ކުޑަކުއްޖަކަށް ސައިކަލު ދިނުން: ފިޔަވަޅު އަޅަން މިނިސްޓްރީއަށް ފޮނުވައިފި

ބްރިޖު ހައިވޭގައި ދުއްވާފައި ދިޔަ ސައިކަލެއްގެ ހުންގާނު ކުޑަ ކުއްޖެއްގެ އަތަށް ދީގެންދާ ދުއްވާ މަންޒަރު --- ފޮޓޯ/ ފޭސްބުކް: މިރާއްޖެ

މާލެއިން ހުޅުމާލެއަށް ދުއްވާ ހައިވޭގައި ކުޑަކުއްޖަކަށް ސައިކަލު ހުންގާނުގެ ކޮންޓްރޯލު ދީގެން ދުއްވި މައްސަލައިގައި ފިޔަވަޅު އެޅުމަށް މިއަދު ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް ފުލުހުން ފޮނުވައިފިއެވެ.

މިކަމަ ގުޅިގެން ފުލުހުން ބުނީ، މައްސަލައިގައި ފިޔަވަޅު އަޅަން ފޮނުވީ ޓްރެފިކް ގާނޫނާ ޚިލާފުވެފައި ވާތީކަމަށެވެ.

އެ މައްސަލަ ބަލަންފަށައިފައި ވާކަމަށް މީގެ ކުރިން ފުލުހުން ބުންޏެވެ.

މި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވީ، މިދިޔަ ހުކުރު ދުވަހުއެވެ.

ސޯޝަލް މީޑިއާގައި ވައިރަލްވި ވީޑިއޯއެއްގައި ފެންނަނީ ބްރިޖު ހައިވޭއިން މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ސައިކަލެއްގެ ކޮންޓްރޯލް ކުޑަ ކުއްޖަކަށް ދީފައިފައިވާ މަންޒަރެވެ.

ސްކޫލު ޔުނީފޯމުގައި ކުއްޖާ އިންއިރު ސައިކަލުގައި އިން ފިރިހެން މީހާ އެ ކުއްޖާއަށް ސައިކަލުގެ ކޮންޓްރޯލް ހަވާލުކޮށް، އޭނާގެ ކަނާއަތް ފަލަމަސްގަނޑު މަތީ ބާންދައިގެން، ވާއަތުން ކުޑަކޮށް ހުންގާނުގައި އަތް ޖައްސާލައިގެން އިން މަންޒަރު ފެނެއެވެ.

މި ގޮތަށް ނުރައްކާތެރިކޮށް ދުއްވާ މީހުންގެ ވީޑިއޯ އާންމުވުމަށް އެ މައްސަލަތައް ބެލުމަށް ފަހު ފުލުހުން ފިޔަވަޅު އަޅައެވެ. އެ ގޮތުން، ބުރިޖު މަތިން ހެލްމެޓް ނާޅައި ދުއްވާ ވީޑިއޯއެއް އާންމުވުމުންނާއި ބުރިޖުމަތިން ސައިކަލުގައި ބައިވަރު ގަސްތަކެއް އުފުލާ ވީޑިއޯއެއް އާންމުވުމުން މީގެ ކުރިން ފުލުހުން ފިޔަވަޅު އަޅާފައިވެއެވެ.

މަގުމަތީގެ އެކްސިޑެންޓުތައް މަދުކުރަން ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން، ސައިކަލުގައި ބުރިޖު ޕެޓްރޯލްކުރަން ވެސް ފުލުހުން ވަނީ ފަށާފައެވެ.

comment ކޮމެންޓް