ޑުރަގު ކޯޓުގެ އަމުރަށް ފަރުވާ ހޯދާ މީހުން އެއްބާރުލުން ނުދޭނަމަ ގާނޫނީ ފިޔަވަޅު އަޅަނީ

އެންޑީއޭ ބޯޑުގެ ޗެއާޕާސަން ލުބްނާ ޒާހިރު: ޑުރަގު ކޯޓުގެ އަމުރަށް ފަރުވާ ހޯދާ މީހުން އެއްބާރުލުން ނުދޭނަމަ ގާނޫނީ ފިޔަވަޅު އަޅަން ވަނީ މަޝްވަރާކޮށްފައި -- ފޮޓޯ/ އެންޑީއޭ

މަސްތުވާތަކެތީގެ މައްސަލަތަކުގައި ޑުރަގް ކޯޓުގެ ދަށުން ފަރުވާއަށް ހުކުމްކޮށް، ފަރުވާ ތަންފީޒު ކުރަން ފެށުމަށް ފަހު އެކަމަށް އެއްބާރުލުން ނުދޭ މީހުންނަށް ގާނޫނީ ފިޔަވަޅު އެޅުމަށް މަޝްވަރާކޮށްފިއެވެ.

ހޯމް މިނިސްޓްރީން ބުނި ގޮތުގައި މި މަޝްވަރާކޮށްފައި ވަނީ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ބޯޑާއި ޑްރަގް ކޯޓާ ދެމެދުގައެވެ. އެގޮތުން އެންޑީއޭގެ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށާއި، އެންޑީއޭގެ ޓެކްނިކަލް ކޮމިޓީއާއި ޑްރަގް ކޯޓާ ގުޅިގެން ކުރާ މަސައްކަތްތަކުގައި އެދެވޭ ނަތީޖާ ނެރުމަށްޓަކައި ދެފަރާތުން ކުރަންޖެހޭ ކަންތައްތަކާ މެދު މަޝްވަރާ ކުރުމަށް ނިންމާފައި ވާކަމަށް ވެސް ހޯމް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ ތިން ސަރަޙައްދެއްގައި ރިހެބިލިޓޭޝަން ފަރުވާ ދޭ މަރުކަޒު ގާއިމުކުރުމުގެ މަސައްކަތްތައް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެ މަރުކަޒުތައް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ކ. ކާށިދޫއާއި ނ. ވެލިދޫގެ އިތުރުން ލ. އަތޮޅުގައެވެ.

ރާއްޖެއިން ބޭރުން ޑްރަގް ރިހެބިލިޓޭޝަން ފަރުވާ ހޯދަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މެލޭޝިޔާގެ ސޮލޭސް އޭޝިއާ ސީޑީއެން ބީއެޗްޑީއާއެކު އެމްއޯޔޫގައި ސޮއިކޮށް، އެންޑީއޭން ހުއްދަ ދީފައިވާ ސެންޓަރެއްގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅާފައެވެ.

އެ އެޖެންސީން ދެމުންގެންދާ ރިމާންޑް ސެންޓަރުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން، އެންޑީއޭގެ ރެޒިޑެންޝަލް ފަރުވާގެ ޚިދުމަތްދެވޭ ހުރިހާ މަރުކަޒުތަކުން ރިމާންޑް ސެންޓަރުގެ ޚިދުމަތް ދެވޭނެ އިންތިޒާމްތައް ވެސް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން ގއ.ދާންދޫ ސިއްހީ މަރުކަޒާއި އެންޑީއޭ ގުޅިގެން އެރަށުގައި ޑިޓޮކްސްގެ ޚިދުމަތް ފަށާފައިވެއެވެ. އަދި ފުވައްމުލަކު ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގައި މިއަހަރުގެ މާޗު މަހުވަނީ މެތަޑޯން ފަރުވާގެ ޚިދުމަތް ފަށައިފައެވެ.

comment ކޮމެންޓް