މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 82.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ މަހު އެކަނި ވެސް މުދަލު ޒަކާތަށް 8.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ނަމަވެސް، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 2.8 މިލިއަން ރުފިޔާއެވެ. އެއީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު، ހަތަރު ގުނަ އިތުރުވުމެކެވެ.
އޭގެ އިތުރުން، މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް 82.5 މިލިއަން ރުފިޔާ މުދަލު ޒަކާތަށް ލިބިފައިވެއެވެ. މިދިޔަ އަހަރު އެ މުއްދަތާ ހަމައަށް ލިބުނީ 70 މިލިއަން ރުފިޔާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ރާއްޖޭގައި މުދަލު ޒަކާތުގެ ނިޞާބު ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީން ކަމަށްވާއިރު، ނިޞާބަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އެގޮތުން، މިހާރު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ މިންވަރަކީ ދިވެހި ރުފިޔާއިން 9353.40 އެވެ.
އޭގެ ކުރިން މިދިޔަ ޖެނުއަރީ މަހު ޒަކާތް ވާޖިބުވާ ނިޞާބުގެ މިންވަރު 7140 ދިވެހި ރުފިޔާއަށް ދަށް ވެސް ކުރިއެވެ.
ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވާނެއެވެ.
މުދަލު ޒަކާތުގެ ނިޞާބަކީ، ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ.
އެއާއެކު، މި އަހަރަކީ މުދަލު ޒަކާތުގެ ފައިސާ ފަގީރުންނާއި މީސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައި ތިބި މީހުންނަށް އެންމެ ގިނައިން ފައިސާ ބެހި އަހަރެވެ. އެގޮތުން، ޒަކާތު ހައުސްއިން މީގެ ކުރިން ބުނި ގޮތުގައި، މި އަހަރު ވަނީ މާލެއާއި އަތޮޅުތަކުން 3،183 މީހުންނަށް ބޮލަކަށް 4،000 ރުފިޔާ ލިބޭ ގޮތަށް މުދަލު ޒަކާތް ބަހާފައެވެ.
ރާއްޖޭގައި މަދު މީހަކު މެނުވީ ފިތުރު ޒަކާތް ދައްކާ ނަމަވެސް، ވަރަށް ގިނަ ބަޔަކު މުދަލު ޒަކާތް ނުދައްކާކަން ފާހަގަވާ ކަމަށް މީގެ ކުރިން ހުކުރު ޚުތުބާގައި ވެސް ވަނީ ބުނެފައެވެ.
އެހެންކަމުން ކުޅަދާނަކަން ލިބިގެންވާ އެންމެހާ މީހުން މުދަލު ޒަކާތް ދެއްކުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.