އިންޑިއާގެ އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭ ހިމެނޭ އާލިއާ ބަޓްއަށް ހޮލީވުޑް ފިލްމުތަކުން ފުރުސަތު ލިބުނަސް އެ ފިލްމުތަކަށް ވަގުތު ހުސްކޮށްލެވެން ނެތް ކަމަށް ބަތަލާ ބުނެފިއެވެ.
ބަތަލާ ކަރީނާ ކަޕޫރު ގެނެސްދޭ ރޭޑިއޯ ޝޯ "ވަޓް ވިމެން ވޯންޓް"އަށް ދިން އިންޓަވިއުއެއްގައި އާލިއާ ބުނީ، މަންމައެއްގެ ޒިންމާ އަދާކުރަމުން ބައިނަލްއަޤުވާމީ ޕްރޮޖެކްޓްތަކަށް ވަގުތު ހުސްކުރުން އަދި ދަތި ކަމަށެވެ. އެހެންނަމަވެސް، ކުރިމަގުގައި ހޮލީވުޑްއިން ލިބޭ ފުރުސަތުތަކާ މެދު ވިސްނާނެ ކަމަށާއި ނަމަވެސް ދަރިފުޅު ރަހާއާ ދުރުގައި ދުވަސްތައް ހޭދަކުރަންޖެހޭ ފަދަ މަސައްކަތަކަށް އެއްބަސްނުވެވޭނެ ކަމަށް އާލިއާ ވަނީ ބުނެފައެވެ.
ހޮލީވުޑްގެ ގިނަ ޕްރޮޖެކްޓްތަކަކީ ވަރަށް ވަގުތު ހުސްކޮށް ވަރަށް ބުރަކޮށް މަސައްކަތް ކުރަންޖެހޭ ޕްރޮޖެކްޓްތަކަށްވުމުގެ އިތުރުން ބައެއް ފަހަރު ހަތަރު ވަރަކަށް މަސް ދުވަސް އާއިލާއާ ދުރުގައި މަސައްކަތްކުރަން ޖެހޭ ކަމަށް އާލިއާ ވަނީ ބުނެފައެވެ.
އެފަދަ ހާލަތެއް ދިމާވެއްޖެނަމަ އާއިލާއާ ދުރުގައި އުޅުމަކީ ފަސޭހަކަމެއް ނޫން ކަމަށް ޤައުމީ އެވޯޑު ކާމިޔާބުކޮށްފައިވާ ބަތަލާ ވަނީ ބުނެފައެވެ.

އާލިއާ ބަޓް ދަރިފުޅު ރަހާއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
އާލިއާއަށް ފިލްމުތަކުން ފުރުސަތު ލިބުނު ނަމަވެސް ފިލްމީ ޕްރޮޖެކްޓަކަށް އެއްބަސްވަނީ އާއިލާގެ މެންބަރުންގެ ލަފާގެ މަތިން ކަމަށާއި އާލިއާއަށް އެންމެ އެކަށީގެންވާ ރަނގަޅު ދަނޑިވަޅުތައް ބެލުމަށް ފަހު ފަށަން ނިންމާ ޕްރޮޖެކްޓްތަކަށް އެއްބަސްވުމުގައި އިސްކަންދޭ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ފިލްމު "ޖިގްރާ"ގެ ބަތަލާ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަންނަ އަހަރު ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާ ފިލްމު "އަލްފާ"އިންނެވެ. މިއީ ޔަޝް ރާޖް ކުންފުނީގެ ސްޕައި ޔުނިވާސްއިން ގެނެސްދޭ ފިލްމެކެވެ. އާލިއާ އަންނަނީ ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ލަވް އެންޑް ވޯ"ގެ މަސައްކަތް ވެސް ކުރަމުންނެވެ.