އެޕަލްއިން އޭއައި ފީޗާތަކާއެކު އައު އައިޕެޑް މިނީ ތައާރަފުކޮށްފި

އެމެރިކާގެ ނިއުޔޯކް ސިޓީގެ މެންހަޓަން ބަރޯގެ ގްރޭންޑް ސެންޓްރަލް ޓާމިނަލްގައި ހުންނަ އެޕަލް ސްޓޯރުގައި އެޕަލްގެ މުވައްޒަފުން ތަކެއް މަސައްކަތް ކުރަނީ .--- ފޮޓޯ: ރޮއިޓާސް

އެމެރިކާގެ އެންމެ ވަރުގަދަ ޓެކްނޮލޮޖީ ކުންފުނި އެޕަލްއިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފީޗާތަކާއެކު އައު ޖީލުގެ އައިޕެޑް މިނީ ތައާރަފުކޮށްފިއެވެ.

އަންގާރަ ދުވަހު ތައާރަފުކުރި މި އައު އައިޕެޑް މިނީގައި ލިޔުމުގެ ޓޫލްތަކާއި، އިތުރަށް ތަރައްޤީ ކޮށްފައިވާ ސިރީ އެސިސްޓެންޓް ހިމެނެއެވެ. މިއީ އެޕަލްގެ ޑިވައިސްތަކުގައި އާޓިފިޝަލް އިންޓެލިޖެންސްގެ ޤާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ނެރުނު އެއްޗެކެވެ.

އައު އައިޕެޑް މިނީ ރަން ކުރަނީ އެޕަލްގެ އޭ 17 ޕްރޯ ޗިޕްއިންނެވެ. މިއީ އައިފޯން 15 ޕްރޯ އަދި ޕްރޯ މެކްސް މޮޑެލްތަކުގައި ވެސް ބޭނުންކުރާ ޗިޕެވެ. ސިކްސް ކޯ ސެންޓްރަލް ޕްރޮސެސިން ޔުނިޓް (ސީޕީޔޫ) އާއެކު، މި ޗިޕްއިން މިހާރުގެ އައިޕެޑް މިނީތަކާ އަޅާބަލާއިރު ސީޕީޔޫގެ ޕާފޯމަންސް 30 އިންސައްތަ އިތުރުވާނެކަމަށް އެޕަލްއިން ބުނެފައިވެއެވެ.

އެޕަލްއިން ބުނިގޮތުގައި އެމެރިކާގެ އިނގިރޭސި ވާޝަންގައި ފުރަތަމަ ސެޓް އޭއައި ފީޗާތައް މި މަހު ތެރޭގައި އައިޕެޑްއޯއެސް 18.1 އަޕްޑޭޓް މެދުވެރިކޮށް ލިބެން ފަށާނެއެވެ. އޭ17 ޕްރޯ ނުވަތަ އެމްވަން ޗިޕް އަދި އޭގެ ފަހުގެ ޖީލުތަކުގެ ޗިޕްތައް ހިމެނޭ އައިޕެޑްތަކަށް މި ފީޗާތައް ލިބޭނެއެވެ.

އިމޭޖް ޖެނެރޭޝަން ޓޫލްތަކާއި، ޖެންމޯޖީ އަދި ޗެޓްޖީޕީޓީ ޤާބިލުކަން ހިމެނޭ އިތުރު ފީޗާތައް ކުރިއަށް އޮތް މަސްތަކުގައި ތައާރަފު ކުރާނެކަމަށް ވެސް އެޕަލްއިން ބުނެފައިވެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ޔޫޒަރުން އިންތިޒާރުކުރަމުން އައި، އޭއައި ފީޗާތައް ހިމެނޭ އައިފޯން 16 ސީރީޒް މިދިޔަ ސެޕްޓެމްބަރު މަހު އެޕަލްއިން ތަޢާރަފުކުރި ނަމަވެސް އޭއައި ފީޗާތައް އަދިވެސް ޓެސްޓް މޯޑުގައި ހުރުމާއެކު، އިންވެސްޓަރުން އެހާ ޝައުޤުވެރިކަމެއް ނުދައްކައެވެ. އަދި ފުރަތަމަ ވިއްކި މިންވަރުން ޑިމާންޑާ މެދު ސުވާލު އުފެދުނެވެ.

ނަމަވެސް ރިސާޗް ފާމް ކެނަލިސިސްއިން ހޯމަ ދުވަހު ބުނިގޮތުގައި އައިފޯން 16 އިން އެޕަލްގެ ހަތަރުވަނަ ކުއާޓަރުގެ ވިއްކުންތަކަށް އެހީތެރިވެ، 2025ގެ ފުރަތަމަ ދެ ކުއާޓަރުގައި މޮމެންޓަމް ދެމެހެއްޓޭނެއެވެ. އެޕަލްއިން ތިންވަނަ ކުއާޓަރުގައި ރެކޯޑު އަދަދަކަށް ޝިޕްމަންޓްތައް ފޮނުވާފައިވާކަމަށް ކެނަލިސިސްއިން ބުނެފައިވެއެވެ.

އައު އައިޕެޑް މިނިގެ އެންމެ ފާހަގަކޮށްލެވޭ އެއް ފީޗާއަކީ އެޕަލް އިންޓެލިޖެންސް ސޮފްޓްވެއާ ރަން ކުރުމުގެ ޤާބިލުކަމެވެ. މިއީ އެޕަލްގެ އަމިއްލަ އޭއައި ސޮފްޓްވެއާ އެކެވެ. މި ސޮފްޓްވެއާގެ ސަބަބުން ޔޫޒަރުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެޕަލްއިން ބުނެފައިވެއެވެ.

އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވި ގޮތުގައި މި އައު އައިޕެޑް މިނީއަކީ ޕޯޓަބަލް ކޮމްޕިއުޓިންގެ މުސްތަޤުބަލަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

"އަޅުގަނޑުމެންގެ އައު އައިޕެޑް މިނީއިން ޔޫޒަރުންނަށް އެމީހުންގެ އުފެއްދުންތެރިކަމާއި އެންޓަރޓެއިންމަންޓް ތަޖުރިބާ އައު ފެންވަރަކަށް ގެންދެވޭނެ،" ކުކް ވިދާޅިދާޅުވިއެވެ.

އައު އައިޕެޑް މިނީ ވިއްކަން ފަށާނީ މި މަހުގެ 22ވަނަ ދުވަހުން ފެށިގެންނެވެ. އަގުތައް ފެށޭނީ 499 ޑޮލަރުންނެވެ. މީގެ އިތުރުން ޕްރީ އޯޑާ ކުރުމުގެ ފުރުސަތު މިހާރު ވެސް ވަނީ ހުޅުވާލާފައެވެ.

އެޕަލްގެ ވާދަވެރިންނާ އަޅާބަލާއިރު، މި އައު އައިޕެޑް މިނީއަކީ އޭއައި ފީޗާތަކާއެކު ނެރޭ ފުރަތަމަ ޓެބްލެޓެއް ނޫނެވެ. ގޫގުލްއާއި މައިކްރޯސޮފްޓްގެ ބައެއް ޑިވައިސްތަކުގައި މިހާރު ވެސް އޭއައި ފީޗާތައް ހިމެނެއެވެ. ނަމަވެސް އެޕަލްގެ ބްރޭންޑް ލޯޔަލްޓީއާއި ޑިވައިސްތަކުގެ ފެންވަރަށް ބަލާއިރު، މި އައު އައިޕެޑް މިނީއަށް ބޮޑު މާކެޓް ޝެއާއެއް ލިބޭނެކަމަށް އަންދާޒާކުރެވެއެވެ.

ޓެކްނޮލޮޖީ ދާއިރާގެ ތަޙުލީލުކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެޕަލްގެ މި ފިޔަވަޅަކީ އޭއައި ޓެކްނޮލޮޖީގެ ދާއިރާގައި ކުރިއަށް ދިއުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ. އަދި ކުރިއަށް އޮތް ތަނުގައި އެޕަލްގެ އެހެން ޑިވައިސްތަކުގައި ވެސް މިފަދަ އޭއައި ފީޗަރތައް ފެންނާނެކަމަށް ލަފާކުރެވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު