ޑެލް ޓެކްނޮލޮޖީގެ އެހީއާއެކު އޭއައި ބޭނުންކުރާނެ ގޮތުގެ ސެޝަންތަކެއް މެކްސްކޮމްއިން ބާއްވައިފި

ޑެލް ޓެކްނޮލޮޖީގެ އެހީއާއެކު އޭއައި ބޭނުންކުރާނެ ގޮތުގެ ސެޝަންތަކެއް މެކްސްކޮމްއިން ބޭއްވި ސެޝަންގެ ތެރެއިން: މެކްސްކޮމްއިން ޑެލްއާއެކު މަސައްކަތްކުރާތާ 14 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ -- ސަން ފޮޓޯ/ އަމަން ލަތީފް

މެކްސްކޮމްއިން، ޑެލް ޓެކްނޮލޮޖީގެ އެހީއާއެކު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރާނެ ގޮތުގެ ސެޝަންތަކެއް ބާއްވައިފިއެވެ.

މި ސެޝަންތަކަކީ ކޮންމެ އަހަރަކު ވެސް އައިޓީ އިންޑަސްޓްރީއަށް ތަޢާރަފުކުރާ އައު ޓެކްނޮލޮޖީތައް މެކްސްކޮމްގެ ކްލައިންޓުންނާ ހަމައަށް ގެނެސްދިނުމަށްޓަކައި އެ ކުންފުނިން ބާއްވާ "ސީރީޒް އޮފް އިވެންޓްސް"ގެ ތެރެއިން ބޭއްވި ސެޝަންތަކެކެވެ.

މި ސެޝަންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ ޑެލް ޓެކްނޮލޮޖީސްގެ ހާޑްވެއާ ބޭނުންކޮށްގެން ދިވެހިރާއްޖޭގެ މާކެޓުގައި އޭއައި ކުރިއަށް ގެންދާނެ ގޮތްތަކުގެ މައްޗަށެވެ. މީގެ އިތުރުން، މުޖުތަމަޢުގެ ތެރޭގައި އޭއައި އާ ގުޅޭގޮތުން އޮޅުންއަރާ ކަންތައްތައް އޮޅުން ފިލުވައިދިނުމަށާއި، އޭއައި ބޭނުންކޮށްގެން ރަނގަޅު މަޢުލޫމާތު ދިނުމަށް ވެސް މި ސެޝަންތަކުގައި މަސައްކަތްކޮށްފައިވެއެވެ.

ޑެލް ޓެކްނޮލޮޖީގެ އެހީއާއެކު އޭއައި ބޭނުންކުރާނެ ގޮތުގެ ސެޝަންތަކެއް މެކްސްކޮމްއިން ބޭއްވި ސެޝަންގެ ތެރެއިން -- ސަން ފޮޓޯ/ އަމަން ލަތީފް

މި ސެޝަންތަކުގައި ޑެލް ކުންފުނީގެ ސްޕީކަރުން މައުލޫމާތު ދެއްވާފައިވެއެވެ. އަދި ކޮންމެ ސްޕީކަރެއްގެ ވާހަކަ ނިމުމުން، ބައިވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ދީފައިވެއެވެ.

މި ސެޝަންތަކުގައި ސަރުކާރުގެ ބައެއް އިދާރާތަކާއި ބޮޑެތި އެސްއޯއީތަކުގައި އޭއައި ބޭނުންކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ގާއިމުކުރާނެ ގޮތްތަކާ ބެހޭ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.

މެކްސްކޮމްގެ ޗީފް ޓެކްނިކަލް އޮފިސަރު އަހުމަދު ސިބާހު -- ސަން ފޮޓޯ/ އަމަން ލަތީފް

މެކްސްކޮމްގެ ޗީފް ޓެކްނިކަލް އޮފިސަރު އަހުމަދު ސިބާހު ވިދާޅުވި ގޮތުގައި މިއީ ދިވެހިރާއްޖޭގައި އޭއައި ޓެކްނޮލޮޖީ ތައާރަފުކުރުމަށާއި، އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދި މެކްސްކޮމްގެ ފަރާތުން މި ސެޝަންތައް ބޭއްވުމުގެ މަގްސަދަކީ، އައު ޓެކްނޮލޮޖީތަކާ ބެހޭ މައުލޫމާތު ކްލައިންޓުންނާ ހިއްސާކުރުމާއި، އޭއައި ދާއިރާގައި ހުރި ފުރުސަތުތަކާއި ގޮންޖެހުންތަކާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ޑެލްއާއެކު މަސައްކަތްކުރާތާ 14 އަހަރަށް ވުރެ ގިނަ ދުވަސް މިވަނީ. ޑެލްގެ ކޮންމެ ޓެކްނޮލޮޖީއެއް ނުކުތް ނަމަވެސް އަޅުގަނޑުމެން މިދަނީ އެ މާކެޓަށް އެކްސްޕޯސްކުރަމުން. ޑެލްގެ ޓެކްނޮލޮޖީގެ ތެރޭގައި ކޮމްޕިއުޓް ސްޓޯރޭޖް، އެކި އެންޑް ޔޫޒާ ލެޕްޓޮޕްސް، ކޮމްޕިއުޓާސް އަޅުގަނޑުމެން އެބަ ގެންގުޅެން މާކެޓުގައި،" ސިބާހު ވިދާޅުވިއެވެ.

"...މި އިވެންޓުގައި އަޅުގަނޑުމެން އޭއައި މާކެޓުގައި އެކްސްޕޯސް ކުރާނެ. އޭގެ ސަބަބުން ކޮމިއުނިޓީއަށް ފައިދާތައް ކުރާނެ ކަމަށް ބެލެވޭ."

ޑެލް ޓެކްނޮލޮޖީގެ އެހީއާއެކު އޭއައި ބޭނުންކުރާނެ ގޮތުގެ ސެޝަންތަކެއް މެކްސްކޮމްއިން ބޭއްވި ސެޝަންގެ ތެރެއިން -- ސަން ފޮޓޯ/ އަމަން ލަތީފް

ސިބާހު ވިދާޅުވި ގޮތުގައި މިހާރު އޭއައި ބޭނުންނުކުރާ ފަރާތްތަކަކީ މާކެޓުގައި ވަރަށް ބޮޑަށް އައުޓްޑޭޓްވެފައިވާ ފަރާތްތަކެވެ. ޑެލް ނޫން އެހެން ބްރޭންޑްތަކުން ވެސް އެކަން ހާމަކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭއައިއިން މަސައްކަތަށް ވަރަށް ބޮޑު އެހީތައް ލިބޭކަން ފާހަގަކުރައްވައި ސިބާހު ވިދާޅުވީ މެކްސްކޮމްގެ މަގުސަދަކީ ރާއްޖެ ކަހަލަ ކުޑަކުޑަ މާކެޓެއްގައި ވަރަށް ފަސޭހައިން އޭއައި ބޭނުންކުރެވިދާނެކަން ހާމަކުރުން ކަމަށެވެ.

މި ސެޝަންގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ޚާއްސަ ލަކީޑްރޯއެއް ވެސް ނަގާފައިވެއެވެ.

comment ކޮމެންޓް