އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކުރަން ފަށައިފި

ސްޓެލްކޯއިން އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކުރުމުގެ މަސައްކަތުގައި: ސްޓެލްކޯއިން އެތަން މަރާމާތު ކުރުމުގެ މަސައްކަތް ކުރަން ފަށާފައި ވަނީ އެކުންފުނީގެ ސީއެސްއާރުގެ ދަށުން -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ފައިސާގެ ދަތިކަމާހެދި ހުއްޓައިލައިފައި އޮތް އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކުރުމުގެ މަސައްކަތް ސްޓެލްކޯއިން މިއަދު ފަށައިފިއެވެ.

ސްޓެލްކޯއިން އެތަން މަރާމާތު ކުރުމުގެ މަސައްކަތް ކުރަން ފަށާފައި އެ ވަނީ އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ދަށުންނެވެ.

އިސްލާމީ މަރުކަޒުގެ މުންނާރު އިތުރަށް ފުރިހަމަ ކުރުމަށް ތިރީގައި ހަދާފައިވާ މަސްފެންގަނޑު ހަލާކުވެ މަރާމާތުނުކޮށް އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.

އިސްލާމީ މަރުކަޒުގެ މުންނާރާއި، އިސްލާމީ މަރުކަޒު ސަރަހައްދު މިހާރަށްވުރެ ޒީނަތްތެރިކޮށް އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ކުރަމުން އަންނަނީ އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމުގެ މުނާސަބާތާއި ގުޅިގެންނެވެ.

އެގޮތުން މަސްފެންގަނޑު އަލުން ހަދައިދޭނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން މިމަހު އިއުލާނުކުރިއެވެ. ނަމަވެސް އިގްތިޞާދީ ގޮތުން މި ވަގުތު ރާއްޖެ އޮތް ހާލަތުން އެފަދަ ކަންކަން ކުރުމަކީ އެންމެ މުނާސަބު ކަމަކަށް ނުވާތީ އެ އިއުލާނު ބާތިލް ކުރަން އެ މިނިސްޓްރީން އެންގިއެވެ.

މިނިސްޓަރު ޝަހީމްއާއި އެމްޑީ ފަހުމީ އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީ ---- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އެ އިއުލާނު ބާތިލުކުރި ފަހުން އެ ފެންގަނޑުގެ މަރަމާތާ ގުޅުވައި މަޝްވަރާ ކުރުމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާ ބައްދަލު ކުރައްވާފައެވެ.

އަދި ސްޓެލްކޯގެ ސީއެސްއާރްގެ ދަށުން އެ ފެންގަނޑު މަރާމާތުކުރުމުގެ ޝައުގުވެރިކަން ފާޅުކުރިއެވެ.

އެކަމާ ގުޅިގެން އެކްސްގައި ފަހުމީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމިކް މިނިސްޓްރީއާ ގުޅިގެން އެ މަރުކަޒުގެ ހައިބަތު ފުރިހަމަ ކުރުމަށްޓަކައި މުންނާރުގެ ތިރީގައި އޮންނަ ފެންގަނޑު މަރާމާތު ކުރުމުގެ މަސައްކަތް އެކުންފުނިން ކުރާނެ ކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ މަސައްކަތްތަކަށް ސްޓެލްކޯގެ އެއްބާރުލުން ލިބޭނެ ކަމަށް ފަހުމީ ވިދާޅުވެފައިވެއެވެ.

އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ކުލަ ގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

comment ކޮމެންޓް