ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ރަސްމީ ގެކޮޅު، މުރައިދޫގޭގައި ތިއްބަވާ މުވައްޒަފުންގެ އަދަދާއި، އެ މުވައްޒަފުންގެ މުސާރައިގެ ތަފްސީލު ހޯދުމަށް އެކިއެކި ފަރާތްތަކުން މަޖިލީހަށް ފޮނުވާފައިވާ ސިޓީގެ މައްސަލަ، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މިއަދު ސިއްރުކޮށްފިއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް، މުއަރިދޫގެއަށް ބަދަލުވެވަޑައިގަތީ ޖުލައި 28ގައެވެ.
މަޖިލިސް ޗުއްޓީއިން އެނބުރި އައިސް މިއަދު ވަނީ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާފައެވެ. ޖަލްސާއަށް ފަހު އޮތް 241 ކޮމިޓީގެ ބައްދަލުވުމަށް އެ މައްސަލަ އޮތީ ހުށަހަޅާފައެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުންނަވާ ގޭގެ މުވައްޒަފުންގެ އަދަދާއި، މުވައްޒަފުންގެ މުސާރައާއި، އެ ތަފްސީލު ހޯދަން އެކިއެކި ފަރާތްތަކުން މަޖިލިސް އިދާރާއަށް ފޮނުވާފައި އޮތް ސިޓީއެއް،" ކޮމިޓީގެ މުގައްރިރު، އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވިއެވެ.
ސަލީމް ވަނީ އެ ސިޓީ ކޮމިޓީއަށް ލިބިފައި އޮތްކަން ހާމަކުރައްވާ ކޮމިޓީ ކުރިއަށް ގެންދާނީ ސިއްރުކޮށްގެންތޯ ނުވަތަ ނޫންތޯ ސުވާލުކުރައްވާފައެވެ.
އެއާއެކު ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ ބައްދަލުވުން ސިއްރުކުރަން ހުށަހަޅާފައެވެ. އެ ހުށަހެޅުމަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ތާއީދުކުރެއްވިއެވެ.
އެއާއެކު އެ ބައްދަލުވުން ވަނީ ސިއްރުކޮށްފައެވެ.
މަޖިލީހުގެ ރައީސް މުރައިދޫގެއަށް ބަދަލުވެވަޑައިގެންނެވީ، މަރާމާތަށްފަހުގައެވެ. އެއަށްފަހު މުރައިދޫ ގޭގެ އެންމެ އިސް ވެރިޔާގެ މަގާމަށް ނޫސްވެރިޔާ މުންޑޫ އާދަމް ހަލީމް ޖުލައި މަހުގެ 28 ވަނަ ދުވަހު ހަމަޖެއްސިއެވެ.
މަޖިލީހުގެ ރައީސްކަން ކުރައްވާ ބޭފުޅުންނަށް މުރައިދޫގެ ހަމަޖެއްސެވީ 2021 ވަނަ އަހަރު, ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީސް ރައީސްކަމުގައި ހުންނެވިއިރު އެ މަނިކުފާނު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއަށް ފަހު ގާނޫނަށް ގެނައި އިސްލާހާ އެކުއެވެ.
އޭގެ ކުރިން ރަސްމީ ގެކޮޅު ހަމަޖައްސައިދެނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއާއި ނައިބު ރައީސަށް އެކަންޏެވެ. ނަމަވެސް، އެ ހަމަލާއަށް ފަހު ތިން ބާރުގެ ވެރިންގެ ތެރެއިން މަޖިލީހުގެ ރައީސްއަށާއި އުއްތަމަ ފަނޑިޔާރަށް ވެސް ރަސްމީ ގެކޮޅު ހަމަޖައްސަން ގާނޫނު ވަނީ އިސްލާހުކޮށްފައެވެ.
އެ ގޮތުން، މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ހަމަޖައްސައިދޭ ރަސްމީ ތަންތަނަކީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ތަނަކަށް ވާން ޖެހޭނެ ކަމަށާއި، އެ ދެ ބޭފުޅުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ސިފައިން ތިބެންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.