ދުނިޔޭގެ ފުރަތަމަ އަމިއްލަ މިނީ ނިއުކްލިއާ ރިއެކްޓަރުތައް ގޫގުލް އިން ގަންނަނީ

ޕެންސިލްވޭނިއާގެ ތްރީ މައިލް އައިލެންޑްގައި ހުރި ހަކަތަ ޕްލާންޓް --- ފޮޓޯ: ގޫގުލް

އެމެރިކާގެ އެންމެބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި ގޫގުލް އިން ދުނިޔޭގެ ފުރަތަމަ އަމިއްލަ މިނީ ނިއުކްލިއާ ރިއެކްޓަރުތަކެއް ގަތުމަށް އެއްބަސްވެއްޖެއެވެ.

މި ރިއެކްޓަރުތަކަކީ ކެލިފޯނިއާގެ ކައިރޯސް ޕަވާ ކުންފުނިން އުފައްދާފައިވާ ރިއެކްޓަރު ތަކެކެވެ. މި ކުންފުނިން ތައްޔާރުކުރާ ކޮންމެ މިނީ ނިއުކްލިއާ ރިއެކްޓަރަކުން 500 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެއެވެ. ކައިރޯސް ޕަވާ އިން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ފުރަތަމަ ވިޔަފާރި ރިއެކްޓާ 2030ވަނަ އަހަރު ބޭނުންކުރަން ފެށޭނެއެވެ. އަދި އިތުރު ރިއެކްޓަރުތައް 2035ވަނަ އަހަރާ ހަމައަށް ބޭނުންކުރަން ފެށޭނެއެވެ.

ގޫގުލްގެ ހަކަތައާއި މޫސުމާބެހޭ ސީނިއާ ޑިރެކްޓަރު މައިކަލް ޓެރެލް ވިދާޅުވި ގޮތުގައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ބޭނުން އިތުރުވުމާ ގުޅިގެން ޓެކްނޮލޮޖީ ދާއިރާގެ ހަކަތައިގެ ބޭނުން އިތުރުވެފައިވެއެވެ.

އޭނާ ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން އައު ޓެކްނޮލޮޖީއެއް އަވަސް ކުރެވި، ސާފު އަދި އިތުބާރުހުރި ގޮތެއްގައި ހަކަތައިގެ ބޭނުންތައް ފުއްދައި، އޭއައިގެ ފުރިހަމަ ޤާބިލުކަން އެންމެންނަށް ލިބިގެންދާނެ ކަމަށެވެ.

ގޫގުލްގެ މި އެއްބަސްވުން ހަދާފައި މިވަނީ މައިކްރޯސޮފްޓްއިން ވެސް ޕެންސިލްވޭނިއާގެ ތްރީ މައިލް އައިލެންޑްގައި ހުރި ހަކަތަ ޕްލާންޓަކުން މަދުވެގެން 20 އަހަރުގެ ހަކަތަ ގަތުމަށް އެއްބަސްވި ތާ މަދު ދުވަސްކޮޅެއްގެ ފަހުންނެވެ.

އަދި މީގެ ކުރިން މާޗް މަހު އެމެޒޯން އިން ވެސް 960 މެގަވޮޓްގެ ނިއުކްލިއާ ހަކަތައިން ހިންގާ ޑޭޓާ ސެންޓަރެއް ގަތުމަށް 650 މިލިއަން ޑޮލަރަށް އެއްބަސްވެފައިވެއެވެ.

މިފަދަ ކުދި މޮޑިއުލާ ރިއެކްޓަރުތައް (އެސްއެމްއާރު) ދަނީ ބޮޑެތި ސިނާޢީ މަސައްކަތްތައް ކާބަން މަދުކުރުމަށާއި، ދެމެހެއްޓެނިވި ހަކަތައިގެ ވަސީލަތެއްގެ ގޮތުގައި ބެލެވެމުންނެވެ. މި ރިއެކްޓަރުތައް ފެކްޓަރީގައި އުފައްދައި، ބޭނުންކުރާ ތަނުގައި އެއްކުރެވޭ ގޮތަށް ފަރުމާކުރެވިފައިވެއެވެ.

އިނގިރޭސިވިލާތުގައި ރޯލްސް ރޯއިސް ވެސް ދަނީ މިފަދަ އެސްއެމްއާރުތަކެއް އުފެއްދުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް، އެ ކުންފުނީގެ މިނީ ނިއުކްލިއާ ރިއެކްޓަރު ވިޔަފާރިން ފާއިތުވި ހަފްތާގައި 78 މިލިއަން ޕައުންޑްގެ ގެއްލުމެއް ވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ރޯލްސް ރޯއިސް އިން އުންމީދުކުރަނީ މުސްތަޤުބަލުގައި އެ ކުންފުނީގެ ކޮންމެ މިނީ ނިއުކްލިއާ ރިއެކްޓަރެއް ދެ ބިލިއަން އާއި ތިން ބިލިއަން ޕައުންޑާ ދެމެދުގެ އަގެއްގައި ވިއްކޭނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު