ނިންމުން ބަދަލުކޮށް މުރައިދޫގޭގެ މުވައްޒަފުންގެ ތަފުސީލު ހާމަކުރަނީ

މަޖިލީހުގެ ރައީސް އަބްދުއްރަހީމް: އެ މަނިކުފާނުގެ ގެކޮޅު، މުރައިދޫގޭގެ މުވައްޒަފުންގެ ތަފްސީލު ހާމަކުރަން 241 ކޮމިޓީން ވަނީ ނިންމާފައި -- ފޮޓޯ/ މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ރަސްމީ ގެކޮޅު، މުރައިދޫގޭގައި ތިއްބަވާ މުވައްޒަފުންގެ އަދަދާއި، އެ މުވައްޒަފުންގެ މުސާރައިގެ ތަފުސީލުތައް ހާމަކުރަން ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މިއަދު ނިންމައިފިއެވެ.

މުރައިދޫގޭގައި ތިއްބަވާ މުވައްޒަފުންގެ އަދަދާއި، އެ މުވައްޒަފުންގެ މުސާރައިގެ ތަފުސީލު ހޯދުމަށް އެކިއެކި ފަރާތްތަކުން މަޖިލީހަށް ވަނީ ސިޓީ ފޮނުވާފައެވެ. މިއަދު ހެނދުނު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ އެކަން އިއުލާނުކުރައްވާފައެވެ.

ނަމަވެސް ކޮމިޓީގެ އިއްތިފާގުން އެ ބައްދަލުވުން ސިއްރުކުރިއެވެ. ކޮމިޓީ ބައްދަލުވުމުގައި ހެނދުނު ނިންމީ އެއީ މަޖިލީހުގެ ރައީސްގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ދެކޭތީ އެ މައުލޫމާތު ހާމަނުކުރުމަށެވެ.

ކޮމިޓީން މިފަދައިން ނިންމާފައި ވަނިކޮށް، މިއަދު ހަވީރު 16:00އަށް 241 ކޮމިޓީގެ އިތުރު ބައްދަލުވުމެއް ތާވަލުކުރިއެވެ. އެއީ ހެނދުނު ނިންމި ނިންމުން ބަދަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވުމުން ބޭއްވި ބައްދަލުވުމެއް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރިއެވެ.

ހަވީރު ކޮމިޓީގައި ސަލީމް ވިދާޅުވީ އެ ކޮމިޓީ ބައްދަލުވުން އަލުން ތާވަލުކުރީ އެ ނިންމުމުގައި މުރާޖާކުރަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ ކަމަށެވެ.

ހަވީރު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ މުރައިދޫގޭގެ މައުލޫމާތުތައް ހޯދުމަށް އެދިފައިވާ ފަރާތްތައް އެދުނު ހުރިހާ މައުލޫމާތެއް ފޯރުކޮށްދިނުމަށް ހުށަހަޅުއްވާފައެވެ. އެ ހުށަހެޅުމަށް ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ތާއީދުކުރެއްވިއެވެ.

ހަމައެއާއެކު މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވަނީ މުރައިދޫގޭގެ މުވައްޒަފުންގެ އަދަދާއި، ކްލެސިފިކެޝަނާއި މުސާރަ ހާމަކުރަންޖެހޭނެ ކަމަށާއި އެ މައުލޫމާތު ހާމަކޮށްގެން ގައުމީ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ފަލާހުގެ ހުށަހެޅުމަށް ތާއީދުކުރައްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވިދާޅުވީ މީގެ ކުރިން ވެސް ވުޒާރާތަކުގައި ތިއްބަވާ ފަރާތްތަކުގެ ވަނަވަރު ވެސް ހާމަކުރި ކަަމަށެވެ. މީހުންގެ ނަމާއި މުސާރައާއި މަގާމު ހާމަކުރުމަކީ ޒާތީކަމެއް ނޫންކަމަށާއި އެކަން ނުކުރާނަމަ ބޮޑު ޖޯކަކަށް ވާނެ ކަމަށެވެ.

"ވައިޓް ހައުސް ކަހަލަ ބޮޑެތި ތަންތަނުގައި ވެސް ތިއްބަވާ ބޭފުޅުންގެ ވަނަވަރު އެބަ އެނގިލައްވާ. ބަގީޗާ ބަލަހައްޓަން ތިބޭ މީހުންގެ ނަންތައް ހާމަކުރުމަކީ މައްސަލައެއް ނޫން،" އަޒާން ވިދާޅުވިއެވެ.

ފަލާހުގެ ހުށަހެޅުން ފާސްކުރީ އެ ބައްދަލުވުމަށް ހާޒިރުވެ ތިއްބެވި އެންމެ މެންބަރެއް ފިޔަވާ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. ދެކޮޅު ހެއްދެވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލް ޣަފޫރު މޫސާއެވެ.

ޣަފޫރު ވަނީ އެ ކޮމިޓީ ގަވާއިދާ ޚިލާފަށް ކުރިއަށްދާ ކަމަށް ވިދާޅުވެ އަޑުގަދަކުރައްވާފައެވެ. ހެނދުނު ކޮމިޓީން ވަކިގޮތެއް ނިންމާފައި ވަނިކޮށް އަލުން އެ މައްސަލަ ނުބޭއްވޭނެ ކަމަށާއި ކައުންސިލް ޖެނެރަލްގެ ލަފައެއް ހޯދަން ޖެހޭނެ ކަަމަށް އަބްދުލް ޣަފޫރު ވިދާޅުވިއެވެ.

ނަމަވެސް ކޮމިޓީގެ މުގައްރިރު ސަލީމް ވިދާޅުވީ ކޮމިޓީން ނިންމި ކަމެއް ބާތިލުކުރުމުގެ ބާރު ކޮމިޓީއަށް އޮންނާނެ ކަމަށެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް، މުއަރިދޫގެއަށް ބަދަލުވެވަޑައިގަތީ ޖުލައި 28ގައެވެ. އެއަށްފަހު މުރައިދޫ ގޭގެ އެންމެ އިސް ވެރިޔާގެ މަގާމަށް ނޫސްވެރިޔާ މުންޑޫ އާދަމް ހަލީމް ޖުލައި މަހުގެ 28ވަނަ ދުވަހު ހަމަޖެއްސިއެވެ. އަދި މުރައިދޫގޭގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ހަމަޖައްސާފައެވެ.

މަޖިލީހުގެ ރައީސްކަން ކުރައްވާ ބޭފުޅުންނަށް މުރައިދޫގެ ހަމަޖެއްސެވީ 2021 ވަނަ އަހަރު, ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީސް ރައީސްކަމުގައި ހުންނެވިއިރު އެ މަނިކުފާނު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއަށް ފަހު ގާނޫނަށް ގެނައި އިސްލާހާ އެކުއެވެ.

އޭގެ ކުރިން ރަސްމީ ގެކޮޅު ހަމަޖައްސައިދެނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއާއި ނައިބު ރައީސަށް އެކަންޏެވެ. ނަމަވެސް، އެ ހަމަލާއަށް ފަހު ތިން ބާރުގެ ވެރިންގެ ތެރެއިން މަޖިލީހުގެ ރައީސްއަށާއި އުއްތަމަ ފަނޑިޔާރަށް ވެސް ރަސްމީ ގެކޮޅު ހަމަޖައްސަން ގާނޫނު ވަނީ އިސްލާހުކޮށްފައެވެ.

އެ ގޮތުން، މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ހަމަޖައްސައިދޭ ރަސްމީ ތަންތަނަކީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ތަނަކަށް ވާން ޖެހޭނެ ކަމަށާއި، އެ ދެ ބޭފުޅުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ސިފައިން ތިބެންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.

comment ކޮމެންޓް