލުގައި ވަޒީފާ ދިން ފަރާތުގެ އިހުމާލަކުން މުވައްޒަފެއްގެ ފުރާނަ ގެއްލިއްޖެނަމަ، 1.4 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ބޮޑު ބަދަލެއް އެ މުވައްޒަފުގެ ވާރިސުންނަށް ދޭންޖެހޭ ގޮތަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން ގަވާއިދެއް އެކުލަވާލައިފިއެވެ.
'މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ޤަވާއިދު'ގައި ވަނީ މަސައްކަތުގެ މާހައުލުގައި ނުވަތަ މަސައްކަތުގެ ސަބަބުން މީހަކަށް އަނިޔާއެއްވެ، ވަގުތީ ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވެއްޖެނަމަ، އަދި މަސައްކަތްތެރިއެއްގެ ފުރާނަ ހިނގައްޖެނަމަ، ޚަރަދުތަކާއި ގެއްލުމުގެ ބަދަލު އެ މީހަކަށް ނުވަތަ އެ މީހެއްގެ ވާރިސުންނަށް ދޭންޖެހޭނެ ކަމަށެވެ.
އެގޮތުން, ލިބުނު އަނިޔާއެއްނަމަ ބޭސްފަރުވާގެ ހުރިހާ ޚަރަދަކާއި، އަނިޔާގެ ސަބަބުން މަސައްކަތަށް ނުނިކުމެވޭ ދުވަސްތަކުގެ އުޖޫރައާއި، އަނިޔާގެ ސަބަބުން ކުރިމަތިވި ވަގުތީ އަދި ދާއިމީ ނުކުޅެދުންތެރިކަމުގެ ބަދަލު ދޭންޖެހޭނެއެވެ.
ހަމައެއާ އެކު މަސައްކަތުގެ މާހައުލުން ލިބުނު ގެއްލުމަކުން މުވައްޒަފުގެ ފުރާނަ ގޮސްފިނަމަ، ގެއްލުމުގެ ބަދަލު އާއިލާއަށް ދޭންޖެހެއެވެ.
އެ ބަދަލު ދޭއިރު މުވައްޒަފަކާ މަސައްކަތް ހަވާލުކުރި ފަރާތުން އިހުމާލުވެފައި އޮތް މިންވަރާއި މަސައްކަތްތެރިޔާގެ އުމުރާއި އޭނާގެ އުޖޫރައަށް ބަލާނެއެވެ. އެގޮތުން, ބަދަލު ދޭންޖެހޭ އެންމެ ކުޑަ އަދަދަކީ 1.46 މިލިއަން ރުފިޔާ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. ބަދަލު ނަގައިދެވޭނެ އެންމެ ބޮޑު އަދަދަކީ 15.4 މިލިއަން ކަމަށް އެ ގަވާއިދުގައިވެއެވެ.
އަދި، މަސައްކަތް ހަވާލުކުރި ފަރާތުގެ އެއްވެސް އިހުމާލެއް ނެތި ދިމާވި ހާދިސާއެއްގެ ސަބަބުން މުވައްޒަފުގެ ފުރާނަ ހިނގައްޖެނަމަ، ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 50،000 ރުފިޔާ ވާރިސުންނަށް ދޭންޖެހޭނެއެވެ.
މީގެ އިތުރުން، ވަޒީފާގެ މާހައުލުގައި ދާއިމީ ނުކުޅެދުންތެރިކަމެއް ދިމާވާ މަސައްކަތްތެރިއަކަށް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އެންމެ ގިނަވެގެން 19 މިލިއަން ރުފިޔާ ދޭންޖެހޭނެއެވެ. އަދި، އެންމެ ދަށް އަދަދަކީ އެއް މިލިއަން ރުފިޔާއެވެ. ބަދަލު ދޭންޖެހޭ އަގު ކަނޑައެޅުމުގައި މީހާގެ އުމުރާއި ނުކުޅެދުންތެރިކަމުގެ ނިސްބަތާއި އަދިވެސް އެހެން ބައެއް ކަންކަމަށް ބަލަން ޖެހެއެވެ.