ބޮމުގެ އިންޒާރަކާ ގުޅިގެން އެއާ އިންޑިއާގެ ބޯޓެއް ކުއްލި ގޮތަކަށް ކެނެޑާއަށް ޖައްސައިފި

އެއާ އިންޑިއާގެ ބޯޓެއް. އެ އެއާލައިންގެ ބޯޓަކަށް ދިން ބޮމުގެ އިންޒާރަކާ ގުޅިގެން އެ ބޯޓު ވަނީ ކުއްލި ގޮތަަކަށް ކެނެޑާގައި ޖައްސާފައި. ފޮޓޯ/ރޮއިޓާސް

ބޮމެއް އޮތް ކަމަށްބުނެ ދިން އިންޒާރަކާ ގުޅިގެން އެއާ އިންޑިއާގެ މަތިންދާބޯޓެއް ކުއްލި ގޮތަކަށް އިއްޔެ ކެނެޑާއަށް ޖައްސާފައިވާ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

ޗެނަލް ނިއުސް އޭޝިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީން ޝިކާގޯއަށް ދަތުރުކުރި ފަސިންޖަރު މަތިންދާބޯޓަށް އިންޒާރު ދީފައި ވަނީ އޮންލައިންކޮށެވެ. އެހެންވެ، ސަލާމަތީ ގޮތުން ބޯޓު ކުއްލި ގޮތަކަށް ކެނެޑާގެ އިކަލޫޓް އެއާޕޯޓަށް ޖެއްސީ ކަމަށް އެއާ އިންޑިއާއިން ބުނެއެވެ.

އެ މަތިންދާބޯޓާއި ފަސިންޖަރުން ކަނޑައެޅިފައިވާ ސެކިއުރިޓީ ޕްރޮޓޮކޯލްގެ މަތިން އަލުން ސްކްރީން ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެއާ އިންޑިއާއިން ފާހަގަކުރާ ގޮތުގައި އެއާ އިންޑިއާއި އަދި އެ ގައުމުގެ އެހެން އެއާލައިންތަކަށް ވެސް ފާއިތުވި ދުވަސްތަކުގައި ގިނަ އިންޒާރުތަކެއް ލިބިފައިވެއެވެ.

އެ ހުރިހާ އިންޒާރުތަކަކީ ވެސް ދޮގު އިންޒާރުތަކެއް ނަމަވެސް، ޒިންމާދާރު އެއާލައިން އޮޕަރޭޓަރެއްގެ ގޮތުގައި ހުރިހާ އިންޒާރުތަކެއް ވެސް ސީރިއަސްކޮށް ނަގައެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޮމެއް އޮތް ކަމަށްބުނެ އިންޒާރު ދިނުމުން މުމްބާއީ އިން ނިއުޔޯކަށް ދަތުރުކުރި އެއާ އިންޑިއާގެ ބޯޓެއް ހޯމަ ދުވަހު ވެސް ވަނީ ދަތުރުގެ މެދުތެރެއިން ނިއުދިއްލީއަށް އެނބުރިގޮސްފައެވެ.

އިންޑިއާގެ ލޯކޯސްޓް އޮޕަރޭޓަރު އިންޑިގޯގެ ދެ ބޯޓަކަށް ވެސް އެފަދަ ދޮގު އިންޒާރެއް ލިބިފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެއެވެ.

އެންޑީޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި ދަރުބަންގާއިން މުމްބާއީއަށް ދިޔަ ސްޕައިސްޖެޓްގެ ފްލައިޓަކާއި ބާގްޑޮގްރާއިން ބެންގަލޫރުއަށް ދިޔަ އަކާސާ އެއާގެ ފްލައިޓަކަށް ވެސް ބޮމުގެ އިންޒާރު ދީފައިވެއެވެ.

comment ކޮމެންޓް